ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ހޯދައިފި އެވެ.
ނ. ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ އިން ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލުކުރީ ސަން ސިޔާމް އޮޅުވެލިއާ އެވެ.
އޮޅުވެލީގައި ކުޅުނު މިއަދުގެ ފައިނަލް މެޗުގައި، އޮޅުވެލި އަތުން ވެލާ އިން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ އަހުމަދު އިމްތިނާހު އެވެ. ފަހު ވަގުތާ ހަމައަސް އޮޅުވެލިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ވެލާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗުން މޮޅުވެފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލާގެ އަލީ ރާޒީ އެވެ.
މިއީ، ރިސޯޓް ސުޕަ ލީގުގެ ތަށި ވެލާ އިން އުފުލާލި ފުރަތަމަ ފަހަރެވެ.
ވެލާ އިން މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުުރުުުކުރި ސުޕަ ލީގުގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު އެގްރިގޭޓް މޮޅު ހޯދައިގެންނެވެ. ވެލާ އަށް އެ ޖާގަ ލިބުނީ، ބ އަތޮަޅުގެ ޗެމްޕިއަން، ފިނޮޅު ސީސައިޑް މޯލްޑިވްސް ކައިރިން 14-2 ގެ އެގްރިގޭޓަކުން މޮޅުވެގެންނެވެ.
ރިސޯޓް ސުޕަ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމާއި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެލާގެ އަހުމަދު އިމްރާން އެވެ. އޭނާ ވަނީ ސުޕަ ލީގުގައި ފަސް ލަނޑު ޖަހައިފަ އެވެ. އެންމެ މޮޅު ކޯޗަކީ، ވެލާގެ އަހުމަދު ނަސީމް އެވެ.
މި ފަހަރުގެ ރިސޯޓް ސުޕަ ލީގުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެލާގެ މުހައްމަދު ޒާހިދު ސައީދު (ޒާޑު)، އަހުމަދު ޝާފިއުގެ އިތުރުން، އޮޅުވެލީގެ އަލީ ޝިއާއު، މުހައްމަދު ވިގާމް އަދި އަހުމަދު ޒައިން އެވެ.
ރިސޯޓް ލީގު 2013 ވަނަ އަހަރު ފެށުމަށް ފަހު، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، ރިސޯޓް ސުޕަ ލީގު ތައާރަފްކުރި މައިގަނޑު މަގްސަދަކީ، އެކި ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ފޯރިގަދަ ކުރިމަތިލުންތަަކަކަށް ފަހު، ރާއްޖޭގެ ޗެމްޕިއަން ރިސޯޓް ކަނޑައެޅުމަށެވެ. އެ ގޮތުން، ރިސޯޓް ލީގެކޭ އެއްގޮތަށް ސުޕަ ލީގުގެ ފެންވަރު ވެސް އަަހަރަށް މަތި ވަމުންދާއިރު، ރިސޯޓް އިންޑަސްޓްރީގެ އިތުބާރު މި މުބާރާރަތަށް އަންނަނީ ބޮޑުވަމުންނެވެ.












