މިއުނިކް (އޮކްޓޫބަރު 29) - މިދިޔަ ހުކުރު ދުވަހު ބަޔާން މިއުނިކްގެ ދެ ވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި، ސިއްހީ ހާލަތު ހޯސްވެގެން ހޭނެތިގެން ވެއްޓުނު، ބަޔާންގެ ކޯޗު، ވިންސެންޓް ކޮމްޕެނީ، ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އެބާލް ރޭ އެ ޓީމުން ޖަރުމަނު ކަޕްގައި މެގްޑެބާގާ ކުޅުނު މެޗުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކޮމްޕެނީ އަށް ފަސް ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
"ހޮސްޕިޓަލް އިން ދޫކޮށްލުމަކީ މި ވަގުތަށް ލިބުނު އެންމެ އުފާވެރި ހަބަރު. ދެން، އެ މީހުންނަށް ހޯދިއްޖެ މި ދިމާވި ކަންތައް. މެނިންޖިއަލް އިރިޓޭޝަނެއް މި ދިމާވީ. އަހަންނަށް ޔަގީން ވަރަށް އަވަހަށް 100 ޕަސެންޓް އޭނާ ފިޓްވާނެ. ގެ އަށް ގޮސް، ގޭގައި ރިހެބް ކުރިއަށް ގެންދިއުން ދެން އޮތީ،" އެބާލް ބުންޏެވެ.
މެނިނިންޖިއަލް އިރިޓޭޝަން އަކީ ވަކި މުއްދަތެއްގެ ތެރޭގައި ފަރުވާ ނުދީފިނަމަ، ފުރާނަ އަށް ނުރައްކާވަރުގެ ހާލަތަކަށް ދާ ފަދަ ބައްޔެކެވެ.
މެގްޑެބާގް އަތުން ރޭ ބަޔާން މޮޅުވީ 6-1 އިންނެވެ. މި މެޗުގައި ވެސް އެ ޓީމަށް ކޯޗުކޮށްދިނީ ކޮމްޕެނީގެ އެސިސްޓަންޓް ކޯޗު އާރޮން ޑެންކްސް އެވެ. އެބާލް ބުނީ، ކޮމްޕެނީ އެ ޓީމުގެ މަސައްކަތުގައި އެނބުރި އަންނާނެ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު، ޔަގީން ކަމަކީ އެއްކޮށް ފިޓްވުމުން ނޫނީ ޓީމުގެ ހަރަކާތްތަކުން ކޮމްޕެނީ ނުފެންނާނެ ކަމަށެވެ.
ބަޔާނުން ފްރައިބާގް އަތުން ޖަރުމަނު ލީގުގައި 3-1 އިން މޮޅުވި މެޗުގައި ކޮމްޕެނީ އަށް އޮތް ސަޕޯޓް ދައްކާލުމަށް ބަޔާންގެ ސަޕޯޓަރުން ވަނީ ބެނާއެއް ދައްކާކައިފަ އެވެ.












