މެޑްރިޑް (އޮކްޓޫބަރު 29) - އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން އޭނާގެ ކޮންޓްރެކްޓް އޮތް އެތުލެޓިކޯ މެޑްރިޑަށް ނޭނގި ބާސެލޯނާ އިން މަސައްކަތް ކުރުމުން އެ ޓީމު 670 ޑޮލަރުން ޖޫރިމަނާކުރަން ނިންމައިފި އެވެ.
އަލްވަރޭޒް، މި ފަހަރުގެ ޓްރާންސްފާގައި ކްލަބް ބަދަލުކުރަން ބޭނުންވި ނަމަވެސް، 2030 ގެ ޖޫން މަހުގެ ނިޔަލަށް އެތުލެޓިކޯއާ އެކު ކޮންޓްރެކްޓް އޮތުމުން، އެ ކްލަބުން ދޫނުކުރާތީ ޖެހުނީ އެ ޓީމުގައި މަޑުކުރާށެވެ. އަލްވަރޭޒް، ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ ބާސެލޯނާ އިންނެވެ.
ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި، އުމުރުން 26 އަހަރުގެ އަލްވަރޭޒް ބުނެފައިވަނީ، އެންމެ ރަނގަޅު ގޮތަކަށްވާނީ އޭނާ އެދޭ ގޮތަށް ޓްރާންސްފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދިނުމަށް ކަމަށް ބުނެފަ އެވެ. އަލްވަރޭޒް، މިހެން ބުނެފައިވަނީ، ބާސެލޯނާ އިން އޭނާގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގަ އެެވެ. އެހެންވެ، ބާސެލޯނާ އިން އެތުލެޓިކޯ އަށް ނާންގައި ވެސް އަލްވަރޭޒްގެ ޑީލް ކުރިއަށްގެންދެވޭތޯ ބެލީ އެެވެ.
މިކަމާ ހިތްހަމަނުޖެހިގެން އެންމެ ފަހުން، އެތުލެޓިކޯ އިން ރަސްމީކޮށް ބާސެލޯނާގެ މައްސަލަ ހުށަހެޅީ އެވެ. އެތުލެޓިކޯ އިން މި މައްސަލަ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ފީފާ އަށް ހުށަހެޅިއިރު، ފީފާ އިން މި މައްސަލަ ތެރެއަށް ނުވަދެ، ސްޕެިއން ފުޓްބޯޅަ ފެޑެރޭޝަނުން ގޮތް ނިންމާނެކަމަށް އެތުލެޓިކޯ އަށް އެންގީ އެވެ. ސްޕެއިން ފެޑެރޭޝަނުން ވަނީ ބާސެލޯނާ އަށް 670 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އަންގައިފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމުގެ ގޮތުން ކަންތައްތައް ކުރެވުނު ގޮތާ މެދު އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ކިބައިން އަލްވަރޭޒް ވަނީ ދާދި ފަހުން މައާފަށް އެދިފަ އެވެ.
ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު، މެންޗެސްޓާ ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. މީގެ ދެ އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް އަގު އަރާ ޓްރާންސްފާ ޕެކޭޖެއްގައި އެތުލެޓިކޯ އަށް ބަދަލުވި އަލްވަރޭޒް އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް އެތުލެޓިކޯ އަށް ކުޅެދިން، 115 މެޗުން އަލްވަރޭޒް ވަނީ 51 ލަނޑު ޖަހައި 19 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












