about 2 hours 0
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު އާއި އިންފްރާ ސްޓަރަކްޗާ މިނިސްޓަރު މުއްތޮލިބު އަދި ދުވާފަރު ދާއިރެ މެންބަރު މުހައްމަދު އަލީ -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ފައިސާ ހޯދާނެ ގޮތާއި، މަޝްރޫއުތައް ހިންގާނެ ފަންނުވެރިކަން މި ސަރުކާރުގައި ތިބި ކަމަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންގެ ކުރިމަތީގައި ދެއްވި އެވެ. ރީތި ފޮތެއްގައި ލިޔެވިފައިވާ މެނިފެސްޓޯއެއް ވިއްކަވައިގެން، ތަރައްގީގެ އުންމީދީ ހުވަފެންތަކެއް ދައްކަވައިގެން ވެރިކަމަށް ވަޑައިގަތްތާ މީލާދީ ދެ އަހަރު ފުރުނުއިރު، ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ.
"އަމަލީ މަސައްކަތުގެ އަހަރާއި" "ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމުގެ" ގޮތުގައި ރައީސް މުއިއްޒު އިއުލާނުކުރެއްވި ދުވަސްތައް މާޒީވެގެން ދިޔަނަމަވެސް ގައުމުގެ ތަރައްގީ އޮތީ މަޑުޖެހި، ގިނަ މަޝްރޫއުތަކެއް ވަނީ "ހުއްޓުމަކަށް" އައިސްފައެވެ. ކުރީ ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުވައި، އެސްއޯއީތަކާ ހަވާލުކުރިޔަސް ބިންގަލުން މައްޗަށް އެންމެ ގަލެއްވެސް ނުއުފުލެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މިއީ ސަރުކާރުގެ އަމިއްލަ ތާރީހުތަކާއި، މާލީ ހިސާބުތަކުން ފެންނަން އޮތް ހަގީގަތެވެ.
2024 ވަނަ އަހަރުގެ ބަހަނާއަކަށް ހެދީ އެ އަހަރުގެ އެ އަހަރުގެ ބަޖެޓަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ފާސްކުރި ބަޖެޓެއް ކަމަށާއި، އެ ބަޖެޓުގެ ސަބަބުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިތައް ދިމާވީ ކަމަށެވެ.
ނިމިގެން ދިޔަ އަހަރުގެ ބެޖެޓަކީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓެކެވެ. ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި 100 ބިލިއަނަށް ވުރެ ގިނަ ފައިސާ ހޭދަކޮށްލިއިރު، އެ މިންވަރަށް ފެންނާނެ ކަންތައްތަކެއްގެ ގޮތުގައި، ސިޔާސީން އިތުރު ކުރުން ފިޔަވައި، ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއުއެއް މުއިއްޒުއަށް ދައުލަތުގެ ބެޖެޓުން ނުހިންގުނެވެ.
މުއިއްޒު ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް އަދި ރާއްޖޭގެ އެކި ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި މި އަހަރަށް ގިނަ މަޝްރޫއުތައް ނިންމާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތައް މުއިއްޒު ވިދާޅުވި ގޮތަށް ނުނިމެ އެވެ. ބައެއް މަޝްރޫއުތައް ފެށިފައެއް ވެސް ނުވެ އެވެ.
2025 ގައި ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ވިދާޅުވި މަޝްރޫއު ހިމެނެ އެވެ. އެ މަޝްރޫއު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާނެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ފަހުން ވިދާޅުވީ ސްކޫލްތައް އޭސީކޮށް ނިމޭނީ 2026 ގެ ދިރާސީ އަހަރު ފެށެންވާއިރަށް ކަމަށެވެ. މިކަން ވެސް ވާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
އެ މަޝްރޫއު ނިމޭއިރު ހުރިހާ ސްކޫލެއް އޭސީކޮށްފައި ހުންނާނީ ސޯލާގެ އެހީތެރިކަމާއެކު ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމަކީ ވެސް މިދިޔަ އަހަރުގެ އެވެ. އޭރު ވިދާޅުވީ އެ ރަށަކާ އެންމެ އެކަށޭނެ ގޮތަށް ކުއްޔަށް ނުނަގައި އަމިއްލަ ޕޮލިސް ސްޓޭޝަނެއް ކޮންމެ ރަށަކު ގާއިމުކުރާނެ ކަމަށެވެ. މި އަމާޒު ހާސިލެއް ނުވި އެވެ.
އާރުޓީއެލް ހިދުމަތް މިދިޔަ އަހަރު ގާއިމުކޮށް ނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، މިކަން ވެސް ވަނީ ފެއިލްވެފަ އެވެ. ފަހުން މުއިއްޒު ވިދާޅުވީ އާރްޓީއެލް ހިދުމަތް ގާއިމުކޮށް ނިމޭނީ 2026 ގެ މާޗު މަހު ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީގެ ނެޓްވޯކަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން 65 ލޯންޗު ބަނދެ، ރާއްޖޭގެ އެކި ކަންކޮޅުގައި 149 ޓާމިނަލް އަޅާނެ އެވެ. އާރުޓީއެލްގެ ހިދުމަތް ފަަރުމާކޮށްފައި ވަނީ ހުރިހާ ފިޔަވައްސެއް ނިމޭއިރު އަތޮޅުތައް ވެސް ގުޅި މާލެއަށް ވެސް ދަތުރުކުރެވޭނެ ގޮތަށެވެ.
ނިމިގެން ދިޔަ އަހަރު ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެ މަޝްރޫއު ޑިސެމްބަރު 18، 2023 ގައި ފަށްޓަވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ނިމޭނީ އަށް މަސް ފަހުން ކަމަށެވެ. އެއީ އޮގަސްޓް 18، 2024، އަށެވެ.
ފުރަތަމަ މުއިއްޒު ދެއްވި މުައްދަތު ހަމަވުމުގެ ކުރިން ޖުލައި 26، 2024 ގައި މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ނިމޭނީ 2025 ގެ މާޗު މަހަށް ކަމަށެވެ. އެ މަޝްރޫއު ނިމޭނެ ތިންވަނަ ތާރީހެއް ދެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. އޭރު ވިދާޅުވީ 2025 ނިމުމުގެ ކުރިން ނިންމާނެ ކަމަށެވެ.
ޖުމުލަ 1،153 ހެކްޓަރު ހިއްކަންޖެހޭ ރަސްމާލެއިން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހިއްކިފައިވަނީ 215 ހެކްޓަރެވެ. އެހެންކަމުން މަޝްރޫއު ފެށިތާ ދެ އަހަރުވީއިރު ރަސްމާލެއިން ހިއްކުނީ އެންމެ 21 ޕަސަންޓެވެ. ރަސްމާލެއިން އަންނަ މާޗު މަހުގެ ނިޔަލަށް 938 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.
މީގެއިތުރުން 2025 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ ނިޒާމު ގާއިމުކޮށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު ބައެއް ރަށްރަށުގައި މަސައްކަތް އަދި ނުވެސް ފެށެ އެވެ. އެ މަޝްރޫއު 2025 ގައި ނުނިންމުނުއިރު، ނިމޭނީ ކޮން އިރަކު ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނިމިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން މުއިއްޒު އައްޑޫ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކީ 2025 ގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ކަމާއި އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިންމު މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީކުރާނެ ވާހަކަ އެވެ. އެކަމަކު މަގު ހަދާކަށް ނުފެށެ އެވެ. ގަން އެއާޕޯޓެއް ނުހުޅުވުނެވެ.
އޭގެއިތުރުން އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން ހިންގާ 282 މިލިއަން ރުފިޔާގެ މަޝްރޫއު 2025 ގެ ގައި ނިމި އޭގެ ފަސޭހަކަން އައްޑޫ ރައްޔިތުންނަށް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، އެ މަޝްރޫއު ވެސް ފެށިފައެއް ނުވެ އެވެ. އައްޑޫގެ ފެނުގެ މައްސަލައިގެ އިތުރުން ކަރަންޓުގެ މައްސަލަ ހައްލެއް ނުވެ އެވެ.
ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް، 2025 ވަނަ އަހަރު ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު އެ މަސައްކަތް އަދި ނުފެށެ އެވެ. ޅ. ފެލިވަރާއި ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިދިޔަ އަހަރު ނިމޭނެ ކަމަށް ވިދާޅުވިޔަސް އެ މަސައްކަތް ވެސް ނުނިމެ އެވެ. ފެލިވަރުގައި އެ މަސައްކަތް ފެށިފައެއް ވެސް ނުވެ އެވެ.
ރިޔާސީ ބަޔާނުގައި 2025 ވަނަ އަހަރު ފަށާނެ މުއިއްޒު ވިދާޅުވިޔަސް ނުފެށޭ އަދި ނުނިމޭ ބައެއް މަޝްރޫއުތައް:
މި އަހަރަކީ [2025] އަމަލީ މަސައްކަތުގެ އަހަރު. ކުރިޔަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް،" މުއިއްޒު ވިދާޅުވި އެވެ.
މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު 12.3 ބިލިއަން ރުފިޔާ އަށް އެރި ނަމަވެސް ޑިސެމްބަރު 11، ގެ ނިޔަލަށް އެ ބަޖެޓުން ހޭދަކޮށްފައިވަނީ 7.3 ބިލިއަން ރުފިޔާ އެވެ. އެއީ އެންމެ 40 ޕަސަންޓެވެ.
މަޝްރޫއުތައް ހިންގުމަށް މުއިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު ހޭދަކުރީ 10.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ހޭދަކީ، 2024 ވަނަ އަހަރާ އަޅާބަލާއިރު 3.1 ބިލިއަން ރުފިޔާ މަދުންކަން ނަންބަރުތަކުން ދައްކަ އެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވިޔަސް، މިދިޔަ އަހަރު ނިމިގެން ދިޔައިރު ވެސް އެފަދަ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ނުފެއްޓުނެވެ.
"ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް އިރާދަކުރެއްވިއްޔާ 2025 ވާނެ، އަޅުގަނޑުމެން ވާނީ ވަރަށް ގިނަ ރަށްރަށުގައި ގެދޮރުގެ މަޝްރޫއުތައް ހިންގުމަށް ވައުދުތަކެއް އިންތިހާބުގައި ވެފައި،" ހިންމަފުށީގައި މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މިއަދު ފެންނަން އޮތް ހަގީގަތަކީ، ޗާޓުތަކާއި މެނިފެސްޓޯގައި ކުރެހި ތަރައްގީގެ ކުލަގަދަ މަންޒަރުތައް އަމަލީ ސިފައެއް ނުޖެހި ފޭދެމުންދާ މަންޒަރެވެ. ރައީސް މުއިއްޒު ވިދާޅުވި "އަމަލީ މަސައްކަތުގެ އަހަރު" މާޒީވެގެން ދިޔައީ، އާ ތާރީހުތައް ދެއްވުމުގައެވެ.
Comment