Advertisement

އިންތިހާބަށް ހަތަރު ދުވަހަށް ވެފައި އޮއްވާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި


އިންތިހާބަށް ހަތަރު ދުވަހަށް ވެފައި އޮއްވާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފި އެވެ.

އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.

އެ ކުންފުނިން ވަނީ މި ބަދަލު ގެންނާނެ ކަން ފްލެޓު ވެރިންނަށް ސިޓީގެ ޒަރިއްޔާއިން އަންގާފަ އެވެ. އަދަދު ނޫހަށް ވަނީ މީގެ ސިޓީއެއް ލިބިފަ އެވެ.

އެ ސިޓީގައިވާ ގޮތުގައި، ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.

އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.

އެޗްޑީސީން ފްލެޓު ވެރިންނަށް ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ މި ބަދަލު ގެންނަނީ ފިނިޝިންއަށް ކުރި ހަރަދު އަނބުރާ ދިނުމާ ގުޅޭ ވައުދު އެންމެ ފުރިހަމައަށް ހާސިލުކުރުމުގެ ގޮތުން ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދަދު އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން، ވަރަށް އަވަސް އަރުވާލައިގެން ގެނައި ބަދަލެއް ކަމަށެވެ.

މުއިއްޒު މިކަން ހުށަހެޅުމުން ކުންފުންޏަށް ގެއްލުން ވާނެތީ އެޗްޑީސީގެ ބައެއް ވެރިން މިކަމާ ދެކޮޅު ހެދި އެވެ. އެކަމަކު ފަހު ވަގުތު ސަރުކާރަށް ދީލާލައި އެ ބަދަލު ގެންނަން ބޯޑުން ވަނީ ނިންމާފަ އެވެ. މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނަނީ މި ބަދަލު ސީދާ ގޮސް ގުޅެނީ ކުރިއަށް އޮތް އިންތިހާބާ ކަމަށެވެ.

"މިކަން އެންމެ ފަހު ވަގުތު ނިންމީ ހުޅުމާލޭގެ ބައެއް ދާއިރާތައް ޕީއެންސީއަށް އުނދަގޫ ވުމާއި، ރިފަރެންޑަމް ވޯޓު ކާމިޔާބުކުރަން ދަތި ވާނެ ކަމަށް ފެންނާތީ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ސަރުކާރުން ފިނިޝިން ލުއިދިނުމާއެކީ، އަނެއްކާ ވެސް ހިޔާ ފްލެޓުތަކުގެ ކުލި މި ވަނީ ބޮޑުވެފަ އެވެ. މި ސަރުކާރުން ވަނީ މެއިންޓެނަންސް ފީ ނުލައި ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ، 3،984ރ. ކަމުގައި ކަނޑައަޅާފަ އެވެ.

އެކަމަކު މިހާރު ގެނައި ބަދަލާއެކީ، މި ސަރުކާރުން ހަވާލުވީއިރު ހުރި ރޭޓަށް ކުލި މި ވަނީ ބޮޑުވެފަ އެވެ. މިއީ އެމްޑީޕީ ސަރުކާރުގައި ކުލި ކުޑަކުރިއިރު ކަނޑައެޅި ރޭޓެވެ.