Advertisement

ގާނޫނުއާސާސީ އާއި ދުސްތޫރު ދޫންޏަކަށް ޖަހައިގަނެގެން ނުދެވޭނެ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްޑީޕީން އެނބުރި އަންނާނީ ބަދަލުތަކެއް ހިފައިގެން ކަމަށް -- ފޮޓޯ: އެމްޑީޕީ


ގާނޫނުއާސާސީ އާއި ދުސްތޫރު ދޫންޏަކަށް ޖަހައިގަނެގެން ނުދެވޭނެ: ފައްޔާޒް

ގާނޫނުއަސާސީ އާއި ދުސްތޫރު ދޫންޏަކަށް ޖަހައިގަނެގެން ނުދެވޭނެ ކަމަށާއި އެމްޑީޕީން މިހާރު ކުރަމުންދާ ދަތުރު ނިންމާލާނީ އަނެއްކާވެސް ރާއްޖެ އަނބުރާ ހޯދައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީ އާއި ދުސްތޫރު ދޫންޏަށް ޖަހައިގަނެގެން ނުދެވޭނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްޑީޕީން އެނބުރި އަންނާނީ ބަދަލުތަކެއް ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން އިރާދަފުޅުކުރެއްވިއްޔާމުން މިހާރު މިކުރާ ދަތުރު ނިންމާލާނީ އަނެއްކާވެސް ދިވެހިރާއްޖެ އަނބުރާ ހޯދައިގެން. އަޅުގަނޑުމެންގެ ގާނޫނުއަސާސީ އާއި އަޅުގަނޑުމެންގެ ދޫސްތޫރު އެގޮތަށް އަންނަ ދޫންޏަކަށް އައިސް ޖަހައިގަނެގެން ނުދެވޭނެ. ބަދަލުތަކެއް ހިފައިގެން އަޅުގަނޑުމެން ތިބޭފުޅުންގެ އަރިހަށް ކުރިއަށް އޮތްތާގައި އަންނާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ވަޒީފާގެ ކަރުމަޅި ދިވެހިން ގައިގައި އަޅުވައި ގިނަކުރަމުންދާ ކަމަށާއި އެ ކުރާ ކަމަކީ ފަހުރުވެރި ދިވެހިން ލަދުވެތިކޮށްލުން ކަމަށެވެ. މިގޮތުން އޭނާ ވިދާޅުވީ މުއިއްޒު އެގޮތަށް އަމަލުކުރަން އިގްތިސޯދު ފުނޑުފުނޑު ކޮށްލާފައި ދިވެހިންނަށް ވަޒީފާގެ މަޖުބޫރުކަން ދައްކައިގެން ކަމަށެވެ.

"ވަޒީފާގެ ކަރުމަޅި ދިވެހި ރައްޔިތުން ގައިގައި އެދަނީ ދުވަހެއް ދުވަހަކަށް އަޅުވަމުން ގިނަކުރަމުން. އާދެ، އިގްތިސޯދު ފުނޑުފުނޑުކޮށްލީމާ ދިވެހި ރައްޔިތު މީހާ ކައިގެން ބޮއެގެން ނުހުންނަންޏާ އެބަ މަޖުބޫރުވޭ ދައުލަތުން ދިއްކޮށްލާ ވަޒީފާއަށް ދާން. އެހެންނަމަވެސް ރައީސް މުއިއްޒު އެކުރައްވާ ކަމަކީ ފަހުރުވެރި ދިވެހިން ލަދުވެތިކޮށްލުން. ނިކަމެތިކޮށްލުން،" ފައްޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލަން ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ހަމައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އަދި ތިލަފަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާ ފައްޔާޒް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.