Advertisement

އިންތިހާބު ގެއްލިދާނެތީ ރާއްޖޭގެ ހަގީގީ ހާލަތު ސަރުކާރުން އޮޅުވާލަމުންދާ ކަމަށް ޔާމީން ވިދާޅުވެއްޖެ

about 1 hour 0

ކުރީގެ ރައީސް ޔާމީން: ވިދާޅުވީ އިންތިހާބު ނިމޭއިރަށް ސަރުކާރުން ދައްކާ ވާހަކަ ބަދަލުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


އިންތިހާބު ގެއްލިދާނެތީ ރާއްޖޭގެ ހަގީގީ ހާލަތު ސަރުކާރުން އޮޅުވާލަމުންދާ ކަމަށް ޔާމީން ވިދާޅުވެއްޖެ

about 1 hour 0

އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރަން ގައުމުގެ ހަގީގީ ހާލަތު ސަރުކާރުން ރައްޔިތުނަށް އޮޅުވާލަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓުން ވެރި ރަށް މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް ފެށި ދުނިޔެ ކާރިސާއަކާ ކުރިމަތިލިއިރު ވެސް ގައުމަށް ދަތިނުވާ ކަމަށް ސަރުކާރުން ބުނަނީ އިންތިހާބަށްޓަކައި ކަމަށެވެ.

"މި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެއްވެސް ކަހަލަ ހުރަހެއް، އެއްވެސް ކަހަލަ ނުރައްކަލެއް، ދައުލަތް ހިންގުމުގެ އެއްވެސް ކަހަލަ ބިރުވެރިކަމެއް، ދައުލަތް ނުހިންގިގެން ރައްޔިތުންނަށް ދަތިވެދާނެ އެއްވެސް ކަމެއް ނެތް ކަމަށް ދެއްކުމަށްޓަކައި މި ދައްކުވާހާ ވާހަކަ މިއީ،" ޔާމީން ވިދާޅުވި އެވެ.

އެކަމަކު، އިންތިހާބު ނިމުމުން ސަރުކާރުން މިހާރު ދައްކާ ވާހަކަތައް މުޅިން ބަދަލުވާނެ ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ބުނީތީ ވެސް، ތިބޭފުޅުންނަށް ދެންނެވީތީ ވެސް ގަބޫލު ކުރައްވާ، ކައުންސިލް އިންތިހާބު ނިމޭއިރަށް ދައްކާ ވާހަކަ މުޅިން ބަދަލުވެގެންދާނެ. ކައުންސިލް އިންތިހާބަށްޓަކައި އެބަ ވިދާޅުވޭ، އެއްވެސް ކަހަލަ ހާސްކަމެއް ނެތޭ، ދައުލަތުގެ ދަރަނި ވެސް ދެއްކޭނެއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ހަނގުރާމައިގެ ނުރައްކާތެރި ހާލަތު ރައްޔިތުންނަށް ސިއްރުކޮށް، ގައުމުގެ ހާލަތު އޮޅުވާލާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ބޮޑު ހަނގުރާމައެއް މި އޮތީ އަޅުގަނޑުމެންގެ ތެރޭގައި. އަދި ހަނގުރާމަ މި އޮތީ އަޅުގަނޑުމެންގެ ސަރަހައްދާ ދުރު ނޫން ހިސާބެއްގައި. އަދި މި ހަނގުރާމަ ދެން ބަދަލުވެގެންދާނީ ތިން ވަނަ ބޮޑު ހަނގުރާމައަށް ނޫން ކަމެއް ވެސް ނޭނގޭ. އެވަރުގެ ނުރައްކާތެރި ކަމެއްގެ ތެރޭގައި އުޅޭއިރު ވެސް ހަމަ މި ވިދާޅުވަނީ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހެއޭ،" ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ރާއްޖޭގެ ހާލަތު އޮތް ދަށޔ ދަރަޖަ ކިޔައިދެއްވައިފަ އެވެ. އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ސިއްހީ ދާއިރާ އޮތް ހާލަތާއި އާސަންދަ ކަނޑާލަން އުޅޭ ކަމަށް އިވޭ އަޑުތަކުގެ ވާހަކަ އެވެ.

"ސިއްހީ ދާއިރާ އޮތީ ފުނޑިފައި. ސިއްހީ ދާއިރާ ހަމަ ހަގީގަތުގައި ވެސް އެ އޮތީ ފުނޑިފައި. ބޭސް ނުގެނެވޭ ތަނުގައި އާސަން ހުއްޓާލަންޖެހިދާނެ ކަމަށް، އާސަންދައަކީ ކުރިއަށް ނުގެންދެވޭނެ ކަމެއް ކަމަށް މިހާ އަވަހަށް ވަކަރު ޖަހަން ފަށައިފި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އާސަންދަ ސްކީމް ކުރިއަށް ގެންދިޔުމުގެ ގާބިލްކަން ސަރުކާރުގައި ނެތް ނަމަ އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުން ކަމަށެވެ.

"މިބޭފުޅުން ދިވެހިރާއްޖެ ވައްޓާލާފައި އޮތް ހިސާބުން ދިވެހިރާއްޖެ މި އުޅެނީ އަރައިނުގަނެވިގެން. އުޅޭއިރު މި ބުނަނީ ރައްޔިތުންނަށް ބޭނުންވާ ބޭސްކޮޅު ގަންނަން އޮތް އާސަންދަ ވެސް ބަންދުކުރާށޭ. މި މީހުންނަށް ނުކުރެވޭ ކޮންމެ ކަމެއް ބަންދު ކުރާ ކަމަށްވަންޏާ ރައީސް އޮފީސް ބަންދުކޮށްފަ މި މީހުން ދާންވީ ދެއްތޯ. އެއީ ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.