Advertisement

އީވާގެ ގަލަމުން؛ ސަރުކާރު ޕާޓީގެ ކެމްޕޭނު ހަރަދު ކުޑަކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމެއް ނޫން

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަދަދު ފައިލް


އީވާގެ ގަލަމުން؛ ސަރުކާރު ޕާޓީގެ ކެމްޕޭނު ހަރަދު ކުޑަކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމެއް ނޫން

އޭޕްރީލް 4 ގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހީން ވޯޓުލާއިރު، ފެންނަ ނުފެންނަ ބެލުމުގެ ވޯޓެއްވެސް ނަގާނެ އެވެ. މިހާރު މުޅިން ވަކިވަކިން ބާއްވާ ދެ އިންތިހާބު ކަމަށްވާ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައި އެއް ވޯޓަކަށް ހެދުމަށެވެ. ފެންނަ ނުފެންނަ ވޯޓުގައި އަހަނީ މި ދެ އިންތިހާބު އެއްކުރަން ފެނޭތޯ ނުވަތަ ނޫންތޯ އެވެ.

މި ހުށަހެޅުން ވިއްކަން ސަރުކާރުން ދެ ވާހަކައެއް ދައްކަ އެވެ. ފުރަތަމައީ ހަރަދު ކުޑަކުރުމުގެ ވާހަކަ އެވެ. ދެވަނައީ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ވާހަކަ އެވެ. މި ދެ ވާހަކައިން ހަމަ އެއް ވާހަކައެއްގައި ވެސް އާރެއްލަނީކީ ނޫނެވެ.

ހަރަދު ކުޑަކުރުމާއި، ޑިމޮކްރަސީ ވަރުގަދަކުރުމަކީ އަހާލަން ފަސޭހަ، ވިއްކަން ވަރަށް ހިތްގައިމު ވާހަކައަކަށް ވެދާނެ އެވެ. ސަރުކާރުން މިހެން އެ ވާހަކަ އެ ދައްކަނީވެސް ފަސޭހައިން ވިއްކޭނެ ވާހަކައަކަށް ވާތީ އެވެ. ހަރަދު ކުޑަކުރަނީއޭ، ޑިމޮކްރަސީ ހަރުދަނާކުރަނީއޭ ބުނާއިރަށް، ދިވެހިން ރާސްލާފައި އެނބުރިގަންނާނެ ކަމަށް އަންދާޒާކޮށެވެ. ނަމަވެސް، މޮޅު ކޮންމެ ޝިއާރަކީ އަދި މޮޅު ސިޔާސަތަކަށް ނުވެ އެވެ.

ހަރަދު ކުޑަކުރުމުގެ ވާހަކަ ފުރަތަމަ ނަގަމާ ހިނގާށެވެ. މި ސަރުކާރު ހިންގާ ގޮތުގެ މައްޗަށް ކުޑަވެސް ސަމާލުކަމެއް ދޭ މީހަކު ނަމަ، ހަރަދު ކުޑަކުރަންވީ ކޮން ދިމަދިމާލަކުން، ކޮން ތަންތާކުން ކޮން ގޮތްގޮތަކުންކަން ފަސޭހައިން ބުނެދޭން އެނގޭނެ އެވެ. ނުތަކާވަރުގެ ސިޔާސީ އައްޔަނުންނެވެ. އިސްރާފުން ފުރިގެންވާ ދައުލަތް ހިއްސާވާ ކުންފުނިތަކެވެ. ޖަގަހަތަކެއް ހެން މީހުން ލާފައި ތިބޭ އެމްބަސީތަކެވެ. ސިޔާސީ އައުވާނުންނަށް ތައްޔާރުކޮށްފައިވާ ބޮޑެތި ވަޒީފާތަކެވެ. ވާދަވެރި ބިޑެއް، ހާމަކަމުގެ ޒައްރެއް ނެތި ބަހަމުންދާ ކޮންޓްރެކްޓުތަކެވެ. ބޭކާރު، ގިރިޓީ ރިބަން މަޝްރޫއުތަކެވެ.

ހަރަދު ކުޑަކުރަންވީކީ އިންތިހާބުތަކަކުން ނޫނެވެ. އިންތިހަބުތަކަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސެވެ. އިންތިހާބުތަކަކީ ވެރިކަމާއި ވެރިކަމުގެ އާރާއި ބާރު ޖަވާބުދާރީކުރުވުމުގެ މައި ވަސީލަތެވެ. އިންތިހާބުތަކަކީ ސަރުކާރާމެދު ރައްޔިތުންގެ ބަހެއް އިއްވައި، ނިޔާއެއް ކަނޑައެޅުމުގެ ފަހު ފުރުސަތެވެ. އެ ބަސް އިއްވުމުގެ ހަރަދަކީ ވަކިވަކި އިންތިހާބުތަކަށް ކުރާ ހަރަދުނަމަ، ރައްޔިތުން އޭގައި ބައިވެރިވެ މަސްއޫލުވެ އުޅުނީމާ އެ ހަރަދުގެ ދެކޮޅު އެހެރީ ޖެހިފަ އެވެ.

ޑިމޮކްރަސީ ހަރުދަނާވާނޭ ކަމަށް އެކުރާ ދަޢުވާވެސް ދެއުޅިއެއްނުވާ ވަރުން އަނގަވަތަށް ވެއްޓޭން ފަޅި ސިކުންތެއް ވެސް ނުނަގަ އެވެ. މީޑިއާގެ މިނިވަންކަމަށް އަރައިގަނެ، ލާމަރުކަޒީ ނިޒާމު ރޫޅާލައި، މިނިވަން މުސްތަގިއްލު ކޮމިޝަންތައް ހޮއިކޮށްލައި، ރައްޔިތުންގެ މަޖިލިސް ރަބަރު ތައްގަނޑަކަށް ހަދާފައި، ދެން ޑިމޮކްރަސީ ހަރުދަނާކުރާ ވާހަކަ ދެއްކީމައި އެއީ ފިސާރި ހިނި އަންނަ ޒާތުގެ ވާހަކައެކެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ފަހަތުގައިވާ އަސްލު ހަގީގަތް ދެނެގަންނާކަށް ދައްޗެއް ނޫނެވެ. އެއީކީ ހަރަދު ކުޑަކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމަކާ ބެހޭ ކަމެއް ނޫނެވެ. ހުރިހާވެސް ބޭނުމަކީ ދައުލަތް ހިތަކަށް ބޭނުންކޮށްގެން، ރައީސުލްޖުމްހޫރިއްޔާއާއި ވެރިކަންކުރާ ޕާޓީއަށް ދެ އިންތިހާބު އެއްފަހަރުން ކިހިލިޖަހާލައިގެން ނަގަން ފަސޭހަކުރުމެވެ.

  1. ވެރިކަންކުރާ ޕާޓީއަށް ކަންފަސޭހަކުރުން: ހުރިހާ ފައިސާއެއް، ހުރިހާ ވަޒީފާއެއް، ހުރިހާ ކޮންޓްރެކްޓްތަކެއް، ހުރިހާ ނުފޫޒެއް، އެއް ބުރަށް، އެއް ކެމްޕޭނަކަށް ޖަމާކުރުމެވެ. އެހެނަސް ސަރުކާރު ހިންގާ ޕާޓީއަށް ކެމްޕޭން ކުރަން ހަރަދު ކުޑަކުރުމަކީ އަދި ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމެއް ނޫނެވެ.
  2. ރައްޔިތުންނަށް ވިސްނާނެ ޖާގަ ހަނިކުރުން: ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބަކީ ޑިމޮކްރަސީއެއްގައި ވަރަށް ތަފާތު ދެ ހަމައަކަށް، ތަފާތު ދެ ބޭނުމަކަށް ބާއްވާ ދެ އިންތިހާބެވެ. އެއް އިންތިހާބުން ކަނޑައަޅަނީ ވެރިކަން ކުރާނީ ކާކުތޯއެވެ. އަނެއް އިންތިހާބުން ކަނޑައަޅަނީ ވެރިކަން ކުރަން އެ ހޮވި މީހާ ޖަވާބުދާރީކުރުވާނެ މީހާ އެވެ. މި ދެ ކަންތަކުގެ މައްޗަށް ވިސްނައި، މި ދެ ކަންތަކުގެ ބޭނުމާއި، ހެވަށާއި ނުބަޔާމެދު ފިކުރު ހިންގުމުގެ ފުރުސަތު ވޯޓުލާ މީހާއަށް ހައްގެވެ. ނަމަވެސް، ދެ އިންތިހާބު އެއްކޮށްލީމާ މި ދެ ނިންމުން އެކުވެ އެކަތިގަނޑަކަށް ވަނީ އެވެ. މި ދެ ނިންމުން އެއްފަހަރާ ނިންމަން މަޖުބޫރުކުރުވީމާ، ރިޔާސީ އިންތިހާބުގެ މުހިންމުކަމާއި، ވާދަ އާއި ފޯރީގެ ތެރޭގައި، މަޖިލިސް ވޯޓާ ދޭތެރޭ އޮންނާނީ ރަނގަޅަށް ވިސްނާ ވެސް ނުލެވިފަ އެވެ.
  3. ޖަވާބުދާރީކުރުވުމާއި، ފާރަވެރިވުން ކަމީނާވުން: ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލިއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިކޮށްފައި އޮތީ ވިސްނުންތަކެއްގެ މައްޗަށެވެ. އެއީ ވެރިއަކު ހޮވާފައި، އެ ވެރިކަން ކުރަން ދިމާކުރާ ގޮތާ ދޭތެރޭގައި ފަހުން އަނެއްކާވެސް ވިސްނައި، ފާޑުކިޔައި، ނިޔާއެއް އިއްވުމުގެ ފުރުސަތެއް ރައްޔިތުންނަށް ދިނުމަށެވެ. ދެ އިންތިހާބުގެ ދޭތެރޭގައި މިހާރު މިއޮތް ހަ މަސް ދުވަހުގެ މުއްދަތު ހަގީގަތުގައި މާ ކުރުވެސްމެއެވެ. ނަމަވެސް، ދެ ފަހަރަކު ވިސްނާލުމުގެ ތަންވަޅު މިހާރު ރައްޔިތުންނަށް ލިބޭތާ އެވެ. އެހެނެއްކަމަކު ދެ އިންތިހާބު އެއްކުރީމާ އެ ހަނި ފުރުސަތުވެސް ގެއްލި ނެތިދަނީ އެވެ.
  4. މަޖިލީހުގެ މިނިވަންކަން އިތުރަށް ގެއްލުން: މިހާރުވެސް ހުރިހާ މޮޅެއް އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެއީ މަޖިލިސް އިންތިހާބު މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ "ހަނީމޫން" މުއްދަތުގަ އެވެ. އިދިކޮޅު އޮންނަނީ އިންތިހާބުން ބަލިވުމުގެ މާޔޫސްކަމުގަ އެވެ. 2008 އިން ފެށިގެން ހުރިހާ މަޖިލިސް އިންތިހާބެއްހެން ބޮޑުކޮށް ނަގާފައިވަނީ ސަރުކާރެވެ. މަޖިލިސް މެންބަރުން އިންތިހާބުވަނީ އެ މެންބަރުންގެ ލަޔާޤަތާއި ގާބިލިއްޔަތަށް ބިނާވެގެނެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އެ ހޯއްދެވި ކާމިޔާބީގެ މޯހިރުގަ އެވެ. މި ދެ އިންތިހާބު އެއްކުރީމާ މިކަން އަދި ވާނީ އިތުރަށް ގޯހެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މޮޅުފުޅުކަމާއި، ހެޔޮފުޅުކަމާއި، ތާއީދުގެ ބޮޑުފުޅުކަމުން ލިބޭ އެއްޗަކަށްވެ ނިމޭނީ އެވެ.

ރިޔާސީ އިންތިހާބަށް މަޖިލިސް ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ ނުކުތުމަކީ، އޭނާގެ ކެމްޕޭނު މަކަރެއް ނުހަދައި ހިންގައިދޭނޭ ވަފާތެރި 93 ރަނިންމޭޓުން ގޮވައިގެން ނުކުތުމެވެ. އެފަދަ ބަޔަކާއެކު އައުމުން، މިހާރުވެސް ސަރުކާރުގެ ނުފޫޒުތެރޭ ހިރިނުލެވިފައި އޮތް މަޖިލިސް، އެއް އުރައަކަށް ރީތިކޮށް މަހާލެވި ނިންމާލެވުނީ އެވެ.

ކުރު ގޮތަކަށް ދަންނަވާނަމަ، ދެ އިންތިހާބު އެއްކޮށްލުމުން އެއްވަނީ ބާރެވެ. ވަރުގަދަވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަންވަރެވެ. މަޖިލިސް އޮންނާނީ ފުރަތަމަ ދުވަހުއްސުރެ ދެ އިންތިހާބު އެކުގައި ދަމައިގަންނަ ރައީސެއްގެ މުށުގަ އެވެ. އެހިސާބުން، ކުރިއަށް އޮންނަ ފަސް އަހަރުގެ މުޅި ދައުރު، ޖަވާބުދާރީކުރުވުމުގެ ފުރުސަތު ބަންދުވީ އެވެ. ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް ތެދުވި ބަޔަކަށް މިއީ ދެކެ ފަރިތަ ސާފު ރަތް ދިދަ ހިއްލޭނެ ހާލަތެވެ.

ސިޔާސީ ކަންކަމާއި، ސިޔާސީ މީހުންނާއި، ސިޔާސީ ޕާޓީތަކުގެ މައްޗަށް ފޫހިކަމާއި، މާޔޫސްކަން އައިސް، ދިވެހިންގެ ޝައުގުވެރިކަން ގެއްލޭކަން ސާފެވެ. އެ މާޔޫސްކަމުގެ ފަހަތުގައި ސަބަބުތަކެއްވެސް ވެއެވެ. އިހުލާސްތެރިކަމެއް ނެތުމާއި، ތެދުވެރި ހިންގުންތެރިކަމެއް ނެތުމާއި، ވެރިންގެ ވައްކަމާއި، ވަޢުދުތައް ނުފުއްދުމާއި، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ޖެހެނީ އެއްތާކުކަމުގެ އިހްސާސް ކުރެވުމެވެ. ނަމަވެސް މި ނާއުންމީދާއި ފޫހިކަމުގެ ފަރުވާއަކީ ވޯޓުލާން ނުވަތަ ބަސް ބުނަން ރައްޔިތުންނަށް ލިބޭ ފުރުސަތު މަދުކުރުމެއް ނޫނެވެ. ނުކުމެ ގޮސް ވޯޓުލާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ވޯޓުލާ މީހާ އެވެ. އެ ފުރުސަތު ހަނިކުރުން، މަދުކުރުން އެއީ ސަރުކާރުގެ އަތްމަތީ ބާރަކަށް ވެގެން ނުވާނެ އެވެ.

އިސްލާހީ ބަދަލުތަކެއް ބޭނުންވާކަން ޔަގީނެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ދިވެހީން ހޭދަ މިކުރި 18 އަހަރުގެ ތަޖުރިބާއިން މިކަން ސާފެވެ. ރިޔާސީ ނިޒާމަކީ އަހަރެމެންނަށް އެންމެ ހެޔޮ، އެންމެ އެކަށޭނަ ވެރިކަމުގެ ނިޒާމުތޯއާމެދު ސުވާލު އެބަ އުފެދެ އެވެ. ބާރުތައް ވަކިވުމާއި، ޖަވާބުދާރީކުރުވުމާއި، ފާރަވެރިވުން ހަރުދަނާކުރަން އެބަޖެހެ އެވެ. ވެރިންގެ ކަރަޕްޝަނާއި ފަސާދައިން ދައުލަތާއި ގައުމު ސަލާމަތްކުރަން ބަދަލުތަކެއް ގެންނަން ޖެހޭކަން ބޮޑުތަނުން އެބަ ސާފުވެއެވެ. މިއީ ދައްކަން ޖެހި، ނުދައްކާ ލަސްވެފައިވާ ވާހަކަތަކެކެވެ. ނަމަވެސް، ސަރުކާރުން އަހަން އުޅޭ ފެންނަ ނުފެންނަ ވޯޓުގައި މިއިން ކަމެއްގެ ވާހަކައެއް ދައްކާކަށް ހުށަހަޅާފައެއް ނެތެވެ. އެ ވޯޓުން ނިންމަން އެ އެދެނީ ނިޒާމަށް ގެންނަ އިސްލާހެއް ވެސް ނޫނެވެ. އެ ނިންމަނީ، އިސްލާހުުގެ ނަމުގައި ބާރުވެރިކަން ވެރިޔާގެ މުށުތެރެއަށް އިތުރަށް ޖަމާކޮށް ބައްކޮށް ބޮޑުކުރުމަށެވެ.

އޭޕްރީލް 4 ގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު، ފެންނަ ނުފެންނަ ވޯޓަށް އަހާނެއެވެ. ތިމާގެ ސިޔާސީ ފިކުރު ކޮންމެ ފަދަ ދިމާލަކަށް ހުރިނަމަވެސް، އަދި ކައުންސިލް އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް، ކޮންމެ ޕާޓީއަކަށް ވޯޓުލީ ނަމަވެސް، ފެންނަ ނުފެންނަ ކަރުދާސްކޮޅު ލިބުނީމައި، އޭގައި ނޫނެކޭ ޖައްސަވާށެވެ. ސަރުކާރާ ދޭތެރޭގައި ބަސްބުނުމުގެ ފުރުސަތު އަމިއްލައަށް ހަނިނުކުރާށެވެ. މިކަމާ ދޭތެރޭ ވިސްނާލަންވެސް ވަގުތުކޮޅެއް ހޯދާށެވެ. މިބާވަތުގެ ބޮޑު ނިންމުމެއްގެ ކުރިއަށް ނިމިފައި ހުންނަންޖެހޭ ދިގު ބަހުސްތަކާއި، ހިޔާލު ބަދަލުކުރުންތަކާއި، ހޭލުންތެރިކަމުގެ ޙަރަކާތްތައް ނުހިންގާ، ނޭނގުމެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބައިގެން، މިހާ އަވަސްއަރުވާލައިގެން މިކަން ކުރަން އުޅޭނީ ކީއްވެތޯ ބަލައި، އެކަމުން ޤައުމަށާއި ރައްޔިތުންނަށް އޮތީ ކޮން މޮޅެއްތޯ ރަނގަޅަށް ދެނެގަންނަން ވަގުތު ހޯދާށެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ކުޑަކުޑަ އިދާރީ ބަދަލެއް ނޫނެވެ. އަދި މިއީކީ ވަކި މުއްދަތަކަށް، މީހަކު ނުވަތަ ޕާޓީއެއް ހޮވުން ކަހަލަ ވަގުތީ ކަމެއްވެސް ނޫނެވެ. މިއީ މުޅި ޑިމޮކްރެޓިކް އިންތިޒާމާއި، ބައްޓަމަށް އަންނަ އަސާސީ ބޮޑު ބަދަލެކެވެ. ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނާށެވެ. ފެންނަ ނުފެންނަ ވޯޓުގައި ކެރިގެން ނުކުމެ ނޫނެކޭ ބުނާށެވެ.