16 ފެބުރުވަރީ 2026 - 09:18 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް ސޯލިހު: އެމްޑީޕީގެ ކެންޑިޑޭޓުން މަސައްކަތްކުރާނީ ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ކަމަށް ސޯލިހު ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
16 ފެބުރުވަރީ 2026 - 09:18 0
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ގާނޫނަށް ބެލުމެއް ނެތި ކުރާނީ ރައީސް މުހައްމަދު މުއިއްޒު ބުނާ ކަމެއް އެކަނި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން ގާނޫނަށް ބެލުމެއް ނެތި ކުރާނެ ހަމައެކަނި ކަމަކީ މުއިއްޒު ބުނާ ކަންތައްތައް ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެމްޑީޕީގެ ކެންޑިޑޭޓުން މަސައްކަތްކުރާނީ ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ކުރެއްވޭނެ ކަމަކީ ހަމައެކަނި ރައީސް މުއިއްޒު ވިދާޅުވާ ކަމެއް އެކަނި. އެހެން އެއްވެސް ކަމެއް ނުކުރެވޭނެ. ގާނޫނަކަށް ގާނޫނު އަސާސީއަކަށް ބެލުމެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަކީ މިދެންނެވިހެން ގާނޫނުގައި އެއޮތްގޮތަށް ރައްޔިތުންނަށް މަސައްކަތް ކޮށްދޭން އަންނަ ބައެއް. މިއީ މި ދެ ޕާޓީގެ އޮތް ތަފާތަކީ،" ސޯލިހު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުންގެ ތަފާތަކީ ހަމައެކަނި ގެންގުޅުއްވާ ސިޔާސަތުތައްކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ޕީއެންސީގެ ސަރުކާރެއް ވެރިކަމުގައި އޮވެގެން ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށެވެ.
"ހަގީގީ މައްސަލައަކީ ސިޔާސަތުތައް. ކެންޑިޑޭޓުންނެއް ނޫން. ކެންޑިޑޭޓުންނަށްވުރެ ބޮޑަށް ސިޔާސަތުތަކުގެ މައްސަލަ މިއުޅެނީ. އެހެންވީމަ ޕީއެންސީގެ ސަރުކާރެއް އޮވެގެންނެއް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ،" ސޯލިހު ވިދާޅުވި އެވެ.
މިގޮތުން ސޯލިހު ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށްލައި ޖީބަށް ޖަހައިގެން މަސައްކަތް ކުރާ ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތުތަކާމެދު ވިސްނަންޖެހޭވަރުގެ ކަމެއް ކަމަށެވެ.
މީގެއިތުރުން މުއިއްޒުގެ ސަރުކާރުގައި ރަށްތަކަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކޮށް ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެއަށްފަހު ސަރުކާރުގެ ކެންޑިޑޭޓުން ނެރެގެން ކުރައްވަން އުޅެނީ ކޮން ކަމެއްތޯ ސޯލިހު ސުވާލު އުފެއްދެވި އެވެ.
"ކުރިން ދީފައި ހުރި ބާރުތައް ވެސް އެއްކޮށްގެން މުށުތެރެއަށް، ޖީބަށް އެ ހުރިހާ ބާރުތަކެއް ޖަހައިގެން އެ މަސައްކަތް ކުރައްވަން އުޅުއްވަނީ. އެހެންވީމަ، އެހެންވީމަ އަޅުގަނޑުމެން އެއާ ދޭތެރެގައި، މި ސަރުކާރުގެ ސިޔާސަތުތަކާ ދޭތެރޭގައި ވިސްނަން ޖެހެނީ،" ސޯލިހު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ރަށްރަށަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކުރުން. ގާނޫނަށް އެތައް ބަދަލުތަކެއް ގެނެސްފި. އެއަށްފަހުގައި ކައުންސިލަށް ކުރިމަތިލައްވައިގެން ދެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ. ކެންޑިޑޭޓުން ނެރެގެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ."
ސޯލިހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ނިޒާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. މިގޮތުން މިދިޔަ ސަރުކާރުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އޭގެ ހެޔޮ ބަދަލުތައް ވެސް ފެނުނު ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.
މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ކައުންސިލްތަކުގެ ފަހު އަހަރު ގިނަ މަސައްކަތްތައް ނުކުރެވޭ ގޮތަށް ވެސް ގާނޫނު އިސްލާހުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ތެދުވުނެވެ.
Comment