about 2 hours 0
މުހައްމަދު ޝަހްޒާން
މާލޭގެ ވިޔަފާރި ބަނދަރު -- ފޮޓالله: އަދަދު
about 2 hours 0
މާލޭގައި މިހާރު ހިންގަމުންދާ ވިޔަފާރި ބަނދަރު 2027 ވަނަ އަހަރު ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ.
އެގޮތުން، ތިލަފުށީގައި ގާއިމުކުރާ 125 ކީވޯލުގެ މަސައްކަތް މިއަދު އެމްޕީއެލް އިން ބަޔަކާ ހަވާލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި، ޑޮމެސްޓިކް ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލާއި ޕޭވް ކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތުގެ އިތުރުން، އާލާތްތައް ހޯދުމަށް މި އަހަރުގެ މެދު ތެރޭގައި އެކި ފަރާތްތަކާ ހަވާލު ކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ހުރިހާ މަސައްކަތެއް ނިންމައި، އިރާދަކުރެއްވިއްޔާ ނޮވެމްބަރު 11، 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓެނެ ޒޯނެއް ގާއިމު ކޮށްފައިވާ ކަމަށާއި އެފަދަ ޒޯނެއް މި މަސް ނިމުމުގެ ކުރިން އައްޑޫ ވިޔަފާރި ބަނދަރުގައި ގާއިމުކޮށް ހިދުމަތް ދޭން ފަށްޓަވާނެ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާއިން މީގެ ކުރިން އޮތީ ބުނެފަ އެވެ.
އޮކްޓޫބަރު 2024 ގައި މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ވެސް މިހާރަށްވުރެ އަވަހަށް ނިންމުމަށް ބާރު އަޅުއްވާނެ ކަމަށާއި ތިލަފުށީގައި ގާއިމު ކުރާ ވިޔަފާރި ބަނދަރަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ނަމަވެސް އެހީގެ ތަފުސީލެއް މޯދީ ނުދެއްވަ އެވެ.
މިދިޔަ ސަރުކާރުން އޮތީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) އިންޑިއާ އެގްޒިމް ބޭންކުގެ އެހީގައި ހަމަޖައްސައިފަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ނިންމީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް އެގްޒިމް ބޭންކުން ހަމަޖެއްސި ފައިސާ އެހެނިހެން ޕްރޮޖެކްޓުތަކުގައި ބޭނުންކުރާށެވެ.
އެކަމާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ "އެއްވެސް ފަންޑިން އެއް ނުގެއްލޭނެ" ކަމަށާއި އެ ފައިސާ "ބަހާލާނީ ދިވެހި ރައްޔިތުންނާއި އިގުތިސޯދަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓުތައް ހިންގުމަށް" ކަމަށެވެ.
ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރަން ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީގެ ނަމުގައި، ސަރުކާރު ހިއްސާވާ ބޮޑު ފަސް ކުންފުންޏަކުން ހިއްސާވާ، ކުންފުންޏެއް އުފައްދަވައިފަ އެވެ.
އެ ކުންފުނީގެ ހިއްސާދާރުންނަކީ އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. ސަރުކާރުން ވަނީ މި ކުންފުނީގެ މަސައްކަތްތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި މާލެ ސަރަހައްދުން 100 ހެކްޓަރުގެ ބިމެއް ދޭން ނިންމައިފަ އެވެ.
Comment