about 2 hours 1
އަހުމަދު އާއިދު
about 2 hours 1
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާ ގުޅިގެން މަހުޖަނުންނާއި ނުފޫޒުގަދަ މީހުންނަށް ހާއްސަ ޕްރައިވެޓް އައިލެންޑެއް ތަރައްގީކުރަން ކުރީގެ ރައީސް މުހައްމަދު ވަހީދު ރޭވިކަން ފަޅާ އަރައިފި އެވެ.
މިކަން ފަޅާއެރީ އެމެރިކާގެ ސެނެޓުން ފާސްކޮށް މި ހަފުތާ ބަންދުގައި އާންމުކުރި އެތައް މިލިއަން ލިޔެކިޔުމެއް ހިމެނޭ "އެޕްސްޓީން ފައިލްސް" އިންނެވެ. ވެރިކަމަށްފަހު، 2014 ވަނަ އަހަރު ފޮނުވި މެއިލް އެއްގައި ވަހީދު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހެޅީ ރ. ފުއްގިރި އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެތައް މިލިއަން ލިޔެކިޔުމެއްގެ ތެރޭގައި ވަހީދު އެޕްސްޓީން އާއެކު ފުއްގިރީގެ ވާހަކަ ދައްކާފައިވާ އަށް ޑޮކިއުމެންޓެއް ހިމެނެ އެވެ.
ފުއްގިރި އާއި ކ. އިންނަހެރެ ފަޅުގައި ފަސް ރަށް ތަރައްގީކުރުން ހިމެނޭ ވަކި ދެ މަޝްރޫއެއްގެ ވާހަކަ ވަހީދު އެންމެ ފުރަތަމަ އެޕްސްޓީން އާ ހިއްސާކުރީ މެއި 25، 2014 ގައި ފޮނުވި މެއިލް އެއްގަ އެވެ. އޭގެތެރެއިން ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ވަހީދު ހިމަނާފައިވަނީ ފުއްގިރި މަޝްރޫއެވެ.
އޭނާ ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ "ވީވީއައިޕީ" އިންނަށް ހާއްސަ ރަށެއްގެ ގޮތުގައި ކަމަށާއި އެ ރަށް މާކެޓު ކުރާނީ މުޅި ރަށް އެކީ ޗުއްޓީ ހޭދަކުރަން އެދޭ މަހުޖަނުންނަށް ވިއްކުމަށް ކަމަށް ވަހީދު ބުނެފައިވެ އެވެ. ފުއްގިރީގައި ތަރައްގީ ކުރާނީ ދެތިން ކޮޓަރި ހުންނަ 10 ވިލާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ރަށް މެދު އިރުމަތީގެ ޝާހީ އާއިލާ ތަކާއި އެޕްސްޓީން ގެ ކްލަޔަންޓުންގެ ތެރޭގައި ހިމެނޭ ރަޝިޔާގެ މަހުޖަނުންނަށް ވިއްކޭނެ ކަމަށް ބުނެ ވަހީދު ވަނީ ފުއްގިރީގެ ފޮޓޯތަކެއް އެޕްސްޓީން އާ ހިއްސާކޮށްފަ އެވެ. އެޕްސްޓީން އާއި ގުޅިގެން ފުއްގިރި ތަރައްގީކުރަން ބޭނުންވާ ބަޖެޓަކީ 25 މިލިއަން ޑޮލަރު ކަމުގައި ވަހީދު ބުނެފައިވެ އެވެ.
ފުއްގިރި އާއި ބެހޭގޮތުން ވަހީދު ފޮނުވި މެއިލްތަކަށް އެޕްސްޓީން ފޮނުވި ޖަވާބުގައި އަހާފައިވަނީ މި މަޝްރޫއުތަކަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެ އައުމަށް ވަހީދު ދިން ދައުވަތާއި ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ކަމަށް އެޕްސްޓީން ބުނެފައިވެ އެވެ. ނަމަވެސް، އޭނާ ރާއްޖެ އައި ކަމެއް ޔަގީނެއް ނޫނެވެ.
އެޕްސްޓީން އާ ގުޅިގެން މަހުޖަނުންނަށް ހާއްސަކޮށް ޕްރައިވެޓް އައިލެންޑެއް ރާއްޖޭގައި ތަރައްގީކުރަން ވަހީދު މަސައްކަތް ކުރިއިރު، އެޕްސްޓީން ޓްރެފިކް ކުރި ގިނަ ކުޑަކުދިން ގެންދިޔައީ ޔޫއެސް ވާޖިން އައިލެންޑްސް ގައި އޮތް އޭނާގެ ޕްރައިވެޓް އައިލެންޑް ކަމަށްވާ "ލިޓްލް ސެއިންޓް ޖޭމްސް" އަށެވެ.
ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަނިޔާކުރީ އެ ރަށަށް "ޗުއްޓީ" ހޭދަ ކުރުމަށާއި ޕާޓީ ކުރަން ދިޔަ މަހުޖަނުންނާއި ނުފޫޒުގަދަ މީހުން އަދި ޝާހީ އާއިލާތަކުގެ މެންބަރުންނެވެ.
ފުއްގިރީގެ ވާހަކަ އެޕްސްޓީން އާއި ހިއްސާކުރި އިރު "އެޕްސްޓީން އައިލެންޑް" ގެ ވާހަކަ އޮތީ އާންމުވެފަ އެވެ. އެ ރަށަށް ކުދިން ޓްރެފިކް ކޮށްގެން ގެންގޮސް ޖިންސީ ގޯނާ ކުރާ ކަމުގެ އަޑުތައް 2000ގެ ކުރީކޮޅުން ފެށިގެން ދިޔައީ ފެތުރެމުންނެވެ.
ޕްރައިވެޓް އައިލެންޑާއި ގުޅޭގޮތުން ވަހީދު ފުރަތަމަ މެއިލް ފޮނުވުމުގެ ހަ އަހަރު ކުރިން ފްލޮރިޑާގައި އެޕްސްޓީން އާ ދެކޮޅަށް ކުރި ދައުވާ އާ ގުޅިގެން "އެޕްސްޓީން އައިލެންޑް" އާއި ގުޅޭ މީޑިއާ ރިޕޯޓުތަކާއި ކޯޓު ޑޮކިއުމެންޓުތައް އޮތީ އާންމުވެފަ އެވެ.
މިކަމާ ގުޅިގެން ވަހީދުގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް ގުޅާ މެސެޖުކުރުމުން އެއްވެސް ޖަވަބެއް ދެއްވާފައެއް ނުވެ އެވެ.
މިކަމުގެ އިތުރުން އެޕްސްޓީން އަދި އޭނާގެ ގާތް މީހުންނާ ވަހީދު އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން ބައްދަލު ކުރިކަން ވެސް އެ ފައިލްތަކުން ވަނީ އެނގިފަ އެވެ. ކުރިން އާންމު ކުރި ބައެއް ފައިލްތަކުން ވެސް އެކަން ހާމަވި އެވެ.
އެގޮތުން ވަހީދުގެ ދަރިފުޅު، ޖެފްރީ ސާލިމް ވަހީދު އާއެކު ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގައި 2014 ގައި ބައްދަލުކުރި ކަމާއި އޭގެ އިތުރުން ވެސް އެތައް ފަހަރެއްގެ މަތިން ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ފައިލްތަކުން ހާމަވެ އެވެ.
މީގެ އިތުރުން، 2013 ގައި ވަހީދު އަށް އެންމެ ފަސް ޕަސެންޓު ވޯޓު ލިބުނު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރޭވުމަށް އެޕްސްޓީންގެ އެހީއަށް ވަހީދު އެދުމުން، ކެމްޕޭން ރާވާނެ ގޮތުގެ ޕްރޮޕޯސަލްތަކާއި އިތުރު ވާހަކަތައް އެޕްސްޓީންގެ ގާތް ބަޔަކު ވަހީދުއާ ވަނީ ބަދަލުކޮށްފަ އެވެ.
Comment