Advertisement

'އަދަދު'ގެ ކާޓޫނު ނަގަން އެންގުން އެމްޖޭއޭއިން ކުށްވެރިކޮށްފި، ގޮވާލީ ނިންމުން އަނބުރާ ގެންދަން

މީޑިއާ ބިލާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން. އޭރު ވެސް ނޫސްވެރިން ބުނަމުން ދިޔައީ މި ބިލް ބޭނުން ކުރަނީ ސިޔާސީ މަގުސަދުގައި ކަމަށް. -- ފޮޓޯ: އަދަދު


'އަދަދު'ގެ ކާޓޫނު ނަގަން އެންގުން އެމްޖޭއޭއިން ކުށްވެރިކޮށްފި، ގޮވާލީ ނިންމުން އަނބުރާ ގެންދަން

'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިޢުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޖޭއޭ އިން ރޭ އެކްސްގައި ބުނެފައި ވަނީ، މިއީ މީޑިއާގެ އައު ގާނޫނު ބޭނުންކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ނޫސްވެރިން ކުރިންވެސް ބިރު ގަތް ގޮތް ކަމަށެވެ.

މިފަދަ ކަންކަން ސެންސަރު ކުރުމަކީ، ފާޑުކިޔާ ހުރިހާ އަޑުތަކެއް ކަނޑުވާލުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރި އެވެ.

"މިއީ މީޑިއާ ކޮންޓްރޯލް ކުރުމަށް ހެދި އައު ގާނޫނުގެ ނުރައްކާތެރިކަން ފެންނަން ފެށުން،" އެމްޖޭއޭއިން ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ މި އަމުރު "ވަގުތުން އަނބުރާ ގެންދިއުމަށް" މީޑިއާ ކޮމިޝަނަށް ގޮވާލާފައެވެ. އަދި މި ދަނޑިވަޅުގައި މުޅި ނޫސްވެރިންގެ މުޖުތަމައު އޮތީ 'އަދަދު' ނޫހާއެކު ސާބިތުވެކަމުގެ ޔަގީންކަންވެސް އެ ޖަމިއްޔާއިން ވަނީ ދީފައެވެ.

ރައީސް މުހައްމަދު މުއިއްޒަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ކާޓޫނަށް ފާޑުކިޔަމުން ދާއިރު، އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުން ދަނީ މި ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތްކަމާއި، ކާޓޫނުން ފެންނަނީ ދިވެހި މުޖުތަމައުގައި ވައްކަމާއި ހިޔާނާތާއި ރިޝްވަތު ދިނުން ބޮޑުވެފައިވާ މިންވަރު ކަމަށެވެ.

އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފު އެކްސްގައި ވިދާޅުވީ "އަދަދުގެ ކާޓޫނު އެއްގޮތަކަށް ވެސް ނަގާކަށް ނުޖެހޭ" ކަމަށެވެ.

ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އެންގީ އިއްޔެގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ.

"މި މައްސަލަ ބަލައި ނިމެންދެން އެ ސެގުމެންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގުމެންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް އަދަދު ނޫހަށް ދަންނަވަން" އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ވަނީ ރޭ ސިޓީއެއް ފޮނުވައިފަ އެވެ.

އެ ގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށް އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް އަދަދު ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.