Advertisement

އަހަރެއް ތެރޭ ސަރުކާރު ކުންފުނިތަކަށް 4،600 މުވައްޒަފުން އިތުރުވި، 12 ކުންފުންޏެއް ހިންގީ ގެއްލުމުގައި

about 10 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ


އަހަރެއް ތެރޭ ސަރުކާރު ކުންފުނިތަކަށް 4،600 މުވައްޒަފުން އިތުރުވި، 12 ކުންފުންޏެއް ހިންގީ ގެއްލުމުގައި

about 10 hours 0

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ގާތްގަނޑަކަށް 4،600 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާކަން ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.

ޕީސީބީއިން ނެރުނު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވުގައި ވާ ގޮތުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދިޔައީ އެ ކުއާޓަރު ނިމުނުއިރު 33،284 މުވައްޒަފުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވިއުގައި ވާ ގޮތުން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގައި 37،900 އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ވަނީ 4،616 ވަޒީފާ އިތުރުވެފަ އެވެ.

ޕީސީބީން އާންމުކުރި އަހަރީ ރިޕޯޓުގައި 2024 ނިމުނުއިރު ތިބި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓާ ރިވިއު ރިޕޯޓުގައި ހިމަނާފައިވާ ވަރަށް ވުރެ ވެސް އިތުރެވެ. އެގޮތުން، މިދިޔަ އަހަރު ނިމުނުއިރު 38،969 މުވައްޒަފުން އެސްއޯއީތަކުގައި މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.

އެހާ ބޮޑު ފަރަގެއް އެއް ކުއާޓަރުގެ ތެރޭގައި އައި ސަބަބެއް އަދި އެ އަދަދަށް ވާސިލުވި ގޮތެއް ނޭނގެ އެވެ. އަހަރު ނިމުނުއިރު ތިބި ކަމަށް ބުނާ މުވައްޒަފުންނަށް ވުރެ 1،000 މުވައްޒަފުން މަދުވީ ކޮން ގޮތަކުން ކަމެއް ނޭނގެ އެވެ.

ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އިތުރުވީއިރު, ކުންފުނިތަކުގެ ހާލަތަށް މާ ބޮޑު ބަދަލެއް އަައިސްފައިވާ ކަމަކަށް ނުދައްކަ އެވެ. އެގޮތުން، 12 ކުންފުންޏަކަށް 280 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ފުރަތަމަ ކުއާޓަރުގައި ވަނީ ވެފަ އެވެ.

މިދިޔަ އަހަރުގެ ރިވިއު އަށްވުރެ މި އަހަރުގެ ރިވުގައި މުވައްޒަފުންނާ ގުޅޭގޮތުން ހިމަނާފައި ވަނީ މަދު މައުލޫމާތުތަކެކެވެ. އެގޮތުން މިދިޔަ އަހަރުގެ ރިވިއުގައި ވަކިވަކި ކުންފުނިތަކުގައި ތިބީ ކިހާ މުވައްޒަފުންނެއްކަން އެނގޭ ގޮތަށް އޮތްއިރު މި އަހަރުގެ ރިވިއުގައި އެފަދަ އެއްވެސް މައުލޫމާތެއް ނެތެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ކުންފުނިތަކުން އަންނަނީ ގިނަ ވަޒީފާތަކެއް އުފައްދަމުންނެވެ.