ރައީސް މުއިއްޒު
ރައީސް މުހައްމަދު މުއިއްޒު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ސަފުގައި ހުންނަވައިގެން 2020 ވަނަ އަހަރު ކުރެއްވި ޕޯސްޓެއް ސޯޝަލް މީޑިއާއަށް އަލުން ތިލަވެ، އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔުން އޮއްސާލައިފި އެވެ.
މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ފައި ނަންގަވައިގެން އުޅުއްވިއިރު، 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްގައި އޭރުގެ ސަރުކާރުން މަސްވެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
"މަސްވެރިންގެ ދުވަހު މަސްވެރިންނަށް މި ސަރުކާރުން ޖައްސާފައިވާ ހާލަތުގެ ހިތްދަތި ޝުއޫރު ފާޅުކުރުން. މި ނާގާބިލު، ޒިންމާދާރުކަން ކުޑަ ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިންދަޖައްސާލާފައި!" މަސްވެރިންގެ މުސާރާގެ ދެ ފޮޓޯއާއެކު ކުރެއްވި ޕޯސްޓުގައި މުއިއްޒު ވިދާޅުވި އެވެ.
މި ޕޯސްޓު އިއްޔެ އަލުން ތިލަވެ، ދައުރުވާން ފެށީ އިޖުތިޖާޖުގައި ތިބި މަސްވެރިންގެ އުޅަނދުތަކަށް އިއްޔެ ފުލުހުން އަރައި، ރައްޔިތުންގެ މަޖިލީހުގެ ކަމަދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ބައެއް މަސްވެރިން ހައްޔަރުކުރުމާއި، އަދި މަސްވެރިންނަށްވީ ވައުދު ނުފުއްދަވާތީ، މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަމުގެ ޝަކުވާތަކާ އެކުގައެވެ.
މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ހަމައެކަނި އެކްސްގައި ކޯޓެއްގެ ގޮތުގައި ލިޔުއްވީ "އެކަމަކުވާ" އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ "މުއިއްޒު ވައުދު ފުއްދަނީ ހުސް އަނގައިން،" ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މި ފަހަކަށް އައިސް ތަޖުރިބާ ކުރެވިފައި ނެތް ފަދަ ދަތިކަމެއް ކަމަށާއި، އޭގެ އަސްލު ސަބަބަކީ މުއިއްޒުގެ އިހްލާސްތެރިކަން ނެތުން ކަމަށް ޖަމީލު ފާހަގަ ކުރެއްވި އެވެ.
"މަސްވެރިން ހިފާ ހައްޔަރުކޮށް އުޅަނދުތައް ނެގީ ގާނޫނު އެއްފަރާތްކޮށް ބާރު އޮތްކަން ދައްކާލުމަށް. އެކަން ފުލުހުންނަކަށް އެގޮތަށް ނުކުރެވޭނެ. ހައްގު ހޯދުމަށް އިހުތިޖާޖުކުރުމަކީ އަސާސީ ހައްގެއް،" ޖަމީލް ވިދާޅުވި އެވެ.
"މީހަކު ނުލަފާވާނީ މިވަރަށް. ސަލަފުންވެސް މިކަހަލަ މީހަކާ ބެހޭ ގޮތުން ފަތުވާއެއް ނެރެން އެބަޖެހޭ."
އެމްޑީޕީގެ ވެރިކަމުގައި އާރުޑީސީގެ އެމްޑީއަކަށް ހުންނެވި މޫސާ އަލިމަނިކު އެކްސްގައި ކުރެވި ޕޯސްޓުގައި ވިދާޅުވީ މުނާފިގުންގެ ހުރިހާ ސިފައެއް މުއިއްޒުގެ ކިބައިގައި ބަރާބަރަށް ފުރިހަމަވާ ކަމަށެވެ.
މަސްވެރިން ހައްޔަރުކުރުމަށް ފަހު ދެން މަސްވެރިކަން ކުރަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު އެކްސްގައި ޕޯސްޓެއްކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގެ އެކްޓިވިސްޓު ހާތިމް އިބްރާހިމް ވަނީ، ކުރިން ކަމެއް ނުވީ ނާގާބިލް ސަރުކާރެއް އޭރު އޮވެގެން ކަމަށް ވާނަމަ، މުއިއްޒު ވެރިކަމުގައި ހުންނަވައިގެން މިހާތަނަށް މަސްވެރިންނަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދައިފަ އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓު ހަދީޖާ މުހައްމަދު ބުނީ މުއިއްޒު ކުރިން ވިދާޅުވި ވާހަކަ ހަނދާނުގައި ނެތް ކަމަށާއި މިއަދު މުއިއްޒުގެ ސަރުކާރުގައި ހިޔާލުފާޅުކުރި މަސްވެރިން ކުރީ ހައްޔަރު ކަމަށެވެ.
ނުރުހުމުގެ މި ސްޓޭޓަސްތަކުގެ އިތުރުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment