33 minutes 0
33 minutes 0
އަންނަ މަހު ފަށާ ދެކުނު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގައި ބައިިވެރިވުމަށް ބުރު ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖޭންނޭ) އަށް އަށް ރިލީސް ދީފި އެވެ.
ބުރުން "އަދަދު ސްޕޯޓްސް" އަށް ބުނީ، ގައުމީ ފުޓްސަލް ޓީމަށް ކުޅެން ބޭނުންވާތިވެ، ޖޭންނޭ، ކްލަބްގައި އެދިފައިވުމުން، އޭނާ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވުމަށް ކްލަބުން ރިލީސްދީފައިވާ ކަމަށެވެ. މިއީ މި ގޮތަށް ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހަށް ރިލީސްކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ދެ މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން، ލ. ގަމު ފުޓްސަލް ޓީމަށް ހޯދައިދިނުމަށާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން، ކްލަބް ވެމްކޯ އަށް ޖެހިޖެހިގެން ދެ އަހަރު ހޯދައިދިން ޓީމުގައި ޖޭންނޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަަދި، މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ ވެސް ޖޭންނޭ އެވެ.
ފުރަތަމަ ޑިވިޝަނުގައި، ޖޭންނޭ ވަނީ ކުރިން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ބުރުއާ ގުޅުމަށް ފަހު، މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އެ ޓީމުން ކުޅުނު ގިނަ މެޗުތަކުގައި ޖޭންނޭ ވަނީ ކުޅެފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ، ތައިލެންޑުގެ ނޮންނަންބުރީގައި ޖެނުއަރީ 13-26 އަށެވެ. މި މުބާރާތަށް މި މަހު އެއް ވަނަ ދުވަހު ގައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، މީގެ އެއް ދުވަސް ކުރިން، ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ، ފާރޫގު ޒަކިރޯވް ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ތިރީހަށް ވުރެން ގިނަ ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު، މިހާރު ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ކުރިއަށްގެންދާއިރު، އެންމެ ފުރަތަމަ ސްކޮޑު މަދުކުރާނީ 25 ކުޅުންތެރިންނަށެވެ. އެއަށް ފަހު، ޗައިނާ އަށް ކޭމްޕެއްގައި ދިއުމަށް މަސައްކަތް ކުރަމުން އަންނައިރު، މި ކޭމްޕްގައި ބައިވެރިވާނީ، 17 ކުޅުންތެރިންނެވެ.
Comment