Advertisement

ނޫސްވެރިންނަށް ބިރުދައްކާ އިންޒާރު ދޭތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

30 ސެޕްޓެންބަރު 2025 - 22:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނޫސްވެރިންގެ މުޒާހަރާތަކުގެ ތެރެއިން އެމްޖޭއޭގެ ނައިބު ރައީސް ޝަހުޒާން މުލިއާގެ ދޮށުގައި އަޑުއުފުލަނީ ---- ފޮޓޯ: އެމްޖޭއޭ/އެކްސް


ނޫސްވެރިންނަށް ބިރުދައްކާ އިންޒާރު ދޭތީ އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

30 ސެޕްޓެންބަރު 2025 - 22:05 0

ދިވެހިރާއްޖޭގެ މިނިވަން މީޑިއާ ނައްތައިލުމަށް ހެދި ގާނޫނާއި ދެކޮޅަށް އަޑުއުފުލަން ފެށުމާއެކު ރާއްޖޭގެ ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލަތަކެއް ފާހަގަކޮށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކޮންޓްރޯލް ގާނޫނާއި ދެކޮޅަށް ނޫސްވެރިން ތެދުވެ ހިޔާލުފާޅު ކުރަން ފެށުމުން އެކަމުގައި ބައިވެރިވަމުންދިޔަ ނޫސްވެރިންނަށް އެކި ސިފަސިފައިގައި އިންޒާރު ދިނުމާއި ބިރު ދެއްކުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައިވާކަން އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖެ24 ގެ ނޫސްވެރިޔާ ނަޒީމް ނައުޝާދުގެ ފުރާނައަށް ބަޔަކު ސިޔާސީ މަގުސަދެއްގައި ގެއްލުމެއް ދޭން ރާވަމުންދާ ކަމަށް ކާކުކަން ނޭނގޭ ގޮތަށް މެއިލް އެއް ފޮނުވާފައިވާކަން އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުންދާ އެކައުންޓަކުން އަސްލު ޓީވީގެ ނޫސްވެރިޔާ ޒިދާން މުހައްމަދުއަށް ފުރައްސާރަ ކޮށްފައިވާކަން ވެސް އެމްޖޭއިން ފާގަކޮށް، މި ދެ ހާދިސާ އާއި ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ.

"މިފަދަ އިންޒާރުތައް ނޫސްވެރިންނަށް އަމާޒުވަމުން ދަނީ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން މަސައްކަތް ކުރަން ފެށުމުން، ނޫސްވެރިންނަށް ދޮގު ތުހުމަތުތައް އަމާޒުކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އުފެއްދި ނަފުރަތާ ގުޅިގެން ކަމަށް މި ޖަމިއްޔާއިން ގަބޫލު ކުރަން،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން، ކޮންޓްރޯލް ގާނޫނާއި ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާތަކާއި ގުޅިގެން ފެތުރި ދޮގު ތުހުމަތުތައް އެމްޖޭއޭއިން ވަނީ ފާހަގަކޮށްފަ އެވެ. އެއީ މުޒާހަރާކުރި ނޫސްވެރިން ރައީސް އޮފީހުގެ ގޭޓުތަކުން އަރަން އުޅުނު ކަމަށް، އަދި މުލީއާގޭގެ ފާރުމަތިން އަރަން އުޅުނު ކަމަށް ބުނެ ފެތުރި ވާހަކަތަކެވެ.

ގާނޫނާއި ދެކޮޅަށް މަސައްކަތްކުރަން ފެށި ދުވަހުން ފެށިގެން އެމްޖޭއޭގެ އެކްސްކޯގައި ހިމެނޭ ބައެއް މެންބަރުންނަށް އެކި ގޮތްގޮތުން ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އަމަލުތައް ހިންގަމުންދާކަމަށް ވެސް އެ ޖަމިއްޔާއިން މިރޭ ބުނެފައިވެ އެވެ.

އެމްޖޭއޭ އިން އިތުރަށް ބުނީ މި ހުރިހާ މައްސަލައެއް ޖަމިއްޔާގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި، އެކި ގޮތްގޮތުން ކުރިމަތި ކުރާ ފިއްތުންތަކާއި ދައްކާ ބިރަށް ބެލުމެއް ނެތި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.

ސަރުކާރުން އަޑީގަ އޮވެ ހުށަހަޅައި، ކޮންޓްރޯލް ބިލު ފާސްކުރި ދުވަހު މަޖިލިސް ދޮށުގައި ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް ވެސް ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ފޮނުވާފައިވެ އެވެ. އެ މައްސަލަތަކަށް ފުލުހުން ސަމާލުކަން ދީފައެއް ނުވެ އެވެ.