Advertisement

މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ގޮވާލުމުން ސަރުކާރުން އދ. އަށް އެއްވެސް ޖަވާބެއް ނުދޭ

30 ސެޕްޓެންބަރު 2025 - 10:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު އަދި ފޮރިން މިނިސްޓަރު ހަލީލު: މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ގޮވާލުމުން ސަރުކާރުން އދ. އަށް އެއްވެސް ޖަވާބެއް ނުދޭ ---- ފޮޓޯ: ރައީސް އޮފީސް


މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ގޮވާލުމުން ސަރުކާރުން އދ. އަށް އެއްވެސް ޖަވާބެއް ނުދޭ

30 ސެޕްޓެންބަރު 2025 - 10:24 0

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން އދ. އިންސާނީ ހައްގުތަކުގެ ކޮމިޝަނަރު ދިވެހި ސަރުކާރަށް ގޮވާލުމުން އެކަމާ ގުޅިގެން ސަރުކާރުން އދ. އަށް އެއްވެސް ޖަވާބެއް ނުދޭކަން އެނގިއްޖެ އެވެ.

އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި މީޑިއީ ރެގިއުލޭޓު ކުރުމުގެ ނަމުގައި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ގާނޫނު އުވާލަން ގޮވާލީ އެ ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ފާހަގަކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގައި ސުވާލުކުރުމުން ރަސްމީކޮށް ނޫސްތަކަށް ވެސް ޖަވާބެއް ނުދެ އެވެ.

ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އދ. ގެ ގޮވާލުމާ ގުޅިގެން ސަރުކާރުން އެ ޖަމާއަތަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ދިވެހި ވަފުދުން ވެސް މިކަމާއި ގުޅިގެން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އެ ބިލު އަނބުރާ ގެންދިޔުމަށް ފަހު ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުށަހަޅުއްވާފަ އެވެ.

"އާ ގާނޫނެއް މި ގެނައީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށް. މިނިވަން އަދި ތަފާތު މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޑިމޮކްރަޓިކް މުޖުތަމައުގެ އަސާސެއް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މި ގާނޫނު އުވާލަން ގޮވާލާފަ އެވެ.