Advertisement

ކުލި ނުދައްކާތީ އިހަވަންދޫ ރަށްވެހިގެއިން ވެމްކޯ ބޭރުކޮށްފި

30 ސެޕްޓެންބަރު 2025 - 21:14 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިހަވަންދޫ ރަށްވެހިގޭގައި ވެމްކޯގެ ބޯޑު ހަރުކުރަނީ. ދުވަސްކޮޅެއް ފަހުން އެ ބޯޑު ވެސް ނެގި. -- ފޮޓޯ: އިހަވަންދޫ.ކޮމް


ކުލި ނުދައްކާތީ އިހަވަންދޫ ރަށްވެހިގެއިން ވެމްކޯ ބޭރުކޮށްފި

30 ސެޕްޓެންބަރު 2025 - 21:14 1

ވެމްކޯގެ އޮފީހެއް ހއ. އިހަވަންދޫގައި ގާއިމު ކުރަން ކުއްޔަށް ހިފި އިމާރާތަށް ކުލި ނުދައްކާތީ މުވައްޒަފުން ބޭރުކޮށް އިމާރާތުގައި ތަޅު އަޅުވައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިހަވަންދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ވެމްކޯއިން ހަވާލުވަން އުޅުނުކަން ދައްކައި ބައެއް މުވައްޒަފުން ނެގި އެވެ. އަދި އޮފީސް ގާއިމުކުރިކަން ދައްކަން ކައުންސިލުން ބަލަހައްޓާ ރަށްވެހިގެ، ރަށްވެހިހިޔާގެ ބޭރުގައި ބޯޑު ހަރުކުރި އެވެ. ނަމަވެސް ފަހުން އެ ބޯޑު ނެގި އެވެ.

ރަށްވެހިހިޔާގެ ހޯލް ކުއްޔަށް ހިފަން ވެމްކޯއާއެކު ކައުންސިލުން އެއްބަސްވުން ހެދީ ޖޫން 1، 2025 ގަ އެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ވެމްކޯއިން ސޮއިނުކުރާ ކަމަށާއި، އިމާރާތް ބޭނުން ކުރަމުން ދިޔަ ނަމަވެސް ކުލިވެސް ނުދައްކާ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ތަނުގެ ކުއްޔަށް މިހާތަނަށް 51،000ރ. ނުދައްކާ އެބަ އޮތް ކަމަށް އިހަވަންދޫ ކައުންސިލުން ވެމްކޯއަށް ފޮނުވި ސިޓީއެއްގައި ކައުންސިލުން ބުނެފައިވެ އެވެ.

"[އެހެންވެ] އިތުރަށް ރަށްވެހިހިޔާގެ ހޯލު ބޭނުން ކުރަން ބޭނުންވާނަމަ ރަށްވެހިހިޔާ ކުއްޔަށް ހިފަން އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އެދުމަށް ދަންނަވަމެވެ،" މި މަހު 11 ގައި ވެމްކޯއަށް ފޮނުވި ސިޓީގައިވެ އެވެ.

އުސޫލުގެ ތެރެއަށް ވަނުމަށް ކައުންސިލުން ވެމްކޯއަށް ދިނީ ތިން ދުވަހެވެ. އެގޮތަށް އަމަލު ނުކޮށްފި ނަމަ 10 ދުވަހުގެ ތެރޭގައި އެތަން ހުސްކޮށް އިމާރާތް ހަވާލުކުރަން ސިޓީގައި އަންގާފައިވެ އެވެ.

އެގޮތަށް ވެމްކޯއިން އަމަލު ނުކުރުމުން، ރަށްވެހިގެއިން ވެމްކޯގެ މުވައްޒަފުން ބޭރުކޮށް އެތަނަށް ނުވަދެވޭ ގޮތަށް މިދިޔަ ހަފުތާގައި ތަޅު އަޅުވާފައިވާ ކަމަށް އެ ރަށުން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އިހަވަންދޫގައި ކުނި މެނޭޖުކުރަނީ ކައުންސިލުންނެވެ.