ސިވެކް މެދުވެރިކޮށް ޝުޖާއުއާ ގުޅުން އޮންނަ ކުންފުނިތަކަށް ދިން ފައިސާއާ ގުޅޭ އެފްއައިޔޫ ރިޕޯޓު ސައްހަ!

Aug 3, 2025, 8:53 AM
ސިވެކް މެދުވެރިކޮށް ޝުޖާއުއާ ގުޅުން އޮންނަ ކުންފުނިތަކަށް ދިން ފައިސާއާ ގުޅޭ އެފްއައިޔޫ ރިޕޯޓު ސައްހަ!

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ރިޕޯޓެއްކަން އަދަދު އަށް ކަށަވަރުކުރެވިއްޖެ އެވެ.

ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. މި މައްސަލަ އެފްއައިޔޫއިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.

ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަން "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތެވެ.

އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގެ އެވެ. މި ރިޕޯޓަކީ ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 އަށް ހިނގާފައިވާ މުއާމާލަތްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ނޮވެމްބަރު 17، 2023 ގައި މުއިއްޒު ހުވާ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ. މަޖިލީހުން އެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިވެކްއާ އެވެ.

ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ ފަސް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހަރަދުވާތީ ޓެންޑާ މަރުހަލާއަށް ނުގޮސް ހަވާލު ކުރުމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޓެންޑާއަށް ނުލައި މަސައްކަތް ހަވާލު ކުރެވެ އެވެ. ސިވެކްގައި ސަރުކާރުގެ 10 ޕަސެންޓް ހިއްސާ އޮވެ އެވެ.

ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް ސިވެކަށް މުޅި ޖުމަލަ އަދަދު ޖަމާވީ ޑިސެމްބަރު 10، 2023 ގަ އެވެ. ސިވެކަށް ޖަމާވީ ފައިސާގެ ތެރެއިން 19.7 މިލިއަން ރުފިޔާ ޖަމާކުރީ ތިން ކުންފުންޏަކަށެވެ.

އެއީ އޮފިޝަލް އިވެންޓްސް، ޑީޖީ ހޯލްޑިންސް އަދި ކުއިކް ޝުއާ އެވެ. އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން، ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ސިވެކުން ޖަމާކުރި އެވެ.

ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކުރި 13.1 މިލިއަން ރުފިޔާގެ ތެރެއިން އަށް މިލިއަން ރުފިޔާ ހޭދަކުރީ ދެ ހިއްސާދާރުންނަށް ލަގްޒަރީ އެޕާޓްމަންޓް ގަންނަން ކަމަށް އެފްއައިޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ޕީއެސްއެމް ބޯޑުގައި ހިމެނޭ އަހްމަދު އަދުހަމް އެވެ. އަދި ޖުމުލަ އަދަދުގެ 14.46 ޕަސެންޓް ފައިސާ ޖަމާކުރީ ކުންފުނީގެ އެއް ހިއްސާދާރު ޝުޖާއުގެ އެކައުންޓަށެވެ.

އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގަ އެވެ. އޭރު އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެންބަރުގެ މަގާމާއި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ކުއިކް ޝުއާ ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުއާ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ މުހައްމަދު ނާފިޒުގެ ނަންމަތީގަ އެވެ. އޭނާއަކީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2، 2022 އިން ފެށިގެން ނޮވެމްބަރު 7، 2023 އާ ދެމެދު ކުއިކް ޝުއާއަށް މާލެ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި ދީފައިވެ އެވެ. އޭރު މޭޔަރަކަށް ހުންނެވީ މުއިއްޒު އެވެ.

މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސް ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އެފްއައިޔޫގެ ރިޕޯޓުން އެނގޭ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެ އެވެ. މީގެ ތެރެއިން ގިނަ މުއަމަލާތްތައް ހިނގާފައި ހުރީ ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދު އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި އެމްއޭސީއެލް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު އިވެންޓްތައް ބޭއްވުމަށް އިވެންޓް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އެވެ. އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި އިވެންޓް މެނޭޖު ކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

މި މުއަމަލާތްތައް "ފަށަލަކޮށް" އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެއީ އިތުރަށް ތަހުގީގު ކުރަން އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ. މި ރިޕޯޓުގައި ސިވެކްގެ އިސްވެރިންނަށް ވެސް ތުހުމަތުތަކެއް އަމާޒުވާއިރު އެ މައްސަލަތައް ބަލަމުންދާ ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.

އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.

ސައްހަ ލިޔުމެއް ނަމަ އޮތީ ކުންފުންޏަށް ގެއްލުން ދިނުމަށް އޮޅުވާލާފައި: ޝުޖާއު

މި ރިޕޯޓުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ޝުޖާއު ލިޔުއްވި އެވެ. އެއީ އެކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ ހިއްސާކޮށްފައި ނެތުމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކެން،" ޝުޖާއު ލިޔުއްވި އެވެ.

އޮފިޝަލް އިވެންޓްސް ކުންފުންޏަކީ ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ. ކުންފުނި ވުޖޫދުވުމަށް ފަހު ކޮންމެ ސަރުކާރެއްގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވީމަކަމީ ފެންނަން އޮތް ހަޤީގަތެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ އުންމީދެއް،" ޝުޖާއު ލިޔުއްވި އެވެ.

މިހާތަނަށް ވެސް އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން ވެސް މިއަދާ ހަމައަށް ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް، މައްސަލައެއް ބަލާފައި ނުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. މައްސަލައެއް ބަލަން ޖެހޭނަމަ ތަހުގީގު ކުރުމަށް ވެސް ޝުޖާއު ގޮވާލެއްވި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޝުޖާއު ވަނީ މިދިޔަ އަހަރު ހުޅުމާލޭގެ ލޮޓު ނަމްބަރު 20339 ޖުމުލަ 9.4 މިލިއަން ރުފިޔާއަށް ގަނެފަ އެވެ. އެ ބިމުގެ ބޮޑުމިނަކީ 2،197 އަކަފޫޓެވެ. އެ ބިން ގަތުމަށް ޖީއެސްޓީ ހިމެނޭހެން ޝުޖާއު ވަނީ އެޗްޑީސީއަށް ޖުމްލަ 9.4 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެންބަރުކަން އަދާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox