Advertisement

ޕޮންޒީ ސްކީމެއް ހިންގައިގެން ދައުވާ އުފުލާފައިވާ އަލްހާން، ޓްރޭޑްކޮށްދޭން ކަމަށް ބުނެ އިންވެސްޓު ކުރަން މީހުން ހޯދަނީ

21 ޖޫން 2025 - 19:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލްހާން ފަހުމީ: އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެކުމުގެ 13 ދައުވާއެއް --- ފޮޓޯ: އަދަދު


ޕޮންޒީ ސްކީމެއް ހިންގައިގެން ދައުވާ އުފުލާފައިވާ އަލްހާން، ޓްރޭޑްކޮށްދޭން ކަމަށް ބުނެ އިންވެސްޓު ކުރަން މީހުން ހޯދަނީ

21 ޖޫން 2025 - 19:06 1

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ޓްރޭޑުކޮށްގެން މީހުންނަށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެ އިންވެސްޓަރުން ހޯދަން ފަށައިފި އެވެ.

އިންވެސްޓަރުން ހޯދާ ކަމަށް އަލްހާން ބުނެފައިވަނީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމުން ފައިސާ ޖަމާވުން ހުއްޓުމާ ގުޅިގެން ކުރި ޕޯސްޓެއްގަ އެވެ.

އަލްހާންގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓުގައި ޖެމްކިއުގެ ސައްހަކަމާ ބެހޭގޮތުން މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އޭނާ ދިފާއުކޮށްފައިވަނީ އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި ޕޮންޒީ ސްކީމެވެ. މިއަދުގެ ޕޯސްޓުގައި ވެސް އަލްހާން އެއީ ޕޮންޒީ ސްކީމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އޭނާ އަދި އޭނާގެ ދެބެއިން ކުރިއަށް ގެންދިޔަ މި ސްކީމް ހުއްޓުނީ ބޭންކް އޮފް މޯލްޑިވްސް އިން ހައްގަކާ ނުލާ އެ މީހުން ކުންފުނީގެ އެކައުންޓުތައް ބްލޮކް ކުރުމުން ކަމަށާއި އެތައް ސަތޭކަ މީހުންގެ ތެރެއިން މި މައްސަލާގައި ފުލުހުން ބަޔާން ނެގީ އެންމެ 13 މީހެއްގެ ކަމަށެވެ. އަލްހާން އާއި ދެބެއިންގެ މައްޗަށް ކޮށްފައިވާ ޓެކުމުގެ ދައުވާ އަކީ އެމީހުންގެ އަބުރު ކަތިލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އަޅުގަނޑު މިހުރީ އަދިވެސް ބަޔަކު އަޅުގަނޑާ ބައިވެރިވާނަމަ ޓްރޭޑްކޮށްގެން ފައިިދާ ހޯދައިދޭން ތައްޔާރަށް. ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުންވެސް މަދެއް ނުވާނެ. އެކަން ހުއްޓުވުމާ ހަމަޔަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރަން. އެހެންކަމުން، އަލުން އަޅުގަނޑާ އެކީ ކްރިޕްޓޯ ކަރަންސީއިން އޮންލަައިން ޓްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލަން އަޅުގަނޑު ގަސްތުކުރަން،" އަލްހާން ލިޔެފައިވެ އެވެ.

މިއާއެކު އޭނާ ހިއްސާކޮށްފައިވަނީ އިންވެސްޓުކުރަން ޖެހޭ އަދަދުތަކާއި އޭގެން ލިބޭނެ ފައިދާގެ ތަފުސީލެވެ. އެ ޕޯސްޓުގެ ކޮމެންޓުތަކުގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ހުތުރު ބަހުން ވެސް އަލްހާނަށް މުހާތަބުކޮށްފައިވެ އެވެ.

އަލްހާންގެ ތިންބެއިން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހިންތަކެއް އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި، ފުލުހުންގެ ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 މީހުންނާ ގުޅިގެން އަލްހާންގެ ތިންބެއިންގެ ކުރެ ކޮންމެ މީހަކަށް 13 ދައުވާއެއް ނޮވެމްބަރު 23، 2023 ގައި އުފުލާފައިވެ އެވެ.

އަލްހާންގެ ތިންބެއިންނަށް އުފުލި ދައުވާތައް:

  1. މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީ ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.
  2. މ. ފިނިވާގެ 2 ނަންބަރު ބައި، ސަހުބާން ފަހުމީގެ - ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.
  3. ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީ - ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ.

އަލްހާގެ ތިންބެއިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، އެ ތިންބެއިންގެ މައްޗަށް އުފުލި ދައުވާތަކަށް ވަނީ އިންކާރު ކޮށްފަ އެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން އެ ތިން ބެއިން ހިންގާ ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އިންވެސްޓުކޮށްފަ އެވެ.