Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމް އާއި ހަމީދު އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

4 ޖޫން 2025 - 12:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ދެ ބޭފުޅުން -- ފޮޓޯ: ހައިކޯޓު


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމް އާއި ހަމީދު އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

4 ޖޫން 2025 - 12:27 0

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީިމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯތުގެ ފަނޑިޔާރުކަމަށް އެ ދެ ބޭފުޅުން އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ މާބޮޑު ދިރާސާއެއް ކުރުމެއް ނެތި އެވެ.

ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ވެސް ސަލީމް އާއި ހަމީދު އަށެވެ. އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޖޭއެސްސީން ލަފާ ދީފައި ވެ އެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި އޭނާ 12 އަހަރު ހޭދަކުރެއްވި އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނި މައްސަލައެއް ސާބިތުވާ ކަަމަށް ޖޭއެސްސީން ނިންމުމުން، ރައްޔިތުންގެ މަޖިލީހުންނެވެ.

މި މައްސަލަ ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އދ. ގެ ޖަމިއްޔާތަކުންނާއި އަވަށްޓެރި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގާ މެދު ސުވާލުއުފައްދާ، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.