19 މޭ 2025 - 13:56 3
ފަރުހާދު އަދި ނިޔާޒް: ޖޭއެސްސީން ބަލަން އުޅެނީ މީގެ ކުރިން އެ ކޮމިޝަނުން ނިންމާފައި އޮތް މައްސަލައަކާއި މީގެ ހަ އަހަރު ކުރީގެ މައްސަލައެއް -- ފޮޓޯ: ޖޭއެސްސީ
19 މޭ 2025 - 13:56 3
ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ނުދިން އެ ކޮމިޝަނުގެ ހިމެނޭ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަކި ކުރަން ވޯޓު ނުދިނީ ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ގާޒީ ފަރުހާދު ރަޝީދު އެކަންޏެވެ.
ފަނޑިޔާރު ނިޔާޒް އާއި ގާޒީ ފަރުހާދުގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން މަސައްކަތް ކުރާ ކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ކޮމިޝަނުގެ ރަސްމީ ބަހެއް އަދި ނުބުނެ އެވެ.
ނިޔާޒް އާއި ފަރުހާދުގެ މައްސަލަތަކެއް ބެލުމަށް ޖޭއެސްސީގެ ކުޑަ ކޮމިޓީއަކުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެ ދެ ބޭފުޅުންގެ މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމަން ކޮމިޓީ އިން ވަނީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ފަނޑިޔާރުގެ ނިޔާޒްގެ ދެ މައްސަލައެއް ބަލަން މަސައްކަތް ކުރާ ކަން އެނގިފައިވެ އެވެ. އެކަމަކު އެ ދެ މައްސަލައަކީ ވެސް ކޮމިޝަނުން މީގެ ކުރިން ގޮތެއް ކަނޑައަޅާފައިވާ މައްސަލަތަކެކެވެ. ގާޒީ ފަރުހާދުގެ މައްސަލައެއް ބަލަނީ މީގެ ހަ އަހަރު ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށެވެ.
މި ހިނގާ މެއި 14، ގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުން ވަކި ކުރީ ޖޭއެސްސީ އިން ހިންގާފައި ވަނީ ގައިރު ގާނޫނީ ތަހުގީގެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވަ އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ފެބްރުއަރީ 26، ގައި ޖޭއެސްސީ އިން ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު މާޗް މަހުގެ ތެރޭގައި ސުއޫދު އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ކުއްލި ގޮތަށް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލަ ބަލަން ފެށުމުންނެވެ.
ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީ އިން ނިންމީ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ނުދީ އެވެ. ކޮމިޝަނުން ބުނީ ފަނޑިޔާރުން ހުށަހަޅަން ބޭނުންވި ހެކި ހުށަހެޅި ނަމަވެސް ފަނޑިޔާރުން ބަރީއާ ގޮތަށް މައްސަލަ ނުނިންމޭނެ ކަމަށެވެ.
ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި އޮތީ ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލެވެ. އެ ކޮމިޓީގައި ހިމެނެނީ ރައީސް އައްޔަން ކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު އާއި ވަކީލުން ތަމްސީލު ކުރައްވާ މެންބަރު އަލީއަބްދުއްލަތީފެވެ.
Comment