20 މާރިޗު 2025 - 08:14 1
ހުސެއިން ޝަމީމް
20 މާރިޗު 2025 - 08:14 1
މުޖުތަމައެއް، މުޖްތަމައެއްގެ ގޮތުގައި ހަމަޖެހިގެން އުޅުމަށްޓަކައި އިންސާފުވެރި ގާނޫނީ ނިޒާމެއް އޮންނަންޖެހެ އެވެ. އެ ނިޒާމުގެ ބޭނުމަކީ އަޑުގަދަ މީހާގެ ރުއްގިނަވާ އުސޫލު ނައްތާލުމެވެ. އެ މުޖުތަމައަކުން އިންސާފުކަމަށް ގަބޫލުކުރާ ހަމަތައް ނެގެހެއްޓުމެވެ. ގާނޫނީ ނިޒާމެއް ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަކާއި ގަވާއިދުތަކެއް ބޭނުންވެއެވެ. އެ ނިޒާމު ތަންފީޒުކުރާނެ ބަޔަކުވެސް ތިބެ އެވެ. ގާނޫނީ ވަކީލުންނަކީ ވެސް މި ނިޒާމުގެ ބައެކެވެ. ވަކީލުންނަކީ، ނިޒާމު ހިނގާގޮތް ކިޔައިދޭ، ނިޒާމުގެ ތަޖުރިބާކާރުންގެ ހައިސިއްޔަތުން، ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އޮތް ބައެކެވެ.
އިންސާފަކީ ނިސްބީ އެއްޗެކެވެ. އެކި މީހުންނަށް، އެކި ގޮތަށް މާނަކުރެވޭ، އެކި ގޮތަށް ލިބޭ އެއްޗެއްކަމެވެ. އިންސާފު ލިބުމުގެ އިހުސާސަކީވެސް ނިސްބީ އެއްޗެކެވެ. އެކި މީހުންނަށް، އެކި ކަންކަމުގައި، އެކި ވަރަށް ކުރެވޭ އިހުސާސެކެވެ. ވީމާ، އެންމެން ގަބޫލުކުރާ އިންސާފަކީ ވަކި މިވެނި އެއްޗެއްކަމަށް ކަނޑައެޅޭކަށް ނެތެވެ.
އެ މީހެއްގެ ނިސްބަތުން އިންސާފަކީ ކޮބައިކަން ކަނޑައެޅުމުގައި، އެމީހަކަށް ލިބިހުރި ތަރުބިއްޔަތާއި، ތައުލީމާއި، ހޭލުންތެރިކަމާއި، ދުނިޔެއަށް ލޯ ހުޅުވިފައިވާ މިންވަރާއި، ހަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކާއި، ދީނީ، ސަގާފީ، އިޖްތިމާއީ، އާއިލީ ހާލަތާއި، މިނޫންވެސް ވަރަށް ގިނަ ކަންކަން ހިމެނެއެވެ. އެހެންކަމުން، އެއް ހާދިސާއެއް ދިމާވާ ދެމީހަކަށް، އެއް ގޮތަށް އަމަލުކުރުމުން، އެކަކަށް އެކަމަކީ އިންސާފަށް ވެފައި، އަނެކާއަށް އެއީ އިންޞާފަކަށް ނުވެ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެވަގުތަކަށް އިންސާފަކީ ކޮބައިކަން ލިޔެފައި އޮންނަނީ ގާނޫނުތަކާއި ގަވާއިދުތަކުގައެވެ. ނަމަވެސް، ގާނޫނަކީ އޭގެ ޒާތުގައި މުތުލަގު އިންސާފެއް ނޫނެވެ.
ގާނޫނަކީ އިންސާފު ގާއިމުކުރަން ބޭނުންކުރާ ވަސީލަތެކެވެ. ގާނޫނުގައި ބޭނުންކުރާ ބަސްތަކަކީވެސް، އޭގެ ކޮންޓެކްސްޓުގައި މާނަކުރަންޖެހޭ ބަސްތަކެކެވެ. މިސާލަކަށް، އަމިއްލަ މީހެއްގެ ގެއަކަށް "ކޯޓު އަމުރަކާ" ނުލައި ވަނުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ވަކި ގެއެއްގައި، ބަޔަކު ކުށުގެ އަމަލެއް ހިންގާކަން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ގެއަށް ވަދެ، ބަލާ ފާސްކުރަން ފުލުހުން "ކޯޓު އަމުރެއް" ހޯދައިފިއެވެ. "ކޯޓު އަމުރު" ގައި އޮތީ، އެގޭ ދޮރު ވައްޓާލައިގެން އެގެއަށް ވަންނަން "އަމުރު" ކޮށްފައެވެ. އެ އަމުރު ހޯދައިގެން އެގެއަށް ދިއުމުގެ ކުރިން، އެ ގޭގައި އެކަހަލަ ކަމެއް ނުކުރާ ކަމަށާއި، އެތަނުގައި ބަޔަކުވެސް ނެތްކަމުގެ ކަށަވަރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެ އެވެ. މި ހާލަތުގައި، ގާނޫނު ތުނޑުން ތުނޑަށް ތަންފީޒުކުރާނަމަ، "ކޯޓު އަމުރެއް" އޮތީތީ އެ ގޭގެ ދޮރު ވައްޓާލަން އެބަ ޖެހެއެވެ. އެގޭގައި ކުށުގެ ޢަމަލެއް ނުހިނގިޔަސްވެހެވެ. ނަމަވެސް، އެކަމެއް އެގޮތަކަށް ނުހިނގައެވެ.
މީގެން އެނގެނީ، "ކޯޓު އަމުރު" ޖަހާފައި އޮތަސްވެސް، އެ ބާވަތުގެ އަމުރުތަކަކީ ކޯޓުން ވަކި ކަމެއް ކުރުމަށްދޭ ހުއްދައެއްކަމެވެ. އެ ހުއްދަ ބޭނުންކުރާނެ ގޮތް ކަނޑައަޅާނީ، އެ ހުއްދަ ތަންފީޒުކުރާ މީހާއެވެ. ގާނޫނުގައި "އަމުރު" އޮތީތީއާއި، ގާނޫނަކީ "ކަނު" އެއްޗަކަށްވާތީ، އޭގެ ލިބޭނޭ އެހެނިހެން ގެއްލުމަކަށް ނުބަލައި، އެކަންކަމާ ނުވިސްނާ، "އަމުރު" ތަންފީޒުކޮށްގެން ނުވާނެއެވެ. އެގޮތަކަށް އެކަމެއް ނުވެސް ހިނގާމެއެވެ. މި ހާލަތުގައި، "ކަނު" ކޮށް އަމުރު ތަންފީޒުކުރުމަކީ ގާނޫނު ބޭނުންވާ ގޮތްނަމަ، އެކަން ކުރަން ބައިތިއްބަންވީ ރޮބޮޓުތަކެކެވެ. ކިޔަވައިގެން، ކަމުގެ ގޮތްބާވަތް ދަސްކޮށްގެން ތިބި ފުލުސް އޮފިސަރުންނެއް ނޫނެވެ.
މިދެންނެވި ހަމަ، އެހެން ކަންކަމުގައިވެސް ހިނގައެވެ. ގާނޫނުގައި މީހަކު މީހަކަށްދޭންޖެހޭ ސާބިތު ދަރަނީގެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، އެކަމަށް ހަރުދުތަކަކާއި، ވަގުތާއި ފައިސާ ވެސް ހޭދަވާނެތީ، އަރަނިވެރިޔާ، ކޯޓަށް ދިއުމާމެދު ގޮތެއް ނިންމާނީ މިދެންނެވި ކަންކަން ވަޒަންކޮށްފައެވެ. ގާނޫނުގައި ކޯޓަށް ދެވިދާނެކަމަށް އޮތީތީ ކޯޓަށް ދާންޖެހޭކަމަށް މާނަކޮށްފިނަމަ، އެކަމުގެ ސަބަބުން ހައްގު ހޯދާމީހާއަށް އެ ލިބެނީކީ ލުއިފަސޭހައެއް ނޫނެވެ. ތުރާލެކެވެ. މިސާލަކަށް، އެކަމަށް ހިނގާނެ ހަރަދާމެދު ވިސްނުމަށްފަހު، ފައިސާ ދޭންޖެހޭ މީހާއާއެކު، ދަރަނީގެ އެއްބައި ފައިސާ އުނިކޮށްލައިގެން، ޑިސްކައުންޓެއް ދީގެން ވިޔަސް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކީ ދެފަރާތަށްމެ މަސްލަހަތު އޮތް ކަމަކަށް ވެދާނެއެވެ. މި ހާލަތުގައި، އިންޞާފުވެރި ގޮތަކަށްވެސް ވާނީ އެ ގޮތެވެ.
ގާނޫނީ ކަންކަމުގައި، ގާނޫނީ ވަކީލުން މީހުންނަށް ލަފައާއި އިރުޝާދު ދިނުމަކީ ވަކި ކަހަލަ ހިކުމަތު ޢަމަލީއެއްވެސް ބޭނުންވާކަމެކެވެ. ހިކުމަތު އަމަލީއަކީ، ތައުލީމާއި، ހޭލުންތެރިކަމާއި ތަޖުރިބާއާއި ކަންކަމާ ފިކުރުކުރުމާއި، ދުރުވިސްނުމުގެ ހުނަރު އެއްކޮށްލުމުން އުފެދޭ އެއްޗެކެވެ. އިނގިރޭސި ބަހުގައި "ޓެކްޓް" އެވެ. ގާނޫނީ ކަމެއްގައި މީހަކަށް ލަފައެއް ދޭއިރު، ހިކުމަތު ޢަމަލީ ބޭނުންކޮށްގެން، އެ ކަމެއްގެ ސަބަބުން ނުކުމެދާނެ ރަނގަޅު އަދި ނުރަނގަޅު ނަތީޖާތަކާމެދު ވިސްނައި، މުވައްކިލު ރައްކާތެރިކުރަން އެދޭ މަސްލަހަތު ހިމާޔަތްވާ ގޮތަށް، މުވައްކިލަށް އެކަމުގައި ގޮތެއް ނިންމޭނެ ވަރުގެ ލަފައެއް އަރުވަންޖެހޭނެ އެވެ.
2000 ވަނަ އަހަރުގެ ފަހުކޮޅު، އޭރުގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، ވަކި ކަހަލަ ވަ ނަމެއް ކިޔުމުން މީހުން ހައްޔަރުކޮށް ސުވާލުކޮށް ހެދި ދުވަސްވަރެއް ދިޔައެވެ. އެނަމަކީ، އޭރު ސިޔާސީ އިދިކޮޅު ފަރާތްތަކުން، އޭރުގެ ވެރިއަކަށް ކިޔާންފެށި ނަމެކެވެ. އެ ސަރުކާރުގެ އެކި ވަރުގެ ވެރިންނަށް އެ ނަމުން މުހާތަބްކޮށްހެދިއެވެ. އަޅުގަނޑު ވަޒީފާ އަދާކުރީ ބަންޑާރަ ނައިބުގެ އޮފީހުގައި ކަމުން، އަޅުގަނޑަކީވެސް މިދެންނެވި ނަން ނިސްބަތްވި ވަކީލެކެވެ.
ސިޔާސީ ހަލަބޮލިކަން އިތުރުވެ، ކޮންމެވެސް ގާނޫނީ ބައެއްގެ އިރުޝާދަށް، މިދެންނެވި ނަން ދުލުކުރިން ކިޔައިފި މީހަކު ހައްޔަރުކޮށް ސުވާލުކުރަން ފުލުހުންނަށް އިރުޝާދެއް ދެވިއްޖެ އެވެ. އެ ނަން ކިޔައިގެން މީހުން ހައްޔަރުކުރަން ފެށުމުން، ތަހުގީގުގައި، ކުރިން ވިސްނާލެވިފައި ނެތްކަމެއް މެދުވެރި އެވެ. އެއީ، އެ ނަމެއް ކިޔައިގެން ހައްޔަރުކުރަންޖެހުނު ނަން ނިސްބަތްވަނީ ކާކަށްކަން ފުލުހުންގެ ތަހުގީގުން ތުހުމަތުކުރެވޭ މީހާއަށް ކިޔައިދޭން ޖެހުމެވެ. އެ ހިސާބުން، ރަސްމީ ލިޔެކިޔުންތަކުގައި، އެއްކަލަ ނަމަކީ ކާކަށް ނިސްބަތްވާ ނަމެއްކަން ކަނޑައެޅިގެން ދިޔައީ އެވެ. މިއީ، އެ މައްސަލަ ތަހުގީގުކުރަން އެންގި ގާނޫނީ މުހައްނިކު ބޭނުންވި ނަތީޖާއެއް ނޫނެވެ. ނަމަވެސް، ވިސްނާނުލައި ގާނޫނީ ނިޒާމު ހިންގާލުމުން ނުކުތް، ބޭނުންނުވި ނަތީޖާއެކެވެ. އެ ނޫން ގޮތަކަށް އެމައްސަލައިގައި ފިޔަވަޅު އެޅިނަމަ، މިނޫން ނަތީޖާއެއް ނެރެވުނީހެވެ. .
ގާނޫނީ ވަކީލުން، ވަކި މައްސަލައެއް ކޯޓަށް ހުށަހަޅާއިރު، ކޯޓުގައި އެ މައްސަލަ ހިނގާނެ ގޮތާއި، އިދިކޮޅު ވަކީލުން ދައްކަފާނެ ވާހަކަތަކާއި، އެވާހަކަތަކަށް ދޭނެ ޖަވާބާއި، އެކަމާ ފަނޑިޔާރު ވިސްނުން ގެންގުޅެފާނެ ގޮތާއި، މީޑިއާގެ ސަމާލުކަން އޮތް މައްސަލައެއްނަމަ، އެމައްސަލައެއްގައި މީޑިއާއިން ކުޅެދާނެ ރޯލުތަކާއި ނެރަޓިވްތަކާމެދު ވިސްނުން ހިންގަންޖެހޭނެ އެވެ. އިންސާފު ހޯދަން ހިނގާ މަގުން، ހައްގު ހިމާޔަތްކުރަން އުޅޭ މީހާ/ކުއްޖާއަށް ކުރާނީ ކޮންކަހަލަ ވަގުތީ/ދާއިމީ އަސަރުތަކެއްތޯއާމެދުވެސް ވިސްނަން ޖެހޭނެ އެވެ. ކޯޓުން ހުކުމެއް ލިބުނަސްވެސް، އެ ހުކުމުގެ "އަގަކީ" އަދި ނަތީޖާތަކަކީ ކޮބައިކަމާމެދު ވިސްނަންޖެހޭނެއެވެ. މިކަންކަމުގެ ދެކޮޅު ބަލައި، އެކަމާމެދު ހިކުމަތްތެރި ގޮތެއް ނިންމޭވަރުގެ މަޢުލޫމާތު މުވައްކިލަށް އަރުވަންޖެހޭނެ އެވެ.
އަސްލު އިންސާފަކީ، ގާނޫނުގައި އޮތް ދެލިގަނޑެއް ނޫނެވެ. އެ ހާލަތެއްގައި އިންސާފަކީ މުވައްކިލުގެ ސަލާމަތާއި ރައްކާތެރިކަމާއި، އޭނާގެ "ބެސްޓް އިންޓްރެސްޓް" ކަން ވަކީލު ދަންނަންވާނެ އެވެ. މުވައްކިލަކީ، ތިމާއަށް ފައިސާ ދޭ މީހާ ނޫންކަމާއި، އެއީ، އެމީހެއްގެ ހައްގު ހިމާޔަތްކުރެވެން އުޅޭ މީހާކަންވެސް ދަނެ، އެކަންކަމުގެ މައްޗަށް ވަކީލުގެ ވިސްނުމާއި ފިކުރު ހިންގާފައި އޮންނަންވާނެ އެވެ. "އިންސާފު ހޯދުމަށް" ހިނގާ މަގުން ގޮސް ވާސިލު ވެދާނެ ސީދާ އަދި ނުސީދާ ނަތީޖާތަކުގެ މައުލޫމާތު މުވައްކިލާ ހިއްސާ ކުރަންވާނެ އެވެ. ގާނޫނަކީ މުތުލަތު އިންސާފު ނޫންކަމާއި، ގާނޫނަކީ އިންސާފު ގާއިމުކުރަން ބޭނުންކުރާ ވަސީލަތެއްކަން ދަންނަންވާނެއެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބިގޭ
3 days ago
ހުސޭނު މިއޮތީ ރީތިބަހުން އާޒިމާއަށް ބަވާފަ ދޯ. ބޮޑުވަރު. މަޑުންހުރެބަލަ ކުކީސްއާ އަސާރަ ކައިިގެން
Comment