ޕީއެންސީގެ ކޮންގްރެސް: ޕާޓީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީ

ޕީއެންސީ

ރާއްޖޭގެ ސިޔާސީ އެންމެ ބޮޑު ދެޕާޓީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ވާދަވެރިކަން ބޮޑު އަދި ޢާންމު މެންބަރުންގެ މެދުގައި ޝައުގުވެރިކަން ބޮޑު އިންތިޚާބުތަކެކެވެ. ޑީއާރުޕީއާއި ޕީޕީއެމްގެ ބަނޑުން އުފަންވި ޕީއެންސީގައި މި އިންތިޚާބުތައް ބާއްވަނީ ޕާޓީގެ ކޮންގްރެސްގަ އެވެ. އެމްޑީޕީގައިނަމަ، އެޕާޓީގެ އެންމެ އިސް މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރަނީ ޢާންމު މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މިއީ އެމްޑީޕީން ދައްކަމުންދާ ޑިމޮކްރަސީއާއި އެއް ފިކުރަކަށް ނިސްބަތްވި ޑީއާރުޕީ، ޕީޕީއެމް އަދި މިއަދުގެ ޕީއެންސީގެ އެތެރޭގެ ޑިމޮކްރަސީއާ ދެމެދު ފާހަގަވާން އޮތް އެންމެ ބޮޑު އެއް ތަފާތުވެސްމެއެވެ. އެހެންނަމަވެސް، ޑީއާރޕީން ފެށިގެން، ފުރޮޅެމުން ނިއުޅެމުން އައި އެފިކުރުގެ ނަން ޕީއެންސީގެ ނަމަށް ޕާޓީގެ ނަން ފުރޮޅިގެން ދިއުމާއި ހަމައަށް މި ޕާޓީތަކުގެ އެތެރޭގައި ބާއްވާފައިވާ ހުރިހާ އިންތިޚާބުތަކާއި އެފިކުރުން އުފަންވި ޕީއެންސީން މިމަހުގެ 15ވަނަ ދުވަހު ބާއްވަން ތައްޔާރު ވަމުންދާ ކޮންގްރެސްއިން ފާހަގަވާ ވަރަށްވެސް މުހިންމު އެއްކަމެއް އެބައޮތެވެ.

އެއީ، އެ ފިކުރުގެ ކުރީގެ ޕާޓީތަކުން (ޑީއާރުޕީ، ޕީޕީއެމް އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރީގެ ޕީއެންސީއިން) ބޭއްވި ހުރިހާ އިންތިޚާބެއްވެސް ބާއްވާފައިވަނީ ޕާޓީގެ ކޮންގްރެސްގައި ނެގި ސިއްރު ވޯޓަކުންނެވެ. މީގެ ކުރިން ޕީއެންސީ ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް އެކިފަރާތްތައް ކަނޑައެޅުމަށް ބޭއްވި އިންތިޚާބުތަކާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ އިންތިޚާބު ވެސް ބޭއްވީ ސިއްރު ވޯޓަކުންނެވެ.

މޫސާ ނަދީމް އެހެންނަމަވެސް، ޕީއެންސީގެ ރިޔާސީ ޓިކެޓްގައި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާއެކު، ޕާޓީގެ ރައީސްގެ މަޤާމު އެމަނިކުފާނަށް އޮޓަމެޓިކުން ލިބިވަޑައިގަތެވެ. އެއާއެކު، ދެން ފެނިގެން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމްއާއި ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި، ސިޔާސީ ކޯޅުމެވެ. އެ ސިޔާސީ ކޯޅުންތައް ކޮޅެއްގައި ޖެއްސެވުމަށް ރައީސް މުއިއްޒު އެޅުއްވި ފާހަގަކޮށްލެވޭ އެންމެ މުހިންމު ފިޔަވަޅަކަށް ވެގެން ދިޔައީ، ޕީއެންސީގެ އެތެރޭގެ ޑިމޮކްރަސީ ރޫޅާލައި، ޕާޓީގެ ހުރިހާ ބާރުތަކެށް މުށުތެރެއަށް ލެއްވުމުގެ ގޮތުން، ޕާޓީގެ އަސާސީ ގަވައިދާ ހިންގާ ގަވައިދަށް ބޮޑެތި ބަދަލުތަކެއް، ސީދާ އެމަނުކްފާނު ހުށަހަޅުއްވައިގެން ގެންނެވުމެވެ.

Advertisement

އެގޮތުން، ޕީއެންސީގެ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ރައީސް އައްޔަން ކުރައްވާ މަގާމަކަށް ހެއްދެވިއެވެ. ހަމަ އެއާއެކު، ޕާޓީގެ ކޮންގްރެސްގައި ސިއްރު ވޯޓަކުން ޕާޓީގެ މަގާމުތަކަށް މެމްބަރުން އިންތިޚާބު ގޮތަށް އޮތްއޮތުން ބަދަލު ކުރައްވާ، އަތް އުފުލައިގެން ވޯޓް ދޭގޮތަށް 2025 ވަނަ އަހަރު ޕާޓީގެ އަސާސީ ގަވައިދަން ބަދަލުގެންނެވިއެވެ. ޕީއެންސީގެ އިސް ބޭފުޅަކު އަޅުގަޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޚުދު އެޕާޓީގެވެސް ލީޑަރޝިޕްގެ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވަނީ މިއީ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތިކޮށް، ޕާޓީގެ ހިންގުމުގެ ނިޒާމް ޚުދުމުޚްތާރުކޮށް "ހުރިހާ ބާރެއް" މުށުތެރެއަށް ލެއްވުމުގެ މަގު ކޮށްޓެވުމަށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅެއް ކަމުގައެވެ. ރައީސް މުއިއްޒުގެ މި ހުށަހަޅުއްވުމަށް ޕާޓީގެ އެތެރޭގައި ތާޢީދު ނެތެއްކަމަކު، މެމްބަރުންގެ މަޖިލީހުގެ ތާއީދު މި ހުށަހަޅެއްވުމަށް ލިބިގެންދިޔައީ، ޕާޓީގެ އެތެރޭގައި ފެތުރެމުންދާ ޚުދުމުޚްތާރުކަން މެމްބަރުންގެ މަޖިލީހުގެ ގިނަބަޔަކަށް ވަޒަން ކުރެވޭތީކަމަށްވެސް އަޅުގަނޑަށް މަޢުލޫމާތު ދިން ޕީއެންސީގެ އިސްފަރާތުން ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު، އިސީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އަދަދުން މިއަދު ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ސިފަކުރާންޖެހޭ ޕީއެންސީ އެޕާޓީގެ ކުރިޔަށް އޮތް ކޮންގްރެސްއަށް ތައްޔާރު ވަމުންދާއިރު، ރައީސް މުއިއްޒު ޕާޓީ މުށުތެރެއަށް ލެއްވުމަށް ކުޅިބައި އަތުރުއްވަމުން ގެންދަވާކަމަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ފަރާތްތަކުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ. އޭގެ ހެއްކެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އެއްކަމަކީ، ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާ ބަޔަކު، އަތް އުފުލައިގެން ނަގާ ވޯޓަކުން "އައްޔަން ކުރުމަށް" ރާވާފައިވާ ރޭވުންތަކުންނެވެ. އެގޮތުން ޕާޓީގެ 6 ނައިބު ރައީސުންގެ މަގާމަށް ގެނައުމަށް ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ލިސްޓުގައި ހިމެނޭ 2 ބޭފުޅަކީ އެއްވެސް ވަރަކަށް މިހާތަނަށް ޕީއެންސީއަށް، އަދި ކިއެއްތަ އެ ފިކުރަށްވެސް އެއްވެސް ޚިދުމަތެއް މި ސަރުކާރު އިންތިޚާބު ވުމާއި ހަމައަށް ކުރައްވާފައިވާ ބޭފުޅުން ނޫންކަން މިއީ ދެބަސް ވެވެން ނެތް ވަރަށްވެސް ބޮޑު ހަގީގަތެކެވެ. އެއީ ރައީސް މުއިއްޒުގެ ކޮއްކޯފުޅު، ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއާއި، ރައީސް މުއިއްޒުގެ ސްޕޯޓްސް މިނިސްޓަރ ޢަބުދުﷲ ރާފިޢުއެވެ. މިނިސްޓަރ ރާފިޢުއަކީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް އއ. އަތޮޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުއަށް ވަރުގަދައަށް ކެންޕެއިން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ކުރިޔަށް އޮތް ޕީއެންސީގެ ކޮންގްރެސްގައި މަގާމްތަކަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަމުގައި ކެމްޕޭން ކުރައްވަމުން ގެންދެވި، އެޕާޓީއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، މިހާރުގެ ބައެއް މަޖިލިސް މެމްބަރުންނަށްވެސް، ރައީސް މުއިއްޒުގެ ތާއީދު ނެތިގެން މަގާމުތަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލިގެން ގޮސްފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމަވާ ކެންޕެއިން ކުރައްވަމުން ގެންދެވި، ޕީއެންސީ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙަންމަދު ޝާހިދުއެވެ. ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުމަކީ ސްޓެލްކޯގެ ޑީއެމްޑީގެ މަގާމުގައި މިވަގުތު ހުންނެވި އޭނާގެ އަބިކަނބަލުންނެވެ. އަނބިކަބަލުން މަގާމުން ވަކިކުރާނެ ކަމުގެ ބިރާއި އޭގެ އިތުރުން، މެންބަރު ޝާހިދުގެ ދާއިރާއަށް ނިސްބަތްވާ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރާއެކު، ފަހަތަށް ޖެހިވަޑައިގަންނަވަން އޭނާއަށް މަޖުބޫރުވީއެވެ. ޕީއެންސީގެ އިސް ބައެއް ބޭފުޅުން އަޅުގަނޑަށް މައުލޫމާތު ދިން ގޮތުގައި، ޑިމޮކްރަސީގެ ސިފަތައް ޕާޓީގެ ތެރެއިން ނެތިގޮސް، ޕާޓީ މިހާތަނަށް ކުރިއަރުވައި ނެގެހެއްޓި، ވަކީން ޚާއްސަކޮށް ޕީޕީއެމް ޕީއެންސީ އެންމެ ޙާލުގައި އޮތްއިރުވެސް ޕާޓީއަށްޓަކާ އެތަކެއް ގުރުބާނީތަކެއް ވެވަޑައިގެންނެވި ގިނަ އިސް ބޭފުޅުން ޕާޓީގެ އިސް ސަފުން އެކަހެރިކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ތަންފީޒުކުރަމުންދާ މި ސިޔާސަތުތަކުގެ ނަތީޖާ މިއަދު އެޕާޓީގެ ތެރެއިން ފެންނަމުންދަނީ "ހިމޭން ހިތްހަމަ ނުޖެހުމެެއްގެ" ގޮތުގައެވެ.

އެގޮތުން ޕާޓީގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުންތައް، މި މަހު 15 އިން 18 އަށް ޕީއެންސީން ބާއްވަން ނިންމާފައިވާ ކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ލިސްޓަށް ބަލާލުމުން ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވެން އެބަހުއްޓެވެ. މިހިނގާ ސެޕްޓެމްބަރުމަހުގެ 10ވަނަ ދުވަހު އިޢުލާންކުރި މިލިސްޓް ދިރާސާ ކޮށްލުމުން ޕާޓީގެ އެތެރޭގެ "އެލީޓް" ބޭފުޅުންގެ މެދުގައި އޮތް މި ނުތަނަވަސްކަން ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވެން އެބަހުއްޓެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، ޕީއެންސީގެ ވިސްނުމާއި ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރާ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކަމަރު ބަންނަވައިގެން އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި މަދު ބޭފުޅަކު ފިޔަވާ އެއްވެސް ބޭފުޅަކު ޕާޓީގެ އެއްވެސް މަގާމަކަށް ކުރިޔަށް އޮތް ކޮންގްރެސްގައި ކުރިމަތިލައްވާފައެއް ނުވާކަމެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމެއްގައި މިވަގުތު ނެތް ބޭފުޅުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ދެބަސް ވެވެން ނެތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ބައެއް ބޭބޭފުޅުންގެ ނަންތައްވެސް މިފުރުސަތުގައި ފާހަގަ ކޮށްލާނަމެވެ.

އެބޭ ފުޅުންނަކީ: 1. ރައީސް މުއިއްޒުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ މުޙަންމަދު ޣައްސާން މައުމޫން، 2. ރައީސް މުއިއްޒުގެ ފުތަމަ ހެލްތު މިނިސްޓަރ އަދި ދެވަނަ ފޮރިން މިނިސްޓަރ ޑރ. ޢަބުދުﷲ ޚަލީލް، 3. ރައީސް މުއިއްޒުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް، 4. ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ ޢަލީ އާރިފް، 5. އެމްޕީއެލްގެ ކުރީގެ އެމްޑީ މުޙަންމަދު ވަޖީހު، 6. ފެންކުންފުނީގެ ކުރީގެ އެމްޑީ ޢަބުދުލް މަތީން،

މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި، މިލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންނަކީ: 1. ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ ނާޒިމް، 2. ޓޫރިޒަމް މިނިސްޓަރ މުޙަންމަދު އަމީން، 3. އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، 4. ކުރީގެ މިނިސްޓަރ، މިހާރުގެ ސަފީރު އާދަމް ޝަރީފް ޢުމަރު، 5. ކުރީގެ މިނިސްޓަރ، މިހާރުގެ ސަފީރު ތޯރިގް އިބްރާހީމް، 6. ފެންކުންފުނީގެ މިހާރުގެ ޑީއެމްޑީ މުޢާޒް މުޙަންމަދު ރަޝީދު، 7. އެމްޓީސީސީގެ ޑީއެމްޑީ އަހްމަދު މުބީން،

ޕީއެންސީގެ ކުރިޔަށް އޮތް ކޮންގްރެސްގައި އެކިއެކި މަގާމްތަކަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭބޭފުޅުންގެ ލިސްޓުގައި މިއިން އެއްވެސް ބޭފުޅެއްގެ ނަން ނެތުމުގެ ފަޅުކަން މިއަދު އިހުސާސް ކުރެވެމުންދަނީ، އަދި އެކަމުގެ ފަހަތުގައި ގިނަބަޔަކަށް ސާފުވާންޖެހޭ ގިނަ ހަގީގަތްތަކެއް ހުންނާން ޖެހޭނެކަމަށް ގަބޫލުކުރެވެނީ، މި ހުރިހާ ބޭފުޅުންނަކީވެސް ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ފޫގަޅުއްވާ، ލޮލުން ބޮލުން އެދިގެން އެކަމަށް މަސައްކަތް ކުރެވި ފަރާތްތައްކަމަށް މުޅި ގައުމު ހެކިވާނެތީއެވެ. މިނޫނަސް އެތައް ބޭފުޅުންނެއް، ޕާޓީ ހިންގެވުމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ "މުރަނަ ސިޔާސަތަށް" ނުރުހުންވެ، ޕާޓީއާއި ދުރަށް ޖެހިވަޑައިގެންފައިވާ ކަމުގައި މިފުރުސަތުގައި ދަންނަވާންޖެހެއެވެ.

އިތުބާރުހުރި ބައެއް ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ސިޔާސީ ގޮތުން މުޅިން އާ ބޭފުޅުންތަކެއް ގިނަ ޢަދަދަކަށް ކުރިމަތި ލައްވާފައިވުމާއެކު، ސިޔާސީ ހަރު ބޭފުޅުން މުހިންމު މަގާމްތަކަށް ކުރިމަތި ނުލެއްވުމުގެ ކަންބޮޑުވުންތަކާއެކު، ޕާޓީގައި ތިއްބެވި ދުވަސްވީ ބައެއް ހަރު ބޭފުޅުންނަށް ސީދާ ރައީސް މުޢިއްޒު ގުޅުއްވާ ކުރިމަތި ލެއްވުމަށް އާދޭސް ދަންނަވާފައި ވެއެވެ. އެހެންނަމަވެސް މިފަދަ ގިނަ ބޭފުޅުންވެސް އިޚްތިޔާރު ކުރެއްވީ ވެރިކަމުގެ ނިމުމުގެ ކޮޅުމަތި އެބޭފުޅުންނަށް ފެނިވަޑައިގަންނަވާތީ ހަނު ތިއްބަވާށެވެ. އަދި ޕާޓީގެ އެތެރޭގެ ސިޔާސަތުތައް ހަރުކަށިވެ، ޓްރާންސްޕޭރެންސީ ގެއްލި، އޭގެ ޒާތުގައި ޑިމޮކްރަސީ ނެތެމުންދާކަމުގެ އިހުސާސްތަކާއެކު، ޕާޓީގެ އިސް މަގާމްތަކަށް ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭ ގިނަ ބަޔަކު އައުމަކީ ޚުދު ރައީސް މުޢިއްޒުގެ މަޤުބޫލުކަން އެ ޕާޓީގެ އެތެރޭގައި ދައްވަމުންދާކަމުގެ ޢަލާމާތެއްގެ ގޮތުގައިވެސް، ޕާޓީގެ ލީޑަރޝިޕަށް އަންނަމުން މިދާ ބަދަލުތައް ގިނަ ބަޔަކު މޭރުން ކުރަމުން ދެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކޮންމެ ޕާޓީއެއްގެވެސް ޒަމާންވީ ޚިދުމަތްތެރިން، އަދި ސިޔާސީ ގޮތުން ފުންނާބު އުސް ބޭބޭފުޅުން ޕާޓީގެ އިސް މަގާމްތަކަށް ކުރިމަތި ނުލެއްވުމަކީ ސިޔާސީ ޕާޓީތަކުގެ ފިތުރަތާއި، ނުވަތަ ތަބީއަތާއި ޚިލާފް ކަމެއްކަމުގައި ދަންނަވާން ޖެހެއެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގައި ފެނިގެން ގޮސްފައިވާ މަންޒަރެއްވެސް ނުމެނޫންމެއެވެ. އަމުދުން ވަކީން ޚާއްސަކޮށް، ޕީއެންސީ އެޕާޓީއެއްގެ ބަނޑުން ވިހޭ ޕީޕީއެމް ނުވަތަ ޑީއާރުޕީން އުފަންވެގެންއައި، ސިޔާސީ ފިކުރުގެ ތެރޭގައި ބާއްވާ އިންތިޚާބުތަކަކީ އަބަދުވެސް، ގިނަ މެންބަރުންގެ ޝައުގުވެރިކަން އޮންނަ ފޯރިގަދަ ވާދަވެރި އިންތިޚާބު ތަކެކެވެ.

އެހެންކަމުން، ޕީއެންސީގެ އެތެރޭގައި އުފެދި އުތުރި އަރަމުން މިދާ "ހިމޭން އެހެނަސް ޖަޒްބާތުން ފުރިގެންވާ" މި އުދާސްތަކަކީ އާދަޔާއި ޚިލާފް އުދާސްތަކެއްގެ ގޮތުގައި މިއަދު ސިފަކުރާން ޖެހެއެވެ. މިއީ ޕާޓީއަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކުރެއްވި އެތަކެއް ޚިދުމަތްތެރިންނެއްގެ ސިއްރު އެހެނަސް ބޮޑެތި ޝަކުވާތަކެއްގެ ގޮތުގައި މޭރުންކުރާން ޖެހެއެވެ.

ސަބަބަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ސިޔާސީ ބުރަދަނެއް ތަޖުރިބާއެއް ނެތް އާފަޅުވެރީންތަކެއް ކުރިޔަށް ނެރުއްވައިގެން، ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ޕާޓީގެ ގުނަވަންތަކުގެ ކުޅިބައި އަތުރާ ލެއްވުނު ނަމަވެސް، ޕީއެންސީގެ އަސްލު ފިކުރުގައި ތިއްބެވި، އެޕާޓީގެ ޑީއެންއޭ އެންމެ ރަގަޅަށް ދެނެވަޑައިގަންނަވާ ސިޔާސީ ބޭފުޅުން މިދެއްވި މެސެޖަކީ ޚުދު ރައީސް މުއިއްޒުވެސް ފުންކޮށް ވިސްނަވާ ވަޑައިގެންނެވުން އެންމެ ރަގަޅު މެސެޖެއްކަމުގައި ދަންނަވާން ޖެހެއެވެ. އެހެން ނޫންނަމަ، މިއީ ފައްކާވަމުން އަންނަ "ހިމޭން އިންގިލާބެއްގެ" އަސްލު ފެށުންކަމުގައި ވުމަކީ ވަރަށްވެސް ގާތުގައި އޮތް ކަމެއްކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

Newsletter

Get the latest news delivered straight to your inbox