ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ފަސްވަނަ ބައި)

15 ފެބުރުވަރީ 2025 - 01:46 0

އަހުމަދު އަލާ ދީދީ

އ


ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ފަސްވަނަ ބައި)

15 ފެބުރުވަރީ 2025 - 01:46 0

ހަތަރު ވަނަ ބަޔާ ގުޅޭ

ހުޅުލޭ ގޮނޑުދޮށަށް އަމާޒު ކުރި ކަހަނބު އައިސް ބީއްސާލުމާއެކު އަލީ ވަރަށް ހިތްވަރުން އޭތި ނަގާ ހޭލިފަށާ ދިމާ އެއްގަމަށް އެރުވިއެވެ. އެއިރު ކަހަނބުވެސް އޮތީ ވަރަށް ބަލިވެފައި ކަމުން މާބޮޑަކަށް އިތުރު ގަދައެއް ނަހަދައެވެ. މިހެންކަމުން އަލީ ކަށީން ހިތްވަރު ނެރެ އަހާނ ހުތް ކިޔައިފައި އެ ކަހަނބު ފުރޮޅާލިއެވެ. ކަހަނބާ ބައްދާ ކުރި ހަނގުރާމައިން އަލީވެސް ވަނީ މުޅީން ގައިން ވަރު ދޫވެ ލޮޑުވެފަ އެވެ. އަދި ބާކީ ގައިގައި ހުރިނަމަ ހުރި ވަރެއް ހުސްވެގެން ދިޔައީ އެ ބޮޑު އެއްފަތް ކަހަނބު ފުރޮޅާލަން އަލީ އެ ނެރުނު ހިތްވަރުންނެވެ. މި އާއި އެކު ކަހަނބުގެ ކައިރިއަށް އަލީވެސް ވެއްޓި ހަބަރު ހުސްވެއްޖެއެވެ.

ހިމިތީ ބޮޑު އައްޔަށް ދެން ހޭވަރިކަމެއް ވީއިރު އަލީ ވަށައިގެން ހުޅުލޭގެ ރައްޔިތުން އެއްވެފައި އޮތެވެ. އަލީ ކުޑައިކޮށް ލޯކަހާލުމަށްފަހު ބޯ ހިއްލާލުމާއި އެކު، ހުޅުލޭގެ ރަށު ވެރިޔަކަށް ހުރި ކަލޭގެ އަލީ ގާތަށް ލެފިލާ އޭނާ ގާތަށް ކުޑައިކޮށް ގުދުވެލިއެވެ. އަދި ބޮލުގައި ފިރުމާލުމަށްފަހު އެއްވެފައި އޮތް މީހުން ގަނޑުގެ ތެރެއިން މީހަކަށް ގޮވާފައި ނިކަން އަވަހަށް ކުރުނބައެއް މަށައިގެން ގެންނަން އަމުރުކޮށްފި އެވެ. ދެން ރަށްވެރި ކަލޭގެ އަމުރަށް އެތަނުން ބަޔަކު އައިސް އަލީގެ ދެ ކިހިލިފަތް ދަށަށް އަތްލައިގެން އަތުލަފި ކޮށްގެން އޭނާ ނަގައިގެން ގެންގޮސް އަތިރިމަތީ ހޮޅުއައްޓެއްގައި ބައިންދައިފި އެވެ.

އަލީގެ ފަހަތުން ރަށުގެ ކުދިބޮޑު އެންމެންވެސް އައެވެ. އެ އެންމެން ތިބީ އަލީގެ ފުށުން ވާހަކައެއް ލިބޭނެކަމުގެ އިންތިޒާރުގަ އެވެ. ވާނީވެސް އެހެންތާ އެވެ. ޒަމާނުއްސުރެ ހުޅުލޭ ފުއްޓަރުގައި އުޅޭކަމަށް ކިޔައި އުޅޭ އެއްފަތް ކަހަނބު އެއޮތީ މިހާރު ހުޅުލޭ ގޮނޑުދޮށުގައި ފުރޮޅާލައިފައި ވިއްޔާ އެވެ. އޭގެ ހަބަރު އަޚުބާރު ކުދި ބޮޑުން އެންމެން އަހާހިއްވާނެތާ އެވެ. ކޮންމެއަކަސް ކުރުނބާ ބޮއެ، ފެން ބޮއި އަދި އަރާމު ވައި ލިބި އިރުކޮޅެއްވީތަނާ އަލީއަށްވެސް ވާހަކަ ދެއްކޭވަރަށް ގައިގާ ވަރުޖެހިއްޖެ އެވެ. ދެން އަލީ އޭނާގެ ހަބަރު ހުޅުލޭގެ ރައްޔިތުންނަށް ކިޔައިދީފިއެވެ. އެއްފަތް ކަހަނބު ނަގަން ފުންމާލި ހިސާބުން ފެށިގެން އައިސް އޭތި ފުރޮޅާލި ފުރޮޅާލުމާ ހިސާބަށް ވާހަކަ ކިޔައިދީ ނިންމާފައި ދެން އަލީ އެދުނީ އޭނާ މާލެއަށް ގެންދިޔުމަށެވެ.

އަލީގެ މި އެދުން ރަށްވެރި ކަލޭގެ ފުއްދައިދިނެވެ. ހުޅުލޭ ގަނޑުވަރުގެ ބޭނުމަށް ދުއްވާ ފީނިސް ބައްތެލީގައި އިސާހިތަކު އަލީ މާލެއަށް ފޮނުވައިފިއެވެ. އެގޮތަށް ކަންކުރީ ހިމިތީ ބޮޑު އައްޔަކީ ރަސްގެފާނުގެ މެހެމާނުދާރީގައި މާލޭގައި "ބަހައްޓާފައި" ހުންނަ މީހަކަށްވެސް ވާތީ އާއި އެކުގަ އެވެ. މާލޭ މައި ނެރު ކަނޑިންމައިން ބައްތެލި ވަދެ ކަނބާއްޖާ ދިމާއަށް ގާތްކޮށްލުމުން އަލީ އެއްގަމަށް ފުންމާލި އެވެ. ދެން އޭގެ ފަޅުވެރީންނަށް ޝުކުރު އަދާކޮށްފައި ގޭދޮށަށް ގޮސް ގިފިއްޔަށް ވަދެ ވީދި ތަތްތެޅިފައި އޮތް ލިބާސްގަނޑު ބާލާ ފެންވަރާލިއެވެ. ފެންވަރާލުމުން ގައިގާ އިތުރަށް ވަރުވެސް ޖެހިއްޖެ އެވެ.

އަލީ އަވަސްވެގަތީ ދެން ރަސްގެފާނުގެ ފައިންޕުޅު ދެކޭށެވެ. މިހެންކަމުން އަވަސް އަވަހަށް ބޮޑު ގަނޑުވަރާ ދިމާއަށް ގޮސް ރަސްގެފާނާ ބައްދަލުވެ އެއްފަތް ކަހަނބާ ބައްދާ އެކުރި ބުރަ މަސައްކަތުގެ ވާހަކަ އާއި އޭތި ހުޅުލޭ ފުއްޓަރުގައި ފުށުން ޖަހާފައި އޮންނާނެ ވާހަކަ ރަސްގެފާނަށް ދެންނެވި އެވެ. އަދި ހުޅުލޭ ރަށްވެރި ކަލޭގެ ވެދިން އެހީގެ ވާހަކަވެސް ދެންނެވިއެވެ. އަލީގެ މި ބަސްތައް އަޑުއަހާފައި ހުޅުލޭ ފުއްޓަރުގައި އޮތް އެއްފަތް ކަހަނބު މާލެ ގެނައުމަށް ރަސްގެފާނު އިސާހިތަކު ކުދި ބޭކަލުންނަށް އަމުރުފުޅު ކުރައްވައިފިވެސްމެ އެވެ. އަލީ "ސަލާމަތުން" އެނބުރި އައި ކަމުގެ މައްޗަށް ނުހަނު އުފައު ކުރައްވާ ކަމަށް ރަސްގެފާނު ވިދާޅުވިއެވެ. ދެން އަދި އަވަހަށް ބޮޑު ގަނޑުވަރު ބޮޑު ބަދިގެކޮޅަށް ގޮސް ރޭގަނޑުގެ ކެއުން ކައިގެން ގޮސް އަރާމު ކުރުމަށް ވެސް އެދޭ ވާހަކަ ވިދާޅުވި އެވެ.

މިހާރު ދެން އަލީ އަބަދުހެން އުޅޭން ޖެހެނީ ރަސްގެފާނުގެ އަރިހުގަ އެވެ. ވިދާޅު ބަސްފުޅު އިއްވަވާ ކަންކަން ކުރުމުގައެވެ. މިގޮތުގައި ހިމިތީ ބޮޑު އަލީ ރަސްގެފާނުގެ މެހެމާނުދާރީގައި އުޅެމުން ދަނިކޮށް އަލީ ގާތުގައި ރަސްގެފާނު އެއްދުވަހަކު ވިދާޅުވިއެވެ. ހިމިތީގައްޔާއި ފޯޅަވަހީގައި ކުރިކަހަލަ މޮޅު ރާވެރިކަމެއް އައްޔަށް މާލޭގައިވެސް ކުރެވިދާނެ ހެއްޔެވެ؟ ޖަވާބުގައި އަލީ ދެންނެވިއެވެ. މަސާހިބާއެވެ. ހިމިއްޗާއި ފޯޅަވަހީގައި ނޫނަސް މޮޅު ރުއް ހުރިއްޔާ މޮޅު ރާވެރިކަން ކުރުމަކީ ދަތިކަމެއް ނޫނެވެ. އަޅުގަނޑު ހިތުން މާލެއަކީވެސް ބިންގަނޑު ހެޔޮ ގަސްހެދޭ މޭވާ މީރު ރަށެކެވެ. ރަނގަޅު ރުއްރުއްވެސް އެބަހުއްޓެވެ. ވިމާ ތިޔައީ ނުވާނޭ ކަމެއް ނޫނެވެ.

ދެން މި އާއި އެކު އަލީގެ އެދުމެއްވެސް ރަސްގެފާނުގެ ހިރިޔާފާތުރާ ދަށުގައި ދެންނެވިއެވެ. އަލީ ދެންނެވިއެވެ. މާތް ސާހިބާއެވެ. ސާހިބާގެ ވިދާޅު ބަސްފުޅާ އެއްގޮތަށް ފަރީއްކޮޅަށް ދެގޮދާ ގެނެސްދޭށޭ ވިދާޅުވިޔަތީ މާތިލަމަތިން ކަނޑަށް ފައިބައިގެން ދެގޮދާ ގެނެސްދޭން އުޅެނިކޮށް ދެކޮޅުން ކާ މަހާ ކުރިމަތިލާ މަރުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ހަމައެހެންމެ ހުޅުލޭ ފުއްޓަރުގައި އުޅޭ އެއްފަތް ކަހަނބު ހިފައި ދޭށޭ ވިދާޅުވިޔަތީ އިހަށް ދުވަހަކު އެކަންވެސް ކޮށްދީފީމެވެ. މިއީ ވަރަށް ބޮޑު ދެކަންތަކެވެ. ވީމާ މާލޭގައި ރާވެރިކަން ކުރުމަށްފަހު އަނބުރާ ހިމިއްޗަށް ދިޔުމުގެ އިޒުނަ ދެއްވުން އެދޭ ވާހަކަ އަލީ ދަންނަވައިފި އެވެ.

ފަރީއްކޮޅަށް ދެގޮދާ ގެނެސްދޭން ވިދާޅުވުމާ އެއްފަތް ކަހަނބު ނަގަން އެދިވަޑައިގަތް ގަތުމަކީ އަލީ މަރާލުމުގެ ގަސްތުގައި ރަސްގެފާނުން ކުރެއްވި ކަންތައްތަކެއްކަން އަލީއަށްވެސް އޮތީ ހީވެފަ އެވެ. އެހެނަސް ރަސްގެފާނު އެފަދަ ގޮތަކަށް ހީފުޅު ކުރެއްވިކަމުގައި ވިޔަސް އެއީ ރަސްގެފާނަށް ކުރެއްވޭނޭ ކަމެއްކަމުގައި އަލީ ނުދެކެއެވެ. އެހެނީ ބޮޑު އައްޔައިގެން ބޮޑުއަލީގެ މަންމަ ވިހެއި ރޭގައި ހިމިތީ އެންމެ ބޮޑު ކަންވެރި ކަލޭގެ ބުނި ބަހެއް އޭނާގެ މަންމަ ބުނެފައިވާތީ އެވެ. މަންމަ ބުނެފައިވަނީ މި ކުއްޖާ މަރުވާނީ "ކިރު އުނިޔައެއް ކަށި ޖަހައިގެން" ކަމުގައެވެ. މިހެންވީމާ ރަސްގެފާނު އަދި މި ކުރައްވާ ކަންތައްތަކަކުން އައްޔަށް ކެއްސެއް ލިބިދާނެކަމަށް އަލީ ނުދެކެނީ އެވެ.

ކޮންމެއަކަސް ހިމިތީ ބޮޑު އަލީގެ އެދުން އައްސަވާ ރަސްގެފާނު ކުރީގެ ވާހަކަ އައު ކުރައްވާ ވިދާޅުވި އެވެ. ޢަލީ ހޮވި ހޯޅަވަހި އެއީ ތިމަން މަނިއްޕުޅުގެ ސަހަރެއްކަމުގައި އަލީ އެއްބަސްވީމާ ނިމުނީއެވެ. އެހައިރުން ދެން އަލީ ހިމިއްޗަށް ދާންވީ އެވެ. އެކަން ނުވަނީހެއް ތިކަމެއްވެސް އަލީއަކަށް ނުވާނޫއެވެ. އިތުރަށް ބޮޑު އައްޔާ މެދު ކަންތައް ކުރަންވީ ގޮތްވެސް ރަސްގެފާނުގެ ހިތްޕުޅުގައި ހިނގައިގަތެވެ. އަދި އެކަން ސިއްރުކުރެއްވިއެވެ. ދެން ރަސްގެފާނުގެ ވިދާޅު ބަހަކަށްވީ ބޮޑު އަލީ ރާވެރިކަން ކުރުމަށް ބޭނުންވާ ހުރިހާކަމެއް ރާދަ ބަންޑާރަފުށުން ހަމަޖައްސައިދޭނެ ވާހަކައެވެ. އަލީ ކުރަންވީ ކަމަކީ އެކަން ކުރުމަށް ކުރަންވާ ހުރިހާ ކަމެއް ކުރުމެވެ.

ފެންނަ ގޮތުގައި ބޮޑު އައްޔާ މެދު ރަސްގެފާނު މިހާރު ކަންތައް ކުރައްވަނީ ވަރަށް ހެޔޮކޮށެވެ. ރަސްގެފާނު އައްޔަށް ވަރަށް ކަމޭވެސް ހިއްތަވައެވެ. ރަސްގެފާނުގެ ފަރީއްކޮޅު މައްޗަށްވެސް އަލީ ގެންނަވަ އެވެ. އަދި ރަސްގެފާނު އައްޔާ މެދު ކަންތައްތައް ބަހައްޓަވާ ގޮތުން އަލީވެސް ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެހެންކަމުން ލިބޭ ހުސްވަގުތުތަކުގައި ވެސް އަލީ އުޅެނީ ގިނައިން ރަސްގެފާނުގެ އަރިހުގައެވެ. އެކި އެކި ވާހަކަތައް ކިޔައިދިނުމުގަ އެވެ. ހިމިތީގެ ނެވިނިޔަމީންގެ ވާހަކައެވެ. އެރަށު ފުރެއްދެ އޮޑިފަހަރުތަކުގެ ވާހަކައެވެ. މަތިކަރާ ދަތުރާ ކޮޅުނބު ދަތުރުތަކުގެ ވާހަކަތަކެވެ.

އެއްދުވަހަކު ހެނދުނުގެ ނާސްތާއަށްފަހު މަސްވެރިކަމާ ގުޅޭ ވާހަކައެއް އަލީ ރަސްގެފާނުގެ އަރިހުގައި ދެންނެވިއެވެ. އަލީ ބުންޏެވެ. ސާހިބާ ރަސްގެފާނެވެ. މާލެއަކީވެސް ވަރަށް މަސްވެރި ރަށެއް ނޫންތޯ އެވެ. މަހަށް ފުރާ ކިތަންމެ ގަނޑެއްޗެއް އެބަ ވޭނުންތޯ އެވެ. އަނެއްކާ މާލޭ ފަޅުތެރޭގައިވެސް އާދަޔާޚިލާފަށް އެކި ވައްތަރު ވައްތަރުގެ މަސްގަނޑު އުޅޭތަން އެބަފެނެ އެވެ. މާލޭ ގޮނޑުދޮށުން ދެތިން ދިމާއަކުން ރަށްގޮނޑުގައި ކުދިމުށިމަހާއި ތާވަޅު އެބަ އުޅެއެވެ. އޭގެ ބޭރުން ފަހާ މަސް އެބަ އުޅެ އެވެ. މިއީ ބަލާ ފޫހިނުވާ ކަހަލަ ރީތި މަންޒަރެއްވެސްމެ އެވެ. ބޮޑެތި ހަންޖާއި އެހެން ވައްތަރުތަކުގެ ބޮޑެތި މަސް އައިން ހަދާފައި އައިސް ތާވަޅާ މުށިމަސް ވަށައިގެން އެނބުރެނީ އެވެ. އިރުއިރުކޮޅުން ފަހައިވެސް ގަންނަނީ އެވެ. މާލޭގެ އެހެން ދިމާއަކުން މެކުނާއި އޮރި އެބައުޅެ އެވެ. އަނެއް ދިމާއަކުން ކަޅުއޮށާއި ކިރުޅިޔަ މަހާއި އުނިޔަ އާއި ކޭލަ އުޅޭތީވެސް ފެނެ އެވެ.

މަސާހިބާއެވެ. ރާވެރިކަން ކުރަން ރުކަށް އަރާ މީހުންނަށް ވަރަށް ރީތިކޮށް ފަޅުތެރޭގެ މިކަހަލަ މަންޒަރުތައް ފެންނާނެއެވެ. މި ފެންނަނީ ފޫހިފިލާ ޒާތުގެ ރީތި މަންޒަރުތަކެވެ. އަދި ކޮބައިތޯ އެވެ. ރުކަށް އަރާ އޮންނަ އިރު އުޑަށް ބަލާލުމުން އުޑުން އެ ފެންނަ ރީތީ މަންޒަރުތަކެވެ. އެކި ދުވަހު އެކި ގޮތްގޮތަށް އެތުރިފައިވާ ވިލާތަކެވެ. އެކި ގޮތްގޮތަށް ވިލާތަކަށް އެޅެމުންދާ އިރުގެ ރީތި ދޯދިތަކެވެ. މޫސުމާގުޅޭ ކަންކަމާއި ވިއްސާރައިގެ ކަންކަންވެސް ރުއްއަރާ މީހުންނަށް އާއްމުކޮށް ފިލަނީ މިހެންވީމަ އެވެ. ރުކުގައި އޮވެގެން އުޑަށް ބަލާ އުޑުގެ ބަދަލުތަކަށް ވިސްނާތީއެވެ. މަސާހިބާއެވެ. ފަޅުތެރޭގެ ރީތި މަންޒަރުތައް ދެކި ދެކި މިހާރު އަޅުގަނޑު ކޮންމެވެސް މިންވަރަކަށް މަސްވެރިކަން ކޮށްލާހިއްވެ އެވެ. ރަށްގޮނޑުން ކުރާ ތޮށަލީގެ މަސްވެރިކަންވެސް އަދި ދޮށީގެ މަސްވެރިކަންވެސް ވަރަށް މަޖާވާނެއެވެ. ދިގުދާ އެޅުމާ އުއިދަލާ ދިއުމާއި ލާނދާއު އުކުމަކީވެސް ވަރަށް އަވަހަށް މަސްލިބޭކަމެކެވެ. އަޅުގަނޑަށް މާލޭގެ ފަޅުތެރެއިން މި ފެނުނު މަންޒަރުތަކުން މަސާހިބާގެ އަމުރުފުޅު ލިބޭނަމަ މަސްވެރިކަން ކޮށްލުމުގެ ޝައުގުއެބައޮތެވެ. އެހައިރުން ރަސްގެފާނުގެ ފަރީއްކޮޅަށް ކަވާބުކުރާނޭ މަސް ބޮޑުގަނޑުވަރު ބޮޑު ބަދިގެކޮޅު ބޮޑު މުސްކުޅިފާނަށް ބަރާބަރަށް ހުންނާނީ ލިބިލިބި އެވެ.

އަލީގެ މި ވާހަކަތައް އައްސަވާފައި ރަސްގެފާނު ވިދާޅު ބަސްފުޅު އިއްވެވިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އައްޔާއެވެ. މާލެއިން މަހަށް ފުރާ ކޮންމެ އޮޑިއަކުން މާލޭ ގޮނޑުން ކުރާ ކޮންމެ މަސްވެރިކަމަކުން ގަނޑުވަރު ބޮޑު ބަދިގެކޮޅަށް މަސް ލިބެއެވެ. އަހަރުން އަހަރަށް ރަސްމަސް ވަރުވާ ގޮތުގައިވެސް ލިބެއެވެ. އަލީ މަސްވެރިކަން ކުރާ ހިތްވަންޏާ މަސްވެރިކަން ކުރަންވީއެވެ. ވީމާ ލާނދާއު އުކަން އަލީ މާދަން އަންނަންވީނުންތޯއެވެ.

ރަސްގެފާނުގެ މިބަސްތައް އަހައިފައި އަލީ ވަރަށް އުފާވެއްޖެއެވެ. ދެން ގަނޑުވަރުން ނިކުމެގެން އަލީ ގެޔަށް ދިޔައީ މާދަން ދިވެހިރާއްޖޭގެ ރަސްގެފާނާ އެކު މަސްވެރިކަންކޮށްލުމުގެ ފަޚުރާއި ޝަރަފުވެސް ހާސިލުވާނޭކަމުގެ އުފަލުގައެވެ. (ނުނިމޭ)

ފުރަތަމަ ބައި

ދެވަނަ ބައި

ތިން ވަނަ ބައި

ހަތަރު ވަނަ ބައި

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން