8 ޑިސެންބަރު 2024 - 11:52 2
ސާއިފް ޝިޔާދު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މި އަހަރުގެ ބަޖެޓު ވެސް ފާސްކުރީ ޓްރާންސިޝަން ކޮމިޓީގެ މަޝްވަރާ އާއެކު ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ
8 ޑިސެންބަރު 2024 - 11:52 2
މި ސަރުކާރަށް އެންމެ ބޮޑު ހުރަހަކަށް ވީ "ސިޔާސީ ވިސްނުމެއްގައި ފާސްކުރި ބަޖެޓު"ގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ އެކު އެ ކަމަށް މިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ފާސްކުރީ ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގަ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު ބަހަނާއެއްގެ ގޮތުގައި ދައްކަނީ ބޭނުންވާ ގޮތަށް މަޖިލީހުން ބަޖެޓު ފާސް ނުކުރުމެވެ. ނަމަވެސް, އޭރު އިންތިހާބީ ރައީސް އެދިވަޑައިގެންނެވި ކަންކަން ބަޖެޓުގައި ހިމެނި އެވެ.
އޭރު މާލީ ވަޒީރަކަށް ހުންނެވި އަމީރު ވަނީ އެއީ އެ ކަން ހިނގާފައި އޮތް ގޮތް ނޫން ކަމަށް މިއަދު ހާމަކުރައްވާފަ އެވެ. އެގޮތުން, ޓްރާންސިޝަން މަރުހަލާގައި ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓާއި 2024 ގެ ބަޖެޓު ވެސް ފާސްކުރީ ޓްރާންސިޝަން ކޮމިޓީގެ މަޝްވަރާ އާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"2024 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓުގައި ތި ބޭފުޅުން ފޮނުވި ލިސްޓް އޮތް ގޮތަށް ބަޖެޓުގައި ހިމެނިފައިވާނެ. އެހެން ނޫނަސް ބަޖެޓު އޮތް ގޮތުން ކަންތައް ނުވިޔޭ، ވިދާޅުވާއިރު މި ހާަލަތަށް އައީވެސް ސީދާ ބަޖެޓުގައި ނުވެސް ހިމެނޭ އާ ކަންތައްތަކެއް ކުރުމުގެ ސަބަބުން," އަމީރު ވިދާޅުވި އެވެ.
މަޖިލީހުން ފާސްކުރި ބަޖެޓާ އެއްގޮތަށް ސަރުކާރުން ކަންކަން ކުރި ނަމަ އިގުތިސޯދީ ހަރަކާތްތައް ނުހުއްޓޭނެ ކަމަށާއި އޭރުން އަމިއްލަ ފަރުދުންނާއި ކުންފުނިތައް ބަނގުރޫޓު ނުވީސް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. ސަރުކާރުން ބަޖެޓުން ބޭރުން ކުރި ބައެއް ހަރަދުތައް ވެސް އަމީރު ހިއްސާކުރެއްވި އެވެ.
އެގޮތުން, ރަސްމާލެ މަޝްރޫއު އާއި 37 މިލިއަން ޑޮލަރަށް ގަތް ޑްރޯންތަކުގެ ވާހަކަ އޭނާ ފާހަގަކުރެއްވި އެވެ. އަދި, މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް މުސާރައަށް 1.425 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ރަށެއްގެ ޕްރޮޖެކްޓެއް ނުހިނގަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ކޮންމެ ފަހަރަކު "ކުރީ ސަރުކާރު"ގެ ބަހަނާ ނުދެއްކުމަށް އަމީރު މިއަދު ގޮވާލެއްވި އެވެ.
"ރައްޔިތަކަށް ކަމެއްކޮށްދޭންވީމަ ކުރީ ސަރުކާރު ބަޖެޓާއި ހެދި ކަމެއް ނުވޭ. އެކަމަކު ކޮށްފަ ހުރީ ބަޖެޓުގައި ނުވެސް ނެތް ކަންތައްތައް. އޭގެއިން އަރައިނުގަނެވިގެން މިހާރު މި އުޅެންޖެހެނީ. ތި ބޭފުޅުންނަށް މި އަހަރު ނުވި ކަމެއް ކުރިޔަށް އޮތް ހަތަރު އަހަރު ވެސް ނުވާނެ," އަމީރު ވިދާޅުވި އެވެ.
އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ރާއްޖޭގައި ތަރައްގީތައް ކުރިއަށް ނުގެންދެވުނީ އެމްޑީޕީ ސަރުކާރާ ހެދި ކަމަށެވެ. އެގޮތުން މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި މި ސަރުކާރުން ބޭނުންވި ކަންކަން ހިމަނާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގައިދޭނެ އަހަރަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment