27 ނޮވެންބަރު 2024 - 12:33 0
ލީވާން އަލީ ނާސިރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު: ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފައި -- ފޮޓޯ: އަދަދު ފައިލް
27 ނޮވެންބަރު 2024 - 12:33 0
ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ކެނޑިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގަނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމަށެވެ.
އެ ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ހުސައިން އެދިވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ގެނައި ބަދަލުގެ ތެރޭގައި ގާނޫނުއަސާސީގެ 73 އަށް ގެނައި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެންމެ ދެތިން ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ ބަަދަލުކުރީ 78 މެންބަރުންގެ ތާއިދާއެކު އެވެ.
Comment