ސެންޓާވިއުގެ އެފްރޮން: އިޒްރޭލަށް ލޮބީ ކޮށްދޭ އައިޕެކަށް ހަރަދު ކުރާ މުހިންމު ޑޯނަރެއް

އެފްރޮން: އޭނާއަކީ އައިޕެކް އަދި ސީއެފްއާރްއަށް ހަރަދު ކުރާ މުހިންމު ޑޯނަރެއް -- ފޮޓޯ: ބްލޫމްބާގް ނިއުސް

އެފްރޮން: އޭނާއަކީ އައިޕެކް އަދި ސީއެފްއާރްއަށް ހަރަދު ކުރާ މުހިންމު ޑޯނަރެއް -- ފޮޓޯ: ބްލޫމްބާގް ނިއުސް

މާލީ ކަންކަމުގައި ލަފާ ހޯދަން ދިވެހި ސަރުކާރުން އައްޔަން ކުރި އެމެރިކާގެ ފާމެއް ކަމަށްވާ ސެންޓާވިއުގެ ފައުންޑަރު ބްލެއާ ވޭން އެފްރޮންއަކީ، އިޒްރޭލަށް ލޮބީކޮށްދޭ އެމެރިކަން އިޒްރޭލުން ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އަށް ހަރަދު ކުރާ މުހިންމު ޑޯނަރެއްކަން އެނގިއްޖެ އެވެ.

މާލީ ލަފާ ހޯދަން ސެންޓަވިއު އައްޔަން ކުރިކަން ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ސެންޓަވިއު އައްޔަންކޮށްފައިވާ ކަމަށް ދެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގްވާމީ ނިއުސް އެޖެންސީ ރޮއިޓާސް އިން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސިޔާސީ ޕާޓީތަކަށް އަދި ލޮބީ ގްރޫޕުތަކަށް ފައިސާ ހަރަދު ކުރާ މީހުން ހާމަ ކުރަމުން އަންނަ އޯޕަން ސީކްރެޓްސް އިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެފްރޮން، 63، އަކީ ގަވާއިދުން އައިޕެކަށް އަދި އެކި ސިޔާސީ ކެންޑިޑޭޓުންނަށް ހަރަދު ކުރާ މީހެކެވެ.

އޯޕަން ސީކްރެޓްސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ވެސް މަދުވެގެން އަށް ފަހަރަކު އެފްރޮން ވަނީ އައިޕެކަށް ފައިސާ ހަދިޔާކޮށްފަ އެވެ. މި އަހަރު މަދުވެގެން 8،000 ޑޮލަރު އޭނާ ވަނީ އައިޕެކަށް ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން އެފްރޮންއަކީ އިޒްރޭލުގެ ލޮބީ ގްރޫޕުތަކަށް ހަރަދު ކުރާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރް) ގެ މެންބަރެކެވެ. ސީއެފްއާރްއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަމިއްލަ އޮގަނައިޒޭޝަންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރައްވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ޑޯނާ ލިސްޓަށް ބަލާއިރު 2021-2022 ވަނަ އަހަރު އެފްރޮން ވަނީ އެ ޖަމިއްޔާއަށް 100،000 އަށް ވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފަ އެވެ.

މީގެ 63 އަހަރު ކުރިން 1963 ވަނަ އަހަރު އުފެއްދި އައިޕެކުން ދަނީ އިޒްރޭލަށް ސަޕޯޓު ކުރާ ކެންޑިޑޭޓުން އަދި ސިޔާސީ މީހުންނަށް ސަޕޯޓު ކުރަމުންނެވެ. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ނަސްލުހޭދު ކުރުމަށް ތާއީދު ހޯދަން ވެސް އައިޕެކުން ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

އެފްރޮންއަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރާ އެ ޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާ އަންނަނީ ޑިމޮކްރެޓިކް ޕާޓީއަށް އެކި ކެންޑިޑޭޓުންނަށް ވަރަށް ކުރިން ފެށިގެން ވެސް ފައިސާ ހަރަދު ކުރަމުންނެވެ. އެގޮތުން، ޖޯޖް ބުޝް، ބަރަކް އޮބާމާ އަދި މިވަގުތު ރައީސްގެ މަގާމަށް ވާދަ ކުރައްވާ ކަމަލާ ހެރިސްއަށް ވެސް އޭނާ ދަނީ ހަރަދު ކުރަމުންނެވެ.

ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 118 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ހަރަދުތައް ކުޑަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖޫން މަހުގެ ތެރޭގަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ޖޫން 27، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ވެސް، މާލީ ރިފޯމްތައް ތަންފީޒު ނުކުރެވި ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވި އެވެ. އަދި އޭގެ ފަހުން ކްރެޑިޓް ރޭޓިން ދެ އެޖެންސީ ކަމަށްވާ ފިޗް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރި އެވެ.

ސަރުކާރަށް ކިރިޔާ ވެސް ހިންދެމިލެވުނީ އިންޑިއާއަށް ސެޕްޓެމްބަރު މަހު ދައްކަން ޑިއުވި 50 މިލިއަން ޑޮލަރުގެ ލޯނެއް އެ ގައުމުގެ ސަރުކާރުން ރޯލްއޯވާ ކުރުމުންނެވެ. އޭގެ ފަހުން ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން، 400 މިލިއަން ޑޮލަރު އަދި ތިން ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox