Advertisement

ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ގެ ދިވެހި ތަރުޖަމާ

9 އޮކްޓޯބަރު 2024 - 21:53 1

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ގެ ދިވެހި ތަރުޖަމާ

9 އޮކްޓޯބަރު 2024 - 21:53 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެދުންދުރަ މޯދީއާ ބައްދަލުކުރެއްވީ ހޯމަ ދުވަހުގަ އެވެ. އެ ދުވަހު ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ އިތުރުން، ރަސްމީ މަޝްވަރާތަކެއްވެސް ބޭއްވި އެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ވެރިންނާއި ވަޒީރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުން އެއްބަސްވި ކަންކަމަށް "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް" ނުވަތަ "ވިޝަން ޑޮކިއުމެންޓު" ގެ ނަމުން ވަނީ ނަންދެވިފަ އެވެ. މި ޑޮކިއުމެންޓުގައި ދެ ގައުމުގެ ސަލާމަތާއި އިގުތިސޯދާ ގުޅޭ ގިނަ ކަންކަން ހިމެނިގެންވެ އެވެ.

ވިޝަން ޑޮކިއުމެންޓުގެ ދިވެހި ތަރުޖަމާ

އޮކްޓޯބަރު 7، 2024، ގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ދިވެހިރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އަދި ހާއްސަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެގައުމުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނުގެ ސަރުކާރުން "ނެއިބާހުޑް ފަސްޓް" ޕޮލިސީ އަދި ސާގަރު ވިޝަންގެ ދަށުން އަވަށްޓެރިންނާ މެދު ބަހައްޓާ ހާއްސަ އަހަންމިއްޔަތުކަމުގެ ތެރެއިން ރާއްޖެއަށް މެދުކެނޑުމެއް ނެތި އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރާއްޖޭގެ ރައިސް ވަނީ އިންޑިއާއިން ފޯރުކޮށްދެއްވި މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން, އެސްބީއައިގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖެއަށް އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަމަށް އެދޭ ހިނދު އެއްބާރުލުން ދޭ "ފަސްޓް ރެސްޕޮންޑާ" އަކީ އިންޑިއާ ކަމަށް ވިދާޅުވެ 2014 ގެ މާލޭގެ ފެނުގެ ކުއްލި ހާލަތުގައި އާއި ކޮވިޑް19 ގެ ދުވަސްވަރު ވެދެއްވި އެހީތައް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކައިގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ބައިލެޓަރަލް ކަރަންސީ ސްވޮޕް އެގްރީމެންޓެއްގެ ގޮތުގައި 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި އެވެ.

މި ވަގުތަކީ ދެ ގައުމުން ވެސް ގުޅުންތައް އާކޮށް އާ އޮނިގަނޑެއްގެ ތެރެއިން މިހާރު އޮތް ބައިލެޓްރަލް ގުޅުންތައް ހަރުދަނާ ވަރުގަދަ އިގުތިސޯދީ އަދި މެރިޓައިމް ސެކިއުރިޓީގެ ޕާޓްނާޝިޕަކަށް ބަދަލުކުރުމުގެ ވަގުތު ކަމަށް ދެ ލީޑަރުން ވެސް ގަބޫލުކުރެއްވި އެވެ. އަދި, މި އޮނިގަނޑަކީ ދެ ގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ އިންޑިއާ ކަނޑުގެ ހަމަޖެހުމުގެ ނަގިލީގެ ގޮތުގައި ހެދުމަށް އެއްބަސްވެ ތިރީގައިވާ ކަންކަން ކުރުމަށް ވަނީ ނިންމާފައި:

ސިޔާސީ ގުޅުން ވަރުގަދަ ކުރުން

ލީޑަރޝިޕާއި ވަޒީރުންގެ ފެންވަރުގައި އެކްސްޗޭންޖްތައް ހަރުދަނާކުރުމުގެ ގޮތުން، އޭގެ ތެރޭގައި މަޖިލީހުން މެންބަރުންނާއި ލޯކަލް ގަވަމަންޓު ކައުންސިލަރުން ހިމެނުން. ދެ ގައުމުގެ މަޖިލީސްތަކުގެ މެދުގައި އެކުގައި މަސައްކަތް ކުރުމަށް އެމްއޯޔޫއެއް އެކުލަވާލަން އެއްބަސްވުން.

ތަރައްގީއަށް އެހީވުން

މިހާރުވެސް ރާއްޖޭގެ ރައްޔިތުންނަށް ހަރުދަނާ މަންފާތަކެއް ހޯދައިދީފައިވާ ތަރައްގީގެ ޕާޓްނާޝިޕްގެ މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ މައްޗަށް ބިނާކޮށް ނިންމެވީ;

  1. ރާއްޖޭގެ ބަނދަރުތަކާއި، އެއާޕޯޓުތަކާއި، ބޯހިޔާވަހިކަމާއި، ހޮސްޕިޓަލްތަކާއި، މަގުތަކާއި، ކުޅިވަރުގެ ވަސީލަތްތަކާއި، ސްކޫލްތަކާއި، ފެނާއި ނަރުދަމާފަދަ ދާއިރާތަކުން، ރާއްޖޭ ތަރައްގީ ކުރުމުގައި އެކުގައި މަސައްކަތް ކުރުން.
  2. ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންޑިއާގެ އެހީގެ އެހީގައި މިހާރު ކުރިއަށްދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވިކުރުން
  3. ފްލެގްޝިޕް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބުރިޖު) ވަގުތަށް ނިންމުމަށް ފުރިހަމަ އެއްބާރުލުން ދިނުމާއި ތިލަފުށްޓާއި ގިރާވަރު ދެމެދު ބުރިޖެއް އަޅައި ގުޅާލުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުން.
  4. މާލެ ބަނދަރު ތޮއްޖެހުން ކުޑަކޮށް، ތިލަފުށީގައި ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމުގައި އެއްބާރުލުން ދިނުން.
  5. އިހަވަންދިއްޕޮޅުގެ މޯލްޑިވްސް އިކޮނޮމީ ގޭޓްވޭ ޕްރޮޖެކްޓާއި ލ. ގާދޫ ޓްރާންސްޝިޕްމެންޓް ބަނދަރަށް އެހީވުމާއި ބަންކަރިން އަދި ޓްރާންޝިޕްމެންޓް ދާއިރާއަށް އެކުގައި މަސައްކަތް ކުރުން.
  6. އިންޑިޔާގެ އެހީގައި ތަރައްގީ ކުރަމުންދާ ހދ. ހަނިމާދޫ އާއި އައްޑޫ ގަން އެއަޕޯޓުގެ އިތުރުން ރާއްޖޭގެ އެހެނިހެން އެއަޕޯޓުތަކުގެ ފުރިހަމަ ފުދުންތެރިކަން ނެރުމަށް ގުޅިގެން މަސައްކަތްކުރުން، އަދި ވައިގެ ދަތުރުފަތުރު ހަރުދަނާކުރުމަށާއި، އިންވެސްޓްމަންޓްތައް ގެނައުމަށާއި، މި އެއަޕޯޓުތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް އެއްބާރުލުން ދިނުމަށް ދެފަރާތުން އެއްބަސްވި.
  7. ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް ގާއިމުކުރުމާއި، އެ އަތޮޅުގައި "އެގްރިކަލްޗާ އިކޮނޮމިކް ޒޯން" އެއް ގާއިމުކުރުމާއި، އިންޑިއާގެ އެހީގައި ހއ. އަތޮޅުގައި މަސް ޕްރޮސެސްކުރުމާއި ކޭނިން ފެސިލިޓީ ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުން.
  8. އިންޑިޔާ-މޯލްޑިވްސް ޕީޕަލްސް ސެންޓްރިކް ޑިވެލޮޕްމަންޓް ޕާޓްނަރޝިޕް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގެންދިއުމަށްޓަކައި ކާމިޔާބު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިތުރަށް ފުޅާކުރުން.

ވިޔަފާރި އާއި އިގުތިސޯދީ ގުޅުންތައް ވަރުގަދަ ކުރުން

  1. މުދަލާއި ހިދުމަތުގެ ވިޔަފާރީގެ މައްޗަށް އަލިއަޅުވާލައި ބައިލެޓަރަލް ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުން.
  2. ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހަމަޖެއްސުން.
  3. ދެ ވިޔަފާރީގެ ޗެމްބަރާއި މުއައްސަސާތަކުގެ މެދުގައި ބައިލެޓަރަލް އިންވެސްޓްމަންޓްތައް ކުރިއެރުވުމާއި ގާތް ގުޅުމެއް ބޭއްވުން؛ އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފެތުރުމަށާއި، ވިޔަފާރީގެ ލުއިފަސޭހަކަން އިތުރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ސަރަހައްދާއި، ނޫ އިގުތިސޯދުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިގުތިސޯދު ސިންދަފާތު ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން
  5. މާކެޓިން ކެމްޕެއިންތަކާއި ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުން.

ޑިޖިޓަލް އަދި މާލީ އެއްބާރުލުން

ޑިޖިޓަލް އަދި މާލީ ދާއިރާ ތަ ދައުލަތް ހިންގުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާތީ، ދެފަރާތުން އެއްބަސް ވަނީ:

  1. ޑިޖިޓަލް އަދި މާލީ ހިދުމަތްތައް ތަންފީޒުކުރުމުގެ ތަޖުރިބާ ހިއްސާކުރުން.
  2. ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ (ޑީޕީއައި) ގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި)، ޔުނިކް ޑިޖިޓަލް އައިޑެންޓިޓީ، ގާތީ ޝަކްތީ ސްކީމް އަދި އެހެނިހެން ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް، އީ-ގަވާނަންސް އަދި ޑިޖިޓަލް ޑޮމެއިން މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ފޯރުކޮށްދިނުން.
  3. ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިޔާގެ ފަތުރުވެރިންނަށް ފައިސާ ދެއްކުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކުރުމުން މަރުހަބާ ކިޔާއިރު، އިންޑިއާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ވެސް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާތުން މަސައްކަތްކުރުން.

ހަކަތައިގެ ދާއިރާ

ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ހަކަތައިގެ ސެކިއުރިޓީއަށް ރިއާޔަތްކޮށް، ހަކަތައިގެ ހަރަދު ކުޑަކޮށް، ރާއްޖެއަށް އެން.ޑީ.ސީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އިއާދަކުރަނިވި ހަކަތައާއި، އިރުގެ ހަކަތައާއި، ހަކަތައިގެ އެހެނިހެން މަޝްރޫޢުތައް ހިންގައި، އެއްބާރުލުން ދިނުމުގެ ގޮތުން ޒިޔާރަތްތައް ބަދަލުކުރުމާއި، ޖޮއިންޓް ރިސާޗު، ޓެކްނިކަލް ޕްރޮޖެކްޓްތަކާއި، އިންވެސްޓްމަންޓްތަކާއި އިޝްތިހާރު ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފަ.

މީގެ އިތުރުން ވަން ސަން ވަން ވޯލްޑް ވަން ގްރިޑް އިނީޝިއޭޓިވްގައި ރާއްޖެއަށް ބައިވެރިވެވޭނެ ގޮތްތައް ދެނެގަތުމުގެ ފީސިބިލިޓީ ސްޓަޑީއެއް ވެސް ދެ ފަރާތުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ.

ސިއްހީ ދާއިރާ

  1. އިންޑިޔާގެ ހޮސްޕިޓަލްތަކާއި އެހެނިހެން ސިއްހީ ފެސިލިޓީތަކާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ރާއްޖޭގެ ސިއްޙީ ހިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރާއްޖޭއަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުން.
  2. އިންޑިއާގެ ފާމަކޮޕިއާގެ އަގު ވަޒަންކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރުމާއި، އިންޑިއާއިން އަގު ހެޔޮ، ފެންވަރު ރަނގަޅު ޖެނެރިކް ބޭސް ތައް ފޯރުކޮށްދީ، ރާއްޖޭގެ ސިއްހީ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ-މޯލްޑިވްސް ޖަން އޯޝަދީ ސެންޓަރުތައް ގާއިމުކުރުން؛
  3. އިންޑިޔާގެ ފާރމަކޮޕިއާ ދިވެހި ސަރުކާރުން ބަލައިގަތުމަށްފަހު، ރާއްޖޭގައި ގާއިމު ކުރެވޭ އިންޑިއާ-މޯލްޑިވްސް ޖަން އޯޝަދީ ސެންޓަރުތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދިނުން.
  4. ނަފްސާނީ ފަރުވާ ހަރުދަނާ ކުރުމާއި، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ނަފްސާނީ ފަރުވާގެ ހިދުމަތް ހަރުދަނާކުރުމަށް އެކުގައި މަސައްކަތްކުރުން.
  5. ހުނަރާއި ތަޖުރިބާ އިތުރުކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައި އެއްބާރުލުން ދިނުން.
  6. ކެންސަރު، ދަރިމައިވުން ފަދަ އާންމު ސިއްހީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޓަކައި ސިއްހީ ދިރާސާ ކުރުމާއި ތަޖުރިބާ ހިއްސާ ކުރުމަށް މަސައްކަތްކުރުން.
  7. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށާއި، ރިހެބިލިޓޭޝަންގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ތަޖުރިބާ ހިއްސާކުރުމާއި، ރާއްޖޭގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކުގައި މަސައްކަތްކުރުން.
  8. އިމަޖެންސީ މެޑިކަލް އިވެކުއޭޝަންތައް ހެދުމަށްޓަކައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން.

ޑިފެންސް އަދި ސެކިއުރިޓީގެ ދާއިރާ

އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާ އާއި ރާއްޖެއަށް ވެސް ގޮންޖެހުންތަކެއް ހުރިއިރު މިކަމުގެ ސަބަބުން ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެކި ގޮތްގޮތުން ދަނީ އަސަރު ކުރަމުންނެވެ. ގުދުރަތީ ބައިވެރިންގެ ހައިސިއްޔަތުން، އިންޑިޔާ އާއި ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މެރިޓައިމް އަދި ސެކިއުރިޓީ ގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވި އެވެ.

ރާއްޖޭގެ މާސިންގާ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ސަބަބުން ކަނޑުފޭރުމާއި، އައިޔޫޔޫގެ މަސްވެރިކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ޓެރަރިޒަމް ފަދަ މެރިޓައިމް ޗެލެންޖުތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ދެ ގައުމުން ވެސް އެއްބަސްވީ، އިތުބާރު ކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އިންޑިޔާއިން ދިވެހިރާއްޖެއާ ގުޅިގެން އެ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ކަންކަމުގެ ތަޖުރިބާ ހިއްސާކުރުމާއި، ގާބިލުކަން އިތުރު ކުރުމާއި، ރާއްޖެއިން ބޭނުންވާ މިންވަރަށް ގުޅިގެން އެއްބާރުލުން ދިނުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުމަށެވެ. އިންޑިއާގެ އެހީގައި، އުތުރުތިލަފަޅު (ޔޫޓީއެފް) ގައި ކުރިއަށްދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ "އެކަތަ" ބަނދަރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކޮށްދޭ ބާރަކަށް ވާނެ ކަމަށާއި، އެ މަޝްރޫއު ކަނޑައެޅިފައިވާ ތާވަލަށް ނިންމަން ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވި އެވެ.

  1. ރާއްޖޭން އިސްކަންދެއްވާ ގޮތުގެ މަތިން، ކަނޑުމަތީގެ އަދި ސަލާމަތީ ކަންކަން ކުރިއެރުވުމުގައި، ސިފައިންނާއި، ދިވެހި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް، އިންޑިއާގެ ދިފާއީ ޕްލެޓްފޯމްތައް (އަސްކަރީ އުޅަނދުތައް) އަދި އެސެޓްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް.
  2. ރާޑަރު ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދީ އެމްއެންޑީއެފްގެ ސަވައިލަންސް އަދި މޮނިޓަރިންގެ ގާބިލުކަން އިތުރުކުރުން.
  3. ހައިޑްރޯގްރެފިކް ކަންކަމުގައި، ދިވެހި ސަރުކާރުން ބޭނުންވާ ގޮތުގެމަތިން، ކެޕޭސިޓީ ބިލްޑިން އާއި ތަމްރީނުގެ ޒަރިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކާރިސާތަކުން އަރައިގަތުމާއި، ނުރައްކާ ކުޑަކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޓަރއޮޕަރަބިލިޓީ އިތުރުކުރުމަށް ޓަކައި އެސްއޯޕީތަކާއި އެކްސަސައިޒްތައް ހިންގުން.
  5. އިންޑިއާގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ އެންމެ ޒަމާނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އިމާރާތް ވީ އެންމެ އަވަހަކަށް ހުޅުވުން.
  6. އިންޑިއާގައި ހިންގާ އައިޓެކް ޕްރޮގްރާމްތަކާއި އެހެނިހެން ކަސްޓަމައިޒްޑް ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ރާއްޖޭގެ އެހެނިހެން ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން ސްލޮޓްތައް އިތުރުކުރުން

ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން

  1. ސިވިލް ސަރވިސް މުވައްޒަފުންނަށާއި، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް މަންދޫބުންނަށް ކަސްޓަމައިޒްކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން.
  2. ދިވެހި އިގުތިސާދުގައި ދިވެހި އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ހުނަރުދަސްކުރުމުގެ ތަމްރީނުދީ، ދިވެހި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  3. ޒުވާނުންގެ އިނޮވޭޝަން ޕޮޓެންޝަލް ބޭނުންކޮށްގެން ރާއްޖޭގައި ސްޓާޓްއަޕް އިންކިއުބޭޓަރ-އެކްސެލެރޭޓަރެއް އުފެއްދުމުގައި އެއްބާރުލުން ދިނުން.

ޕީޕަލް ޓު ޕީޕަލް ލިންކޭޖު

  1. ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކޮށް، އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކޮށް، މިކަމުގެ ސަބަބުން ވިޔަފާރީގެ ދާއިރާއާއި އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެކަން ގަބޫލުކުރެވިގެން މަސައްކަތްކުރުން.
  2. ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ވައިގެ އަދި މެރިޓައިމް ކަނެކްޓިވިޓީ އިތުރުކުރުމާއި، އިގުތިސޯދީ ގޮތުން ބައިވެރިވުމަށް އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން ކުރިއެރުވުން.
  3. މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، ސްކިލިންގ ސެންޓަރުތަކާއި، ސެންޓަރ އޮފް އެކްސެލެންސް، ދިވެހިރާއްޖޭގައި ގާއިމުކުރުން.
  4. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އައި.ސީ.ސީ.އާރު ޗެއަރއެއް ގާއިމްކުރުމަށް މަސައްކަތްކުރުން.

ސަރަހައްދީ އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުން

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ ޗާޓަރުގައި ދާދި ފަހުން ސޮއިކުރުމާއެކު، ސީއެސްސީގެ ފައުންޑިން މެމްބަރުންގެ ހައިސިއްޔަތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އަމާން، އަމާން އަދި ސުލްހަވެރި އިންޑިއާ ކަނޑުގެ ސަރަހައްދެއް ހާސިލްކުރުމުގެ މަގުސަދުގައި ކަނޑުގެ އަދި ސަލާމަތީ މަސްލަހަތުތައް ކުރިއެރުވުމުގައި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އިންޑިޔާއާއި ރާއްޖޭގެ ރައްޔިތުންގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެޤައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރަން ނިންމި ދާއިރާތަކުން އެ މަސައްކަތް ފެށުމަށް ދެ ލީޑަރުން ވެސް އިރުޝާދު ދެއްވި އެވެ.

މި ވިޝަން ޑޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް އާ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލުމަށް އެބޭފުޅުން ނިންމެވި އެވެ. އެ ގްރޫޕުގެ ލީޑާޝިޕް ކަނޑައަޅާނީ ދެ ގައުމުގެ މެދުގައި އެއްބަސްވެވޭ ގޮތަށެވެ.