Advertisement

އަމަލުން ނުދައްކައި "ފަލަސްތީނުގެ ހައްގުގައި" ޖަހާ ސިޔާސީ މެޑަލި

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


އަމަލުން ނުދައްކައި "ފަލަސްތީނުގެ ހައްގުގައި" ޖަހާ ސިޔާސީ މެޑަލި

ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާތާ އެތައް ދަހަރެއް ވެއްޖެ އެވެ. އެކަން ނުދަންނަ ދިވެއްސަކު މިއަދު ދިރި ދުނިޔޭގައި ހުރި ކަމަކަށް ނުބެލެވެ އެވެ. ކާފަ، މާމައިން ފެށިގެން މުނިކާފަ ކުޑައިރު ކިޔައިދިން ވާހަކަތަކުގައި ވެސް ފަލަސްތީނަށްޓަކައި ކުރި ދުއާތަކާއި އެއްވި އެއްވުންތަކުގެ ހަދާންތައް ކިޔައިދެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެތައް ހާސް އާންމުނެއް ގަތުލުކޮށް، އެތައް ލައްކަ ބަޔަކު މަގުމަތިކުރަން ފެށިތާ މިހާރު މިވަނީ 75 އަހަރުވެފަ އެވެ. މި ފަހުން ދޭން ފެށި ހަމަލާތަކަށް މިއަދު އަހަރެއްވީ ނަމަވެސް މި ބިމުގައި ރަސްކަން ކުރިއިރު ވެސް ފަލަސްތީނާ ރާއްޖެއާ ދެމެދު ހާއްސަ ގުޅުމެއް އޮތެވެ.

ނަމަވެސް، މި ވެރިކަމަށް ރާއްޖެ އަލިވިލުނީ ކުރިން ބުނިހެން މީގެ އަހަރެއް ކުރިން މި ފަހުގެ ތާރީހުގައި އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި އެންމެ ވަރުގަދަ ހަމަލާތަކާއެކީ އެވެ. އެ ހަމަލާތައް އޮކްޓޯބަރު 7، 2023 ގައި ފެށިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17، 2023 ގަ އެވެ.

އޭގެ ފަހުން ރައީސް މުއިއްޒު ފާހަގަކުރެވުނީ އިޒްރޭލާ ދެކޮޅަށް ގަދަބަސް ބުނާ ވެރިއެއްގެ ގޮތުގަ އެވެ. އިޒްރޭލާ ދެކޮޅަށެވެ. އެކަމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށެވެ. ނަމަވެސް އެމަނިކުފާނުގެ ތަގުރީރުތަކުގެ އިހުލާސްތެރިކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސުވާލު އުފެދެނީ، އިޒްރޭލުގެ ނަސްލުހޭދުކުރުން، ނުވަތަ ޖެނޮސައިޑަށް އަހަރެއްވީއިރު އިޒްރޭލުގެ ފަތުރުވެރިން އަދިވެސް ރާއްޖެއަށް އަންނަމުންދާތީ އެވެ. އިޒްރޭލުގެ ހަނގުރާމަވެރިން ކުޑަކުދިން މަރާފައި އައިސް މި ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަ ކުރާތީ އެވެ. އެއާއެކު ރައީސް އަދި ސަރުކާރުގެ ވަރުގަދަ ބަސްތަކަކީ ސިޔާސީ މެޑަލި ޖެހުމަށް ގެންގުޅޭ އުކުޅުތަކެއް ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވެ ބަހަނާތަށް ފުނިޖެހިއްޖެ

މީގެ އަހަރެއް ކުރިން މުޅި ރާއްޖޭގައި އިޒްރޭލާ ދެކޮޅަށް އެއްވުންތައް ބާއްވަމުންދިޔަ އެވެ. އެ އެއްވުންތަކުގައި އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ ނުވަދެވޭ ގޮތަށް، އެ ޕާސްޕޯޓު މަނާކުރަން ގޮވާލާ އަޑުތައް ދިޔައީ ގަދަވަމުންނެވެ. މި އެއްވުންތަކުގެ ތެރެއިން އާންމުން، ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވާން ފެށީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ދުވަސްތަކުގަ އެވެ.

އެ އެއްވުންތަކާއި ކުރިމަތިވި އެހެން ޕްރެޝަރުތަކާއެކު މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު 16، ގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އޮތީ ނުވެ އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ކެބިނެޓުން ވެސް ނިންމި އެވެ.

ކެބިނެޓުގެ ނިންމުމުގެ ކުރިން، އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.

މި ހިސާބުން ޕާސްޕޯޓު މައްސަލާގައި މި ސަރުކާރުން ދައްކާފައިވާ އެކި ވާހަކަތަކާއި ބަހަނާތައް ސުރުހީތަކެއްގެ ގޮތުގަ ގެނެސްދޭނަމެވެ.

ޑިސެމްބަރު 5، 2023: އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެން: ރައީސް

ޑިސެމްބަރު 12، 2023: އިޒްރޭލު ޕާސްޕޯޓް މަނާކުރަން ލަފާދީ މަޖިލީހުން ފޮނުވި ސިޓީއާމެދު ރައީސް އޮފީހުގެ ޖަވާބެއް ނެތް

މެއި 30، 2024: އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ޖޫން 2، 2024: އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ފާސްކޮށްފި

ޖޫން 14، 2024: އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ކީހާ ޅެން ފަރިއްސަށް؛ ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން!

އޮގަސްޓު 7، 2024: އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ނުކުރާ ސަބަބު ސާފުކޮށްދޭން މީކާއިލް އެދިއްޖެ

ސެޕްޓެމްބަރު 10، 2024: ސްޓޭންޑު ބަދަލެއް ނުވޭ، އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ މަޖިލިސް ޗުއްޓީގައި އޮތީމާ: ހީނާ

ސެޕްޓެމްބަރު 18، 2024: އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވި ކަމަށް ގަބޫލެއް ނުކުރަން: ޝަހީމް

އޮކްޓޯބަރު 6، 2024: އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހަޅާފައިވާ ބިލަށް ބަދަލުގެންނަން ޖެހޭ: އޭޖީ އުޝާމް

ގަދަބަސް އިއްވަނީ ސިޔާސީ މަންފާއަށް

މި ރިޕޯޓަށް މައުލޫމާތު އެއްކުރަމުން ދިޔައިރު އިދިކޮޅު ސިޔާސީ މީހުންނާއި ބައެއް ގާނޫނީ ބޭފުޅުންނާ ވެސް ވާހަކަ ދެކެވުނެވެ. ބައެއް ބޭފުޅުން ދެކޭ ގޮތުގައި ރައީސް މުއިއްޒު ބައިނަލްއަގުވާމީ ސްޓޭޖުގައި އަޑުހަރުކޮށް ފަލަސްތީނަށްޓަކައި ވާހަކަ ދައްކަވަނީ ސިޔާސީ ގޮތުން "ދީނީ ކާޑު" ކުޅުމަށެވެ.

އެގޮތުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތުގައި ޕާސްޕޯޓު މަނާކުރުން ފަދަ ކަންކަން ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަން ކުރުމުގެ އަމަލީ މަސައްކަތް ކުރުން ލަސްވެ މަޑުޖެހެނީ ސަރުކާރުން ދައްކާ ވާހަކައިގެ ފަހަތުގައި ސިޔާސީ ނަފާވެރިކަމެއް ހޯދުމުގެ ނިޔަތް އޮތުމުންނެވެ.

"އިހުލާސްތެރިކޮށް ކަމެއް ކުރާ ކަމަކަށް ނުފެނޭ. އަބަދުވެސް ދީނީ ކާޑު ކުޅެން މަސައްކަތް ކުރައްވާ މަންޒަރު އަޅުގަނޑަށް ފެންނަަނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ގެ ވިސްނުން ވެސް ފައްޔާޒުއާ ދާދި އެއްގޮތެވެ. އޭނާ ވިދާޅުވީ ޕާސްޕޯޓު މަނާކުރުން މިހާރު އޮތީ "ވާނުވާ ނޭނގޭ" ހާލަތުގައި ކަމަށެވެ. ރައީސް އާއި ސަރުކާރުން ފެންނަނީ މެޑަލި ޖެހުމުގެ އަމަލުތަކެއް ކަމަށް އެ ދެ ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް މިފަހަރު ޔޫއެންއަށް ކަފިއްޔާ އަޅާލައިގެން ބަންދު ކޮޓަރިއެއްގަ މަހުމޫދު އައްބާސްއާ ބައްދަލުކުރީ. އޭގެ އިހުލާސްތެރިކަމެއް ހުރެއްޖިއްޔާ ހަމަ ޖެނެރަލް އެސެމްބްލީގަ އެތާ މާލަމުގަ އިންނަންވީ އޭތި އަޅާލައިގެން،" ވައްޑޭ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރި ގޮތުގައި ދިވެހި ސަރުކާރުން މަސައްކަތް ކުރަންވީ ރައްޔިތުންގެ އަޑާ އެއްގޮތަށް އަމަލުކުރުމަށެވެ. ބުނަމުންދާ ބަހާ އެއްގޮތަށް އަމަލުން އެކަން ދެއްކުމެވެ.

ސައުދީ އާއި ހުޅަނގުގެ ފިއްތުމާއި އިސްލާމިކް މިނިސްޓަރުގެ ފަނޑު އަޑު

ފަލަސްތީނުގެ ހައްގުގައި އިޒްރޭލާ ދެކޮޅަށް ހާއްސަކޮށް ސޯޝަލް މީޑިއާގައި އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވާ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.

މި ނޫހާ ފޯނުން ދެއްކެވި ވާހަކައިގައި އިބްރާ އެންމެ ބޮޑަށް ފާހަގަކުރެއްވީ މި ސަރުކާރާއި، ހާއްސަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ސައުދީ އަދި އިޒްރޭލާ ދެކޮޅަށް މަޑުން ތިބެ އަރަބި ގައުމުތަކާ އެކު ބާއްވާ ގާތް ގުޅުމެވެ.

ރާއްޖޭގައި އޮތް ދީނީ ދެބަސްވުންތައް އުފެދުނީ ސައުދީގެ ސަބަބުން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި މި މައްސަލައިގައި، ހާއްސަކޮށް އިސްލާމީ ވަޒީރުގެ ހައިސިއްޔަތުން ޝަހީމުގެ އަޑު ފަނޑުވަނީ ވެސް ސައުދީގެ ނުފޫޒުން ކަމަށް އިބުރާ ދެކެ އެވެ.

"އަޅުގަނޑަށް ހޯދާލަދީބަލަ ފަލަސްތީނުގައި އެ އެންމެން މަރާ ގާޒާ ފުނޑުފުނޑުކޮށްލާ އެތަނުގައި ބޮޑެތި އަނިޔާތައް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އިޒްރޭލުން ދެމުންދާއިރު. މާދަމައަށް އަހަރުދުވަސް މިވަނީ. އަހަރު ދުވަސް ވީއިރު އިސްލާމިކް މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވެފަ އޮތީ ކީކޭތޯ،" އިބްރާ ވިދާޅުވި އެވެ.

އެއާއެކު ޝަހީމުގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓުތައް ހޯދާ ބެލި ބެލުމުން އެނގުނީ، އޭނާ ވެއެތުވެދިޔަ އަހަރުގެ ތެރޭ "Gaza" މިހެން ޖައްސަވާ ކުރެއްވީ އެންމެ ތިން ޕޯސްޓުކަމެވެ. އެ ތިން ޕޯސްޓު ވެސް ކުރެއްވީ މިދިޔަ ޖޫން މަހު ކެބިނެޓުން އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރަން ނިންމުމާ ގުޅިގެންނެވެ. އެ މުއްދަތުގައި ޝަހީމު، "Palestine" މިހެން ޖައްސަވާ ކުރައްވާފައިވަނީ އެންމެ ދެ ޕޯސްޓެވެ.

އެނބުރި އިބުރާގެ ވާހަކައަށް ޖެހިލާނަމެވެ. އެގޮތުން އެހެން ކަންކަމުގައި ސޯޝަލް މީޑިއާގައި "އެކްޓިވް" ޝަހީމަށް މިކަމުގައި ހަމައެކަނި ކުށްވެރިކުރުން ނޫން ޕޯސްޓެއް ނުޖެއްސެވޭ ކަމަށާއި ރައްޔިތުންނަށް މިކަމުގެ ހަގީގަތް ވެސް ސާފު ނުކޮށްދެއްވާކަން، އިބުރާ ފާހަގަކުރެއްވި އެވެ.

"އަމަލީ ގޮތުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އެޅުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ ހުންނަވާ ހުންނެވުން. އެއިން ދޭހަވަނީ މިކަމުގަ ސަރުކާރުގެ ސްޓޭންޑު،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މުޅި ދުނިޔެހެން މިކަމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު އެކަމާ ގުޅިގެން ޝަހީމު "ހަނު" ހުންނެވުމަކީ ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތު ހާމަވެ، ބަޔާންވާ ކަމެކެވެ.

ރައްޔިތުންނަށް ހަގީގަތް ބުނެދޭން ޖެހޭ

ކޮންމެ ކަމެއް ވެސް ހައްދުން ނެއްޓި ދަނީ ސުވާލު އުފެދެން ފެށުމުންނެވެ. މައުލޫމާތު ސާފުނުވުމުގެ ސަބަބުންނެވެ. އިޒްރޭލާ ދެކޮޅަށް މި ސަރުކާރުން ވީ އެންމެ ބޮޑު ވައުދު، ނިންމި އެންމެ ބޮޑު ނިންމުން ކަމަށްވާ ޕާސްޕޯޓު މަނާކުރުން، ބޮޑު މައްސަލައަކަށް ވެގެންދާނީ ވެސް މި ސަރުކާރުން ގެންގުޅޭ ވަންހަނާ ސިޔާސަތުގެ ތެރެއިންނެވެ.

ވައްޑޭ ދެކެވަޑައިގަންނަވާ ގޮތުގައި ކަމެއް ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާ އެކަން އިއުލާނުކުރަންވާނީ ފުރިހަމަ ދިރާސާއެއް ކުރުމަށްފަހެވެ.

"ތިމަންނަމެން މިވެނި ކަމެއް ކުރާނަމޭ ބުނަންޏާ އޭގެ މާނައަކީ އެވަރުގެ ވައުދެއް ރައީސަކު ވާން ޖެހޭނީ ދެކޮޅު ބަލައި ހޯދާފަ ފުއްދޭވަރު ވައުދޭ. ކަމެއް ކޮށްދޭން ބުނެފިއްޔާ ޖެހޭނީ އެކަން ފުއްދަދޭން. ދެން ފަހުން އެވަނި ޕްރެޝަރެއް އައީޔޭ މިވަނި ޕްރެޝަރެއް އައީއޭ، އެއީ އިރެލަވަންޓު ވާހަކަ،" ވަހީދު ވިދާޅުވި އެވެ.

އޭނާ ޕްރެޝަރުގެ ގޮތުގައި އެ ފާހަގަކުރަނީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ ހުޅަނގު، ހާއްސަކޮށް އެމެރިކާއިން ޕްރެޝަރު ކުރާތީ ކަމަށް ދެކެވޭ ވާހަކައަށެވެ. މި ސަރުކާރަކީ މި ފަހުން އެމެރިކާއާއެކު އެންމެ ގާތުން މަސައްކަތް ކުރަމުން އަންނަ ދިވެހި ސަރުކާރެވެ.

މިފަދަ ބޮޑެތި ނިންމުންތަކާއެކު ދަތިތަކެއް ކުރިމަތިވާނެކަން އިބްރާ ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް މި ވަގުތަކީ އިންސާނިއްޔަތަށްޓަކައި އެ ދަތިތައް ތަހައްމަލު ކުރަންވީ ވަގުތުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރުމެންގެ ރާއްޖެއިން، އަދި އަހަރުމެންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިޔަސް ވެސް އެބަޖެހެޔޭ މިކަމަށް އަހަރުމެންނާ ހިސާބުން ކުރެވެންހުރި ކަމެއް ކުރަން. އޭގެ ތެރެއިން އެއް ކަމެކޭ އިޒްރޭލުގެ މީހުން މިގައުމަށް އެތެރެ ނުވެވޭގޮތް ހެދުން. އެކަން ނުކުރާން ޖެހޭ ސަބަބެއް ނުވިސްނޭ،" އިބްރާ ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީގެ މުގުލުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން މިކަންކަމުގައި، ހާއްސަކޮށް ބައިނަލްއަގުވާމީ މުޖުތަމައުގައި ތަޖުރިބާ ނެތުމަކީ މިކަންކަން ހާސިލްނުވާން ދިމާވާ މައިގަނޑު އެއް ސަބަބެވެ.

"ޖަޒުބާތު ޖެހިގެން ނަމަވެސް. ދިވެހި ރައްޔިތުން އެކަން ބޭނުންވާތީ ނަމަވެސް. [އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ ކަމަށް ބުނެ] އަނެއްކާވެސް ބޮޑު ދޮގެއް މި ހެދީ. އެކަން ކުރާކަށްވެސް ނުކެރެ. ނުކެރެނީއެއް ކަމެއް އެކަން ކުރަން ބޭނުން ނުވަނީއެއް ކަމެއްވެސް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

---

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމިއިރު ވެސް އެކަން ކުރަން ފިއްތުންތަކެއް ކުރިމަތިވާނެކަން ސަރުކާރަށް އެނގޭނެ އެވެ. ޕާސްޕޯޓު މަނާ ކުރުން ވާނީ، ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުމެއް ކަން އެނގޭނެ އެވެ. އެކަން އެނގޭނީ، އެ ނިންމުން އިއުލާނު ކުރުމުންނެއް ނޫނެވެ. އެހެންކަމުން، ޕާސްޕޯޓު މިއަދު މަނާ ނުކުރުމަކީ، އެއިރު ދެއްކި ވާހަކަތުގެ ހެޔޮނިޔަތާމެދު ސުވާލު އުފެދޭ ކަމެކެވެ.