Advertisement

ވައުދާ އެއްގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރާ ސަބަބު ރައްޔިތުންނަށް ކިޔައިދޭން ފައްޔާޒް ގޮވާލައިފި

22 ނޮވެންބަރު 2024 - 13:32 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވައުދާ އެއްގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރާ ސަބަބު ރައްޔިތުންނަށް ކިޔައިދޭން ފައްޔާޒް ގޮވާލައިފި

22 ނޮވެންބަރު 2024 - 13:32 2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރާ ސަބަބު ދިވެހި ރައްޔިތުންނަށް ކިޔައިދޭން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ރައީސް އަށް ގޮވާލައިފި އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނުއިރު ވެސް ރައީސްގެ ފުރިހަމަ ބާރު އޮތް މަޖިލީހަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭ ކަމަށެވެ.

"ނަތަންޔާހޫ ހައްޔަރު ކުރަން އައިސީސީން އަމުރު ނެރުނުއިރު، ރައީސް ވައުދުވެވަޑައިގެން ގޮތަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން އެމަނިކުފާނުގެ ފުރިހަމަ ބާރު އޮތް މަޖިލީހާއި އަމިއްލަ ޕާޓީން ވަނީ ނުކުޅެދިފައި، އެކަން ނުކުރެވި އޮތް ސަބަބު ދިވެހި ރައްޔިތުންނަށް ކިޔައިދީ،" ފައްޔާޒް ވިދާޅުވި އެވެ.

"އެ ސަބަބުން އެމީހުންނަށް އެނގެންޖެހޭ، މަނިކުފާނަށް އެކަން ނުކުރެވިގެން ތިޔަ އުޅުއްވާ ސަބަބު ރައްޔިތުން ގަބޫލު ކުރާނެ."

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންގެ ޕާސްޕޯޓު މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ބިލު ހުށަހެޅީ ގަލޮޅު ދެނުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު އެވެ.

އެ މައްސަލަ އިބްތިދާއީ ބަހުސްއަށް ފަހު ބަލައިގަތުމަށް ނިންމައި ކޮމިޓީއަށް ފޮނުވާފައި ވަނީ ޖޫން 10، ގައެވެ.

ބިލުގެ މައްސަލަ ކުރިއަށް ނުގޮސް ކޮމިޓީގައި ތާށިވެފައި އޮތުމުން ސަރުކާރުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ ޕީއެންސީއަށް ވެސް އަންނަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން އެ މައްސަލަ އަވަސް ކުރުމަށް ހުށަހެޅި ގަގާރު ވެސް މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ.