ރައީސް މުއިއްޒަށް ގިނަ ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

ރައީސް މުއިއްޒަށް ގިނަ ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި އިއްޔެ ހެނދުނު ބޭއްވި ޖަލްސާގައި ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖުތަމައުގައި މޫލާފައި ކަމަށާއި ބައެއް ފަހަރު ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުން ދައުލަތަށް ވެސް އިންތިހާ ގެއްލުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އަށް އާންމުން ހޫނު ރައްދެއް ދެއްވައި، އެ މަނިކުފާނު ކުރިން ދައްކަވާފައިވާ ބައެއް ވާހަކަތައް ހަނދާކޮށްދީފި އެވެ.

ރާއްޖެ އިސްލާމްވިތާ 898 ވަނަ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދޮގާއި ދޮގު ފެތުރުމަކީ ދިވެހި މުޖްތަމައަށް އޮތް "ބޮޑު ހަލާކެއް" ކަމަށެވެ. ދޮގު ފަތުރާ މީހުން އެ މަސައްކަތް ކުރަނީ ދުނިޔަވީ މަންފާއަކަށްޓަކައި، ކުޑަ ލާރިކޮޅަކަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަށް ބަލައިލިޔަސް އެ ދެއްކެނީ އަދުގެ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާޑަފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ. ލިބޭ ވަގުތީ، ދުނިޔެވީ މަންފާއަށްޓަކައި. ކުޑަ ލާރިކޮޅަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދޮގު ހައްދަވާ ވާހަކަ ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި އަބަދުވެސް ދައްކަ އެވެ. އެކަން އެންމެ ބޮޑަށް ފެށުނީ ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް އޭރު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ދުކުރު ކުރެއްވުމާއި، އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވި ވައުދާ ގުޅިގެންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަތައް ރެކޯޑުކުރެވިފައި ހުރުމާއި، ނޫސްތަކުގެ ހެޑްލައިންތަކުގައި އަދި މީހުންގެ ހަނދާނުގައި ރޯކޮށް ހުރުމުން، އިއްޔެގެ ތަގުރީރަށް ފަހު ރައީސް މުއިއްޒަށް ފާޑުކިޔުން އޮހިގެން ދިޔަ އެވެ.

"ކިތަންމެ އަސަރުކޮށްފަ ދީނޭ، ޤުރުއާނޭ ކިޔައި، ދޮގު ހަދަންޏާ އެ ވާހަކަ މީހުން ދައްކާނެ،" ރައީސްގެ ތަގުރީރާ ގުޅިގެން، މާވާކިލަގެ ނަމުގައިވާ ވާ އެކްސް އެކައުންޓަކުން ބުނެފައިވެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދޮގާއި މަކަރާއި ހީލަތުން އަދި އެހެން މީހުންގެ ނަފުސު ކަތިލައިގެން، ވެރިކަމަށް އައި ބަޔަކު ދައްކަން ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

"ވެރިކަމަށް އަހަރު ވެގެންދާއިރު ވައުދުވި އެއްވެސް ކަމެއް އެގޮތަށް ނުދޭ! މުޅި ގައުމުގަ ވައްކަމާއި ފަސާދަ އާންމުކޮށްފި. ދޮގާއި މަކަރުން އެންމެ ފުރަތަމަ ދުރުވާންވީ ގައުމުގެ ރައީސް!" އަމީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވީޑިއޯއަކާއެކު މުހައްމަދު ސައީދު އެކްސްގައި ބުނެފައި ވަނީ މިހެންނެވެ؛

"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މި ވާހަކަތަށް ބުނެ އޮޅުވާލީ ކާކު؟؟؟؟ ގެއްލުނު ކަނޑުގެ ވާހަކަ ދައްކާ ރައްޔިތުން ވާވެއްދީ ކާކު؟ އިންޑިއާ ސިފައިން އަދަދު ނޭންގޭވަރަށް ރާއްޖޭގައި ތިބި ކަމަށް ބުނެ ދޮގާއި މަކަރު ހެދީ ކާކު؟ ތިމަންގެ ވެރިކަމެއްގައި ހަދާފައިވާ ސިއްރު އެއްބަސްވުންތަށް ހާމަކުރާނެކަމަށް ބުނެ ދޮގުހެދީ ކާކު؟ ތިމަންގެ ވެރިކަމެއްގައި ސިޔާސީ މުއައްޒަފުން ފިޔަވައި އިތުރު އެއްވެސް މުއައްޒަފެއް ވަކިނުކުރާނެ ކަމަށް ބުނެ އޮޅުވާލީ ކާކު؟ ތިމަންގެ ވެރިކަމެއްގައި ރާއްޖޭގެ ރަށްރަށުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫޢުތަށް ހުއްޓައި ނުލާނެ ކަމަށްބުނެ އޮޅުވާލީ ކާކު؟ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދީފައިވާ ބިން ހަވާލުކުރާނެ ކަމަށްބުނެ އެކަން ކުރުމާއި ދެކޮޅު ހަދައި އޮޅުވާލީ ކާކު؟"

މިހެން ކިތަންމެ އެއްޗެއް ވެސް ލިޔެވިދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަނދާންކޮށްދެއްވީ އެ މަނިކުފާނުގެ "ދޮގުތަކެވެ"

ރައީސް މުއިއްޒަށް ފާޑުކިޔާފައި ވަނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެކްސްގައި ބުނެފައި ވަނީ "ދޮގު ހަދައިގެން ވެރިކަމަށް އައިސް އެ ދޮގު ދަމަހައްޓަން އެތަކެއް ދޮގު ހަދަނީ ކާކުތޯ ބަލާލަން ކިހިނެއް ވާނެ ބާ" އެވެ.

އެ މީހާގެ އެހެން ޕޯސްޓެއްގައި ބުނެފައިވެ އެވެ.

"ދޮގު ހަދަންޏާ ފެތުރޭނީ ދޮގުދޯ؟ ތީއެކަން އެންމެ ގަދައަށް ކުރާ މީހާ. ދައުލަތަށް ގެއްލުން ވަނީ އެހެންވެ. މުއިއްޒު އަވަހަށް ހުއްޓާ ލައްވާ އަވަހަށް. އޭރުން ހަބަރުވެސް ނުފެތުރޭނެ،"

ސޯޝަލް މީޑިއާގައި "އައްޑޭ" ގެ ނަމުން މަޝްހޫރު އެކްސް އެކައުންޓުން ރައީސް މުއިއްޒު ވާހަކައިގެ ޖުމުލައަކާއެކު ދުއްވާލާފައި ވަނީ، އިންޑިއާއާ ދެކޮޅު ވައުދުތަކެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހު ވިދާޅުވާ ވީޑިއޯ އާއި މޭޔަރަކަށް ހުންނެވިއިރު، "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓު ތުރުކުރައްވައިގެން މުޒާހަރާގައި ހުންނެވި ފޮޓޯ އެކެވެ.

ޒުވާން ވިޔަފާރިވެރިޔާ އަސްޖައު ޝަހީދު ބުނީ "ވެރިކަމަށް އައީ ފިތުނައާއި ދޮގާއި ފަސާދަ ވިއްކައިގެން، ވެެރިކަން ކުރަނީ އޭގެ މައްޗަށް ދޮގު ހަދައިގެން ، ވެރިކަމުގަ ދެމި ހުންނާނީ ވެސް އިތުރަށް ގައުމު ފަސާދަ ކޮށްގެން" ކަމަށެވެ.

މި ފާހަގަކޮށްލީ ބައެއް މީހުންގެ ޝުއޫރު ހުރި ގޮތެވެ.

އެކްސްގެ ސާޗު ބާގައި ތާނައިން ނުވަތަ ލެޓިނުން "ދޮގު" ލިޔުމަށް ފަހު ސާޖުކޮށްލުމުން މީހުންގެ ހިތްހަމަ ނުޖެހުން ހުރި މިންވަރު ވަޒަންކޮށްލެވޭނެ އެވެ. ރައީސް މުއިއްޒު ދޮގު ހައްދަވާ ކަމަށް ތުހުމަތުކުރިޔަސް، އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ބަހާއި އަމަލު ދިމާވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox