ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދާލަތު ޕާޓީން އެ ޕާޓީގެ ހަރަދުތަކުގެ ތަފްސީލްތައް ބަލަހައްޓާފައި ނުވާތީ 25،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަދާލަތު ޖޫރިމަނާކުރީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިދިޔަ މަހު 5، ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މަތިން ޕާޓީން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލް ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމަށެވެ.
"މި ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ،" އިލެކްޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުމަށް އޮންނަނީ ލާޒިމުކޮށްފައިވެ އެވެ.
ނަމަވެސް އަދާލަތުގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރިއިރު 2024 ގައި އެ ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރު ނުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ.
އަދާލަތު ޕާޓީގެ ރައީސަކަށް ޝައިހް މުހައްމަދު ޝިފާން އިންތިހާބުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ މަގާމަށް އިންތިހާބުވުމުގެ ކުރިން އަދާލަތުގެ ރައީސަކަށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އެވެ. . އޭނާ ވަނީ އަދާލަތު ޕާޓީގެ ރައީސްކަން ދެ ދައުރު ކުރައްވާފަ އެވެ.








