Advertisement

އަމިއްލަ ކޮލެޖުތަކަށް އާމްދަނީ މަދުވާތީ ކަންބޮޑުވެ، ހިލޭ ޑިގްރީއަކީ "ސްކޭމެއް" ކަމަށް ސިފަކޮށްފި

9 ޖުލައި 2024 - 10:29 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އަމިއްލަ ކޮލެޖުތަކަށް އާމްދަނީ މަދުވާތީ ކަންބޮޑުވެ، ހިލޭ ޑިގްރީއަކީ "ސްކޭމެއް" ކަމަށް ސިފަކޮށްފި

9 ޖުލައި 2024 - 10:29 4

ފުރަތަމަ ޑިގްރީ (ބެޗްލާސް ޑިގްރީ) ހަދާ ދަރިވަރުންގެ ކޯސް ފީ ދައުލަތުން ދައްކާ ގޮތަށް ކުރީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ސިފަކުރައްވައިފި އެވެ.

ކޮލެޖްތަކަށް ޔުނިވާސިޓީގެ ދަރަ ޖަދޭ ކްރައިޓީރިއާ ދަށްކުރަން މަތީ ތައުލީމުގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ ހިލޭ ޑިގްރީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތަކުގެ ކޯސްތަކުގެ އަގު ވެއްޓިފައިވާ ކަމަށެވެ. އޭގެ ސަބަބުން ޕްރައިވެޓް ކޮލެޖްތައް އިނދަޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ. އިއްޒަތްތެރި ރައީސް، ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގްރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ "ސްކޭމެއް" ގެ ގޮތުގައި ކަަމަށް ވިދާޅުވެ، އެ ވާހަކައަށް ބާރުދޭން އޭނާ ދެއްކެވީ އެކަމުގެ ސަބަބުން އަމިއްލަ ކޮލެޖްތަކުގެ އާމްދަނީ ދަށަށް ދިޔަ ވާހަކަ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކޮރަޕްޝަނެއް ހިންގާފައި އޮތް ކަމަކަށް ނުވަތަ އެކަމުގައި ދަރިވަރުންނަށް ކަމެއް އޮޅުވާލައިފައި އޮތް ކަމަކަށް ވިދާޅެއް ނުވެ އެވެ.

"މިއީއެއް ނޫން މިކަން ކުރާ ގޮތަކީ، މީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތައް އިނދަޖެހިގެން ދިޔަ މަންޒަރު ދިވެހިރާއްޖޭން ފެނިގެން ދިޔަ، އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ދައުލަތުންދޭ އިނާޔަތްތައް ލިބުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ރައްޔިތުުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

އެ މައްސަލަ ހުށަހެޅިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނީ ވެސް ޕްރައިވެޓް ކޮލެޖްތައް ބާރުވެރިކުރުވައިގެން ކަމަށެވެ.

މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ކުރާ ބުރަ މަަސައްކަތް ބަލައިލަން ޖެހޭ ކަމަށް ވިދާޅުވެ، ވިލާ ކޮލެޖްގެ ބާނީ، އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ޝުޖާއު ތައުރީފުކުރެއްވި އެވެ.

"އުމުރު ދުވަސް އެމަނިކުފާނު އެ ހޭދަކުރެެއްވީ މަތީ ތައުލީމު ދިވެހި ލޮބުވެތި ދަރިވަރުންނަށް އުގަނައި ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ސަރުކާރުތަކުން ދިން ކުރިއެރުމަކީ ކޮބައިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.