26 ޖޫން 2024 - 16:05 0
އައްޒާމް އަލިފުޅު
26 ޖޫން 2024 - 16:05 0
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ)، އުމުރުން 38 އަހަރުގައި އިއްޔެ ނިޔާވިއިރު، އޭނާ ފުޓްބޯޅަ އިން ރަސްމީކޮށް ރިޓަޔާ ވެސް ކޮށްފައެއް ނުވެ އެވެ.
ރާއްޖޭން ސަރަހައްދުގެ ތަށި، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، 2008 އާއި 2018 ވަނަ އަހަރު، ހޯދިއިރު ގައުމީ ޓީމުގައި ހިމެނުނު ބަކާ އަކީ ދިނީ ގޮތުން ވެސް ނަމޫނާ ދެއްކި ތަފާތު ސަހުސިއްޔަތެއް ވެސް މެ އެވެ. ގައުމީ ޓީމުގައި ފެނިގެންދިޔަ އެ ފަދަ ދެ ވަނަ އެއް ފަދަ ކުޅަދާނަ ގައުމީ ލީޑަރެކެވެ.
ގިނަ ބަޔެއްގެ އިހުތިރާމް ހޯދި ބަކާގެ ކުއްލި ވަކިވުމާ އެކު، އޭނާ އަށް ގައުމުގެ އެތައް ރައްޔިތުންނެއް ހެޔޮދުއާ ކުރި އެވެ. ރޭ ފަތިހު، ބޯ ވިއްސާރައިގައި، ބަކާގެ ޖަނާޒާގައި ވެސް ބައިވެރިވީ، އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށްދެން، އެންމެ ފަހުވަގުތާ ހަމައަށް ޖެހެންދެން ކުރެވުނު ހުރިހާ ކަމެއް ކުރުމުގެ ނިޔަތުގަ އެވެ.
ބަކާ، އެންމެ ފުރަތަމަ ގައުމީ ޓީމަކަށް އެރީ ވެސް ތަފާތު ދައްކައިގެންނެވެ.
އެ ގޮތުން، އިންޑޮނީޝިއާގައި 2003 ކުރިއަށްދިޔަ، އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އަށް ރާއްޖޭން އެކުލަވާލި 19 އަހަރުން ދަށުގެ ޓީމަށް ބަކާ ނެގީ ފުރަތަމަ ޑިވިޝަނުގައި ނުކުޅެނީހެވެ. އެއީ، އޭރު އެފްއޭއެމް އިން އައްޑޫގައި ކުރިއަށްގެންދިޔަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ފާހަގަވި ބަކާ އެވެ.
ބަކާ، އެ ފަހަރު ކޮލިފައިންގައި ދެއްކި ކުޅުމާ އެކު، އޭނާގެ ސޮއި ހޯދީ ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވި، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިންނެވެ.
ބަކާ (ކ) އާއި ދަގަނޑޭ: ޖޫނިއާ ގައުމީ ޓީމުގައި.--- ފޮޓޯ: ސޯޝަލް މީޑިއާ
މަަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ކޯޗުކަމުގައި، އައިއެފްސީން އައްޑޫ އަށް ނިސްބަތްވާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިންއިރު، އޭރު 18 އަަހަރު ވެސް ނުފުރޭ ބަކާ ޓީމަށް ނެގި އެވެ.
ބަކާ އަށް، އެ ނަން، ދިނީ ވެސް މާއްޓޭ އެވެ.
"ވިކްޓަރީ އަށް އައި ބަކާ ކިޔާ ބިދޭސީ ކުޅުންތެރިއެއް. އޭނަ ކުޅެނީ މި ބަކާ ކުޅޭ ސްޓައިލަށް. އެގޮތަށް އޭނަ އަށް ދިން ނަމެއް 'ބަކާ' މި ނަމަކީ،" ބަކާގެ ނަން އައި، ގޮތް، މާއްޓޭ، މީޑިއާ އަށް ހިއްސާކޮށްފައިވެ އެވެ.
އޭގެ ފަހުން، ފުރަތަމަ ޑިވިޝަނުގައި ކުރިއެރުން ހޯދަމުން އައިސް ބަކާ ވަނީ، ގައުމީ ފުޓްބޯޅަ ޓީމަށް 2005 .ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އަދި އޭގެ ފަހުން، 2006 ގައި ގަތަރުގައި އޮތް އޭޝިއަން ގޭމްސް އާއި ސްރީ ލަންކާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ބަކާގެ ރޯލު ފެނުނީ ވަރުގަދަ ކޮށެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗެއްގެ ތެރެއިން ބަކާ.-- ފޮޓޯ: ގެޓީއިމޭޖަސް.
ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ވެސް ބަކާ ޓީމުގައި ތަފާތު ދައްކަމުން އަ އެވެ.
ބަކާއާ އެކު، ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގައި ކުޅުނު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ރައީސްގެ މަގާމު ވެސް ފުރުއްވި، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ، ގިނަ އަހަރުތަކެއް އެކުގައި ޤައުމީ ޓީމާއި ކުލަބް ފުޓްބޯޅައިގައި ކުޅުނު އެކުވެރި ބަކާ ނިޔާވުމަކީ ފުޓްބޯޅަ އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
އެތައް ޓްރެއިނިން ކޭމްޕް ތަކެއްގައި ރޫމް މޭޓްގެ ގޮތުގައި ބަކާއާ އެކު ވަގުތުތައް ހޭދަކުރެވުނު. ޤައުމީ ޓީމުގެ އެތައް ކާމިޔާބީގެ އުފަލާއި ނާކާމިޔާބީގެ ހިތާމަ އާއި، ވަރުގަދަ ޓްރެެއިނިން ތަކުގައި ދެގޮތެއް ނުވެ ހިތްވަރާ އެކު މަސައްކަތްކުރި އަދި ފުޓްބޯޅައިގެ ރޮގުން ޤައުމަށް ރީތިނަން ހޯދުމުގައި ގަދައަޅާ މަސްކަތްކޮށް އެތައް ކާމިބުތައް ހޯދި. ބަކާގެ ހަދާންތައް ފުޓްބޯޅަ އާއިލާއިން ތާއަބަދަށް ފާހަގަކުރާނެކަން ޔަޤީން،" ތޯރިގު، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުއްވި އެވެ.
ތޯރިގުގެ އިތުރުން ބަކާއާ އެކު ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ބަކާއާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާން އާ ކޮށްފަ އެވެ.
ބަކާގެ ވިއްސަކަށް އަހަރުވީ ފުރަތަމަ ޑިވިޝަނުގެ ކެރިއަރުގައި، އޭނާ ވަނީ 10 ކްލަބަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނުވަ ކްލަބާއި މިޔަންމާގެ ކޭބީޒެޑް ހިމެނެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ބަކާ އަށް ނުލިބޭ ތަށްޓެއް ނެތެވެ. އޭނާ ވަނީ 2010 ވަނަ އަހަރު "ހަވީރު ނޫހު" ން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ބަކާ ކުޅެފައިވާ ދިވެހި ކްލަބްތަކަށް ބަލާއިރު، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޔުނައިޓެޑް ވިކްޓަރީ ހިމެނެ އެވެ.
ކެރިއަރުގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު ވެސް ބަކާ އަކީ ނަމޫނާ ކުޅުންތެރިއެކެވެ. އޭނާ އަށް ވުރެ އެތައް އަހަރެއް ހަގު ކުޅުންތެރިންނާ އެކު ކުޅުނުއިރު ވެސް ތަފާތު ދައްކަމުން ދިޔަ އެވެ. އެކަން، ޒުވާން ކުޅުންތެރިންގެ ޝުއޫރުތަކުން އެ ދަނީ ފެންނަމުންނެވެ.
މިޔަންމާގެ ކޭބީޒެޑަށް ބަކާ ކުޅެމުންދިޔައިރު، އޭރު އެ ގައުމުގައި މަސައްކަތް ކުރި އެއް ކޯޗަކީ، މެސެޑޯނިއާ އަށް އުފަން ކޯޗު، މަރުޖާން ސެކުލޮސްކީ އެވެ. ސެކުލޮސްކީ، ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ މާޒިޔާ އަށް ކޯޗުކޮށްދީފަ އެވެ. ސެކުލޮސްކީގެ އެދުމަށް ބަކާ އެއް ފަހަރު މާޒިޔާ އަށް ވެސް ގެނަ އެވެ.
2015 ވަނަ އަހަރު ބަކާ (ކ) އާއި ސެކުލޮސްކީ އެކުގައި ނަގާފައިވާ ފޮޓޯއެއް.
"އަހަރެން ދެކުނިން ބަކާ މިޔަންމާ ލީގުގައި ކުޅެލިގޮތް. ވަރަށް ކޮމާންޑިން، އޭނާގެ ރޯލުން ތަފާތު ދައްކާ ކުޅުންތެރިއެއް. ގިނަ ބަޔަކު ވަރަށް ތައުރީފުކުރި ތަފާތު މޮޅު ކުޅުންތެރިއެއް ބަކާ އަކީ،" މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ސެކުލޮސްކީ، ބަކާއާ ބެހޭގޮތުން، މީގެ ކުރިން ބުނެފައިވެ އެވެ.
ބަކާ އަށް ރާއްޖޭގެ ކޯޗުން ވެސް ތައުރީފުކޮށްފައިވެ އެވެ.
އެ ގޮތުން، ބަކާއާ އެކު ކްލަބް ލެވަލްގައި، ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީގައި މަސައްކަތްކުރި ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ، ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކުވައިދީ ބަކާ ކުރާ ހިތްވަރު ފާހަގަކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ބަކާ އެންމެ ފަހުން ކުޅެފައިވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން، ގައުމީ ޓީމުގައި ނުހިމެނުނު ނަމަވެސް ގަވާއިދުން ޓީމުގެ ކަންކަން ބަލަ އެވެ. އެއީ، އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ބަކާއާ އެކު، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީގައި މަސައްކަތްކޮށްފައިވާ ކުޅުންތެރިންނަށް ވާތީ އެވެ.
ބަކާ އަކީ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ.
"އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގަ ކުރިއަށް ދިއުމަށް ނަމޫނާ އަކަށް ބެލުނު ހުނަރުވެރި މޮޅު އަދި އެހާމެ ހިތްތިރި ޕުލެޔަރެއް އަދި ގާތް އެކުވެރިއެއް. ފުޓްބޯޅައިގަ ކުރިއަށް ދިއުމަށް އެތަކެއް ނަސޭހަތެއް ޒުވާން ކުޅުންތެރިންނަށް ދީ ނަމޫނާ ދެއްކި ލީޑަރެއް. 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގަ ޒުވާން އެތައް ކުޅުންތެރިން ތަކެއް ގޮވައިން ތަށި ހޯދުމުގަ މުހިންމު ދައުރެއް އަދާ ކުރި ކުޅަދާނަ ލީޑަރެއް،" ބަކާއާ ބެހޭގޮތުން، ގައުމީ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެންދިޔަ، އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ، ގައުމީ ކޯޗަކަށް އޭރު ހުރި ޕީޓަ ސެގާޓް، އަލީ އަޝްފާގު (ދަގަނޑޭ) ޓީމަށް ނުނަގަން ނިންމި ހިސާބުން ވަރަށް ބޮޑު ޕްރެޝަރަކަށް ޓީމު ވެއްޓުނު ކަމަށާއި އެކަމަކު، އެ ހާލަތުގައި ޓީމު އެއްބައިވަންތަކޮށް ކުރިއަށްދާން ހިތްވަރު ދިނުމުގައި ބަކާގެ ރޯލު ބޮޑު ކަމަށެވެ.
"ފަހަރެއްގައި ކުޅެން ލިބުނު ވަގުތު މަދުވީމަ، އެ ތަށީގައި ބަކާގެ ދައުރު ކުޑަކަމަށް ފެނިދާނެ. އެކަމަކު، އެ ވަގުތު ޓީމު ބަދަހިކޮށް ބާއްވަން އޭނާގެ އެއްބާރުލުން ނުލިބުނުނަމަ އެ ތައްޓެއް އެފަހަރު ނުހޯދޭނެ،" އަކޫ ބުންޏެވެ.
ބަކާ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު.
ގައުމީ ޓީމަށް އެންމެ ފަހުން ބަކާ ނެގީ، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑަށެވެ. އޭރު ގައުމީ ކޯޗަކަށް އަލީ ސުޒޭން ހުރިއިރު، އޭނާ ވަނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އެ ފުރުސަތުގެ ބޮޑުކަން ވިސްނައިދީ ހިތްވަރު ދިނުމުގައި ބަކާގެ ނުފޫޒު ބޮޑު ކަމަށެވެ.
ގައުމީ ޓީމަށް މިދިޔަ 15 ވަރަކަށް އަހަރު ތެރޭ އައި ބިދޭސީ ކޯޗުން ބަކާގެ ވާހަކަ ދައްކަން މަޖުބޫރުވާ އެކި ހާލަތް އައިސްފައިވެ އެވެ. ބަކާ އަކީ އަބަދުވެސް އޭނާ ކުރާ ކަމެއްގައި އެންމެ ރަނގަޅަށް ކުރެވޭތޯ މަސައްކަތްކުރި ފަރާތެކެވެ. އެ ގޮތުން، ގައުމީ ފުޓްބޯޅަ ޓީމުގެ ސިލެކްޝަނެއް ހަދާ ކޮންމެ ފަހަރަކު، މޮޅަށް ކުޅެފައި ޓީމަށް ނާރާ ކުޅުންތެރިއަކު ހުރެފިނަމަ، އެ ކުޅުންތެރިއެއްގެ ހައްގުގައި އަޑުއުފުލަ އެވެ.
"ކޯޗާ ވާހަކައެއް ނުދައްކަން ގައުމީ ޓީމަށް ނޭރި ސަބަބެއް ހޯދަން. ކިރިޔާ ވެސް ސިލެކްޝަނާ ބެހޭގޮތުން ވާހަކައެއް ދެއްކީ ޒުވާން އެހެން ކުޅުންތެރިންނަށް ފުރުސަތު ނުދޭތީ އެކަމާ،" 2019 ވަނަ އަހަރު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބަކާ ބުނެފައިވެ އެވެ.
ބަކާ، 2020 ވަނަ އަހަރު ގައުމީގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
ބަކާ، އެންމެ ފަހުން ކުޅެފައިވަނީ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ދާދި ފަހުން ބޭއްވި ވެޓެރަންސް ސެވަން އަ ސައިޑް މުބާރާތެއްގަ އެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ޕްރޮފެޝަނަލް ފުޓްބޯޅައާ ދުުރުގައި ހުރީ، އަނިޔާއަކާ ހެދި އެވެ. އެކަމަކު، މަޑުމަޑުން ފިޓްވަމުން އަންނަ ވަރަކަށް ކުޅުމުގެ ތެރެއަށް އަންނަ ވިސްނުން އޭނާގެ ހުއްޓެވެ.
ބަކާ، ނިޔާވީ، ހައްޖުގެ އަޅުކަން އަދާކޮށްފައި އައިތާ މާ ގިނަ ދުވަހެއް ނުވެ، ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މިދިޔަ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވި ހައްޖު ދަތުރެއްގައި، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ވަފުދުގައި ހައްޖުގެ އަޅުކަން އަދާކުރި ބަކާ އަކީ އަބަދުވެސް ދީނީ ކަންކަމަށް ހާއްސަ އަހަމިއްޔަތުކަމެއް ދިން ފަރާތެކެވެ.
ފުޓްބޯޅައިގެ ކަންކަމާ ދުރުން ބަކާއާ އެންމެ ގިނަ ބަޔަކު ބައްދަލުވެފައި ހުރި އެއް ތަނަކީ ގައިމު ވެސް މިސްކިތުންނެވެ. ގިނަ ބަޔަކު އޭނާ ނިޔާވެގެން ހަނދާން އާ ކުރަން ދޫކޮށްލާ ފޮޓޯތަކާ އެކު ލިޔެފައި ހުންނަނީ ވެސް ނަމާދުން ބައްދަލުވާ ވާހަކަ އެވެ.
ފަލަސްތީނުގެ ގައްޒާގެ މީހުންނަށް އެހީވުމަށް ރާއްޖޭގައި އެކި ފަހަރު މަތިން ހިންގި ފަންޑް ރައިޒިިން ހަރަކާތްތަކުގައި ވެސް ބައިވެރިވި ބަކާ އަކީ، ގައުމީ ޓީމުގައި ހިމެނިގެން ރާއްޖޭން ބޭރަށް ދިޔަސް ނަމާދަށް ފަރުވާތެރި ކުޅުންތެރިއެކެވެ. އެހެން ކުޅުންތެރިން ނަމާދު ކުރަން ބާރު ވެސް އަޅާ ލީޑަރެކެވެ.
ބަކާ، ދާދި ފަހުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރެއިން.
ބަކާ ނިޔާވި ހަބަރާ އެކު، އެކި ފަރާތްތަކުން ހިއްސާ ކުރަމުންދިޔަ ހަނދާންތަކުގެ ތެރެއިން ގިނަ ބަޔެއްގެ ލޯ އަޅައިގަތީ، އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު، ޑރ. އަލީ ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށެވެ.
އެ ޕޯސްޓުގައި ވަނީ، ބަކާ އެންމެ ފަހުން ކުރި މެސްޖްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައިފަ އެވެ.
"ޝައިހް އެ ދުއާ ފޮތް ފޮނުވާލަދެއްޗޭ،" ޑރ އަލީ ޒާހިރު އަށް ބަކާ، ފޮނުވި މެސްޖް
ޑރ. އަލީ ޒާހިރު ވަނީ ބަކާ އަށް ދުއާތައް ހިމެނޭ ފައިލް އެއް ފޮނުވައިފަ އެވެ.
"މުޙައްމަދު ޢާރިފު (ބަކާ) އަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަޚެއް. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި، އެންމެ ފަހުން ވާހަކަ ދައްކާ ލެވުނީ ޙައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ. އެދިލެއްވީ ކިޔާލާނެ ރަގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށް. 100 ދުޢާ އެކުލެވޭ ދުޢާ ފޮތެއް ފޮނުވާލަދިނިން. މާތްﷲ ބަކާގެ ޙައްޖަކީ މަބްރޫރު ޙައްޖެއް ކަމުގައި ލައްވައި، ކުރެއްވި ހުރިހާ ދުޢާއެއް އިޖާބަކޮށްދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި. اللهم اغفر له وارحمه. އާމީން" އަލީ ޒާހިރުގެ އެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ބަކާގެ ޖަނާޒާގެ ކަންކަން އެންމެ ފުރަތަމަ ހަމަޖެއްސީ، ފަތިސް ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްތުގައި ކަށުނަމާދުކޮށް، އެ ސަހަރާގައި ވަޅުލާ ގޮތަށެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ބަކާގެ ޖަނާޒާގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު
އެކަމަކު، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، އިސްނަންގަވައި، ބަކާ ފަދަ ގައުމަށް އެތަކެއް ހިދުމަތްތަކެއް ކޮށްދީފައިވާ ލީޑަރެއްގެ އިތުރުން ގިނަ ބަޔެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ކުޅުންތެރިއެއްގެ ޖަނާޒާ ފުރިހަމަ ކުރަން، އިސްލާމީ މަރުކަޒަށް ކަންކަން ބަދަލުކުރެއްވި އެެވެ.
ރާފިއު އަކީ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރެވެ. އެތަކެއް ފަހަރު މަތިން ބަކާއާ ބައްދަލުވެ، ގިނަ ގައުމީ ހިދުމަތްތަކެއްގައި އެކުގައި ބައިވެރިވި އެވެ.
ރޭ ފަތިހު ކުރިި، ވިއްސާރައިގައި ވެސް ގިނަ ބަޔަކު ބަކާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވި އެވެ. އޭނާ އަށް ހެޔޮ ދުއާ ކުރުމުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފެނުނީ ގިނަ ބަޔަކު ޝާމިލުވެ އުޅުނުތަނެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 60 އަށް ވުރެ ގިނަ މެޗު ކުޅެދީ، ކެޕްޓަން ބޭންޑް އަޅަައިގެން، ގަލޮޅު ދަނޑުގައި ވެސް މެޗެއް ކުޅެލުމުގެ ޝަރަފް ހޯދި، ބަކާ، ފަސްދާނުލެވުނީ، އޭނާގެ ހަޔާތުގެ މުހިންމު ކަންތައްތަކެއް ހާސިލްކުރި ގަލޮޅު ވިނަ ދަނޑާއި ޖެހިގެން ހުރި ސަހަރާގަ އެވެ.
ބަކާގެ މި ކުއްލި ވަކިވުމުން، އެންމެ އަސަރުގަދަ ޝުއޫރެއް ފާޅުކުރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކޫ އެވެ.
"އަޚުންނޭ ބިރުވެތިވޭ!!!
ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ގާތް އަޚެކެވެ.
ގަދަފަދަ ޙާލުގައި ދުނިޔޭގައި ދިރިއުޅެމުންދިޔަ ހެޔޮލަފާ އަޅެކެވެ.
ޖެހިގެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ނަންބަރު ކަމައްވެސް ވެދާނެއެވެ.
އެއްކައުވަންތަ ﷲ އަށް ތަޢުބާ ވާށެވެ.
ހެޔޮ ޢަމަލު ކުރުން ގިނަކުރާށެވެ.
ފާފަ ތަކުން ދުރުވެ ރައްކާތެރި ވާށެވެ.
ސުވަރުގެ މިންވަރުކުރެއްވުން އެދި ﷲ އަށް ދުޢާ ކުރާށެވެ.
އަޅުގަނޑުމެންގެ އެކުވެރި އަޚާ މުޙައްމަދު އާރިފް އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި…… ޢާމީން!"
އަކުރަމްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ބަކާ: ވަޅުލާފައިވަނީ ގަލޮޅު ސަހަރާގައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު
Comment