Advertisement

ވައިކަރަދޫ ފަޅުތެރެއަށް ވަންނަ މުށިމަސްތައް މަރުވެގެން ކުނިވެއްޖެ

26 އޭޕްރީލް 2024 - 16:59 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވައިކަރަދޫ ފަޅުތެރޭ ކުނިވެފައިވާ މަސްތައް އެ ރަށުގެ ރައްޔިތުން ސާފުކުރަނީ - ފޮޓޯ: ވައިކަރަދޫ ކައުންސިލް


ވައިކަރަދޫ ފަޅުތެރެއަށް ވަންނަ މުށިމަސްތައް މަރުވެގެން ކުނިވެއްޖެ

26 އޭޕްރީލް 2024 - 16:59 1

ހދ. ވައިކަރަދޫ ފަޅުތެރެއަށް އާންމުކޮށް ވަންނަ މުށިމަސް ބައިގަނޑުގެ ތެރެއިން އެތައް ހާސް މަހެއް މަރުވެ އެ ރަށުގެ ފަޅު ތެރޭގައި ކުނިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މުށިމަސްތައް ވަނީ ކުނިވެ ލޮނުގަނޑު މައްޗަށް އަރާފަ އެވެ.

މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވީ، އާންމުކޮށް އެ ރަށުގެ ފަޅުތެރެއަށް ވަންނަ މުށިމަސްތައް ކޮންމެ ދުވަހަކު ފަތިހު ބަނދަރަށް ވަދެ، ހަވީރު ނުކުންނަ ކަމަށެވެ.

"އެކަމަކު އިއްޔެ ހަވީރު މުށިމަސް ބާނަން އުޅުނު ބަޔަކަށް ފާހަގަވީ މަސްތައް ބަލިވެގެން ލޮނުގަނޑުގެ މައްޗަށް އަރައިގެން އުޅޭތަން، އެހެންވެ އިއްޔެ ހަވީރު ރަށުގެ ގިނަ ބަޔަކު ނިކުމެ އެތައް ހާސް މަހެއް ހިފި، ނުހިފުނު މަސްކޮޅު މަރުވީ މި،" އޭނާ ވިދާޅުވި އެވެ.

ނުހައިމް ވިދާޅުވި ގޮތުގައި އެ ރަށުގެ ބަނދަރު އޮންނަ ގޮތުން ލޮނުގަނޑު ކުނިވުން ނުވަތަ އޮކްސިޖަން މަދުވުމަކީ އާންމުކޮށް ހޫނު ދުވަސްވަރު ވާކަމެއް ކަމަށެވެ. ވައިކަރަދޫ ބަނދަރަކީ ނެރު ފިޔަވާ އެހެން އެއްވެސް ގޮތަކަށް އޮއެ ނުދެމޭހެން އޮންނަ ބަނދަރެކެވެ.

އެހެން އޮންނައިރު، ހޫނު ގަދަ މޫސުމުގައި އެ ރަށު ބަނދަރުގައި ފެހި އުފެދި އެ ތަކެތި ވެސް އޮކްސިޖަން ބޭނުންކުރާއިރު ފަޅުތެރޭ އުޅޭ މަސްތަކަށް ލިބޭ އޮކްސިޖަން މަދުވެ އެވެ. މަސްތައް މަރުވާން ދިމާވަނީ އޮކްސިޖަން މަދުވެ، ވަރުބަލިވުމުގެ ސަބަބުން ފަޅުތެރޭ ތާށިވެގެންނެވެ.

ވައިކަރަދޫ ބަނދަރުގައި މަރުވެފައިވާ އެތައް ހާސް މުށިމަސް ކުނިވެގެން ފެން މައްޗަށް އަރާފަ - ފޮޓޯ: ވައިކަރަދޫ ކައުންސިލް


"މިއަދު ހެދުނު އެތައްހާސް މަހެއް އޮތް ކުނިވެފަ، ހެދުނުން ފެށިގެން ޒުވާނުން ދަނީ ބަނދަރު ސާފުކުރަމުން، މިހާރުވެސް އެބަ އެކަން ކުރޭ، މިހާތަނަށް ޓްރެކްޓަރު ދަތްގަނޑުގެ 10 ދަތްގަނޑުގެ މަސް ވަނީ ވަޅުލާފަ،" ނުހައިމް ވިދާޅުވި އެވެ.

ވައިކަރަދޫ ބަނދަރު ތަރައްގީ ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަނދަރު މަރާމާތު ކުރި ކަމަށާއި ދެފަހަރު ވެސް ބަނދަރުގެ މަސައްކަތް ކުރީ ރައްޔިތުން އޭރު ބޭނުންވި ގޮތަށް ކަމަށް ނުހައިމް ވިދާޅުވި އެވެ.

"ކަނޑު ގަދަ ދުވަސްވަރު، ހާއްސަކޮށް ހުޅަނގު މޫސުމުގަ ބަނދަރު ވަރަށް ބޮޑަށް ގަދަވާތީ އޭރު ރައްޔިތުން ބޭނުންވީ މިހެން އެއްކޮށް ބައްދާފަ ބާއްވަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން މިހާރު ބޭނުންވަނީ ބަނދަރު ބަދަލު ކުރާށެވެ. އެގޮތުން ރައްޔިތުންގެ އެދުމާއެކު ނިމިދިޔަ ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަސައްކަތް ހިމަނާފައިވާ ކަމަށާއި އެކަން ކުރިއަށް ނުދާތީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާ ބައްދަލުކުރެއްވުމުން ވެސް އެކަން ފާހަގަކޮށްފައިވާނެ ކަމަށް ނުހައިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ފާހަގަކުރި ގޮތުގައި ވައިކަރަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މުށިމަސް ބޭނުމާއި އެ މަހުން އުފެއްދުންތައް އުފައްދާ އާމްދަނީ ހޯދަމުންދެ އެވެ. އެހެންކަމުން މިގޮތަށް އެތައް ހާސް މަހެއް މަރުވުމަކީ ރައްޔިތުންގެ އާމްދަނީއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.