Advertisement

ޕީއެންސީގެ މެންބަރުން ވިދާޅުވަނީ އާ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރާނީ އަބްދުއްރަހީމް ކަމަށް

26 އޭޕްރީލް 2024 - 08:18 7

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ. -- ފޮޓޯ: ރައީސް އޮފީސް


ޕީއެންސީގެ މެންބަރުން ވިދާޅުވަނީ އާ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރާނީ އަބްދުއްރަހީމް ކަމަށް

26 އޭޕްރީލް 2024 - 08:18 7

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާނީ، އަދި އިންތިހާބު ކުރާނީ، ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، އަދި މިހާރު އިސް ވަޒީރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ކަމަށް ސަރުކާރު ހިންގާ، ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، ޕީއެންސީ އަށް ނިސްބަތްވާ އިންތިހާބީ މެންބަރުންނާއި މިނިސްޓަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާރަ ދުވަހު މުލިއާގޭގައި ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި މައިގަނޑު ދެ ވާހަކަ އަކީ، މެންބަރުންނަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކަންކަން އަންގަވާނެ ބޭފުޅެއް ނުހުންނަވާނެ ކަމާއި، މަޖިލީހުގެ އިސް މަގާމުތަކަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅުއްވާނީ ވެސް އެ މަނިކުފާނު ކަމަށެވެ.

"އެއީ މަޖިލީހުގެ ރައީސް، ނައިބު ރައީސް އަދި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ކަނޑައަޅާނީ އެ މަނިކުފާނު ކަމަށް. އެގޮތަށް އެކަން ކުރައްވަން ނިންމެވީ ބައިބައި ވިޔަ ނުދިނުމަށް. އެކަންކަމުގެ ވާހަކަ ރައީސް ވަރަށް ސާފުކޮށް ވިދާޅުވި." ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެންބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ހިޔާރު ކުރައްވާނީ އަބްދުއްރަހީމް ކަމަށް ޕީއެންސީގެ ގިނަ މެންބަރުން ގަބޫލު ކުރައްވަ އެވެ. އެފަދަ އިޝާރާތެއް އަބްދުއްރަހީމަށް ދެއްވާފައިވާ ކަމަށް ވެސް އިތުބާރު ކުރެވޭ މަސްދަރުތަކުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުން ރައީސް ވަނީ އަބްދުއްރަހީމް އަށް އެ ޔަގީންކަން [މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ ޔަގީންކަން] ދެއްވާފައި،" ނޫހަށް ވާހަކަ ދެއްކި، ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

"އަބްދުއްރަހީމް އަކީ އެވަގުތަކު ހުންނަވާ ވެރިޔަކަށް ވަރަށް ވަފާތެރި ބޭފުޅެއް. އެ ޔަގީންކަން ރައީސް އަށް އޮންނާނެ. އަދި މިވަގުތު ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި އެކަކަު އެއީ."

ރައީސް މުއިއްޒު ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވަނީ އިސް ވަޒީރު އަބްދުއްރަހީމް ދެކެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނަށް ރިޔާސީ ޓިކެޓު ހޯދައިދެއްވަން މަގުފަހިކޮށް ދެއްވުމުގައި، އޭރު ޕީއެންސީގެ ރައީސްއެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމްގެ ދައުރު ބޮޑެވެ.

އަބްދުއްރަހީމް ވަނީ 17 ވަނަ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. 19 މަޖިލީހުގެ އިންތިހާބަށް ވެސް އޭނާ ވާދަ ކުރެއްވި އެވެ. އެ ފަހަރުގެ ނާކާމިޔާބީ އަށް ފަހު، ޕީއެންސީ/ޕީޕީއެމް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އޭނާ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާކުރެއްވުން އޮންނާނީ މެއި 28، 2024 ވަނަ ދުވަހު އެވެ

.

މިފަހަރުގެ އިންތިހާބުގައި ޕީއެންސީން ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު، އަލަށް ގުޅިވަޑައިގެންނެވި މެންބަރުނާއެކު ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުގެ އަދަދު 74 އަށް އަރާނެ އެވެ. އަދި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރަ އެވެ.