އަތޮޅު ތެރޭގައި ސަރުކާރުން އަޅައިދޭން ނިންމާފައިވާ ކައުންސިލް އިމާރާތްތަކުގެ ތެރެއިން ފުރަތަމަ އިމާރާތް ކުރާ 50 ކައުންސިލް ހޮވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ ދަށުން އެކުލަވައިލާ އުސޫލެއްގެ ދަށުން ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަމަންޓު މިނިސްޓަރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ފުރަތަމަ އިމާރާތް ކޮށްދޭން ނިންމާފައިވާ ކައުންސިލު އިމާރާތްތައް ހޮވާނެ ގޮތުގެ އުސޫލެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ 50 ކައުންސިލެއް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކުރެވޭނެ ގޮތެއް ހަމަޖައްސަވައި އަދި އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވައިފަ، މިކަމަށްޓަކައި 50 ކައުންސިލް ހޮވާނެ ގޮތުގެ ކްރައިޓީރިއާއެއް ޑިވެލޮޕްކޮށްފައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި އާންމުންގެ ކޮމެންޓަށް ހުޅުވައިލާނަން، އަޅުގަނޑުމެން ކްރައިޓީރިއާ ބޭނުން ކުރާނީ އިތުރު ރުބްރިކެއް، މާކްސް ދޭނެ ގޮތުގެ ކަނޑައެޅި އޭގެ މައްޗަށް ބިނާކޮށްގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ފުރަތަމަ އިމާރާތް ކުރާނެ 50 ކައުންސިލް ހޮވުމަށް މިނިސްޓަރީން މިހާރު އެކުލަވާލައިފައިވާ އުސޫލުގެ ދަށުން މާކްސް ދޭން ނިންމާފައި ވަނީ:
- ރަށުގެ އާބާދީއަށް 20 ޕަސެންޓު
- ކައުންސިލުތަކުގައި ވަސީލަތްތައް ހުރި މިންވަރަށް 20 ޕަސެންޓު
- އިމާރާތުގެ ހާލަތަށް 20 ޕަސެންޓު
- ކައުންސިލުގައި މަސައްކަތް ކުރާނެ ޖާގަ ނެތް ކަމުގައިވާނަމަ 10 ޕަސެންޓު
- މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
- ކަންގަތި އެވޯޑު ހާސިލު ކޮށްފައިވާނަމަ 10 ޕަސެންޓު
އާދަމް ޝަރީފް ވިދާޅުވީ ފުރަތަމަ އިމާރާތްކުރާ 50 ކައުންސިލް ހޮވުމަށް މާކްސް ދޭނެ އިތުރު މިންގަނޑެއް ވެސް މިނިސްޓަރީން އެކުލަވާލައިފައިވާ ކަމަށެވެ. ނަމަވެސް އެ މިންގަނޑު އާންމު ކުރާނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިމާރާތް މިއަހަރު ސަރުކާރުން އަޅަައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ފެބްރުއަރީ 26، ގަ އެވެ.
ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުތަކުގައި ހދ. މަކުނުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 13 އަހަރުވެގެން ދިޔައިރު ކައުންސިލްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ހަމަޖެހިފައި ނެތް ކަމަށެވެ.
"މައިގަނޑު އެއް ކަމަކީ، 12-13 އަހަރު ތެރޭގައި ނެތް އޮފީސް އިމާރާތެއްހާ ވަރު ވެސް އަޅައިދީފައެއް، ރަނގަޅު ފެންވަރުގެ އިމާރާތެއް ނެތް، އެެހެންވެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ދަތި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ގެންދާ އެ މަޝްރޫއުގައި މި އަހަރު ފަށާނީ 50 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް ނަމަވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި އިތުރު ރަށްރަށުގައި ވެސް ކައުންސިލް އިމާރާތްތައް އަޅައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.












