Advertisement

ފަތުވާ މަޖިލީހުން ބުނަނީ އޫރު މަހާއި ބަަނގުރާ ވިއްކާ ތަންތަނުގައި މަސައްކަތް ކުރުން ހަރާމް ކަމަށް

13 ފެބުރުވަރީ 2024 - 13:03 2

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖޭގެ ރިސޯޓެއް; ބަަނގުރަލާއި އޫރުމަސް ރާއްޖޭގައި ލިބެނީ ރިސޯޓުތަކުން. -- ފޮޓޯ: އަދަދު


ފަތުވާ މަޖިލީހުން ބުނަނީ އޫރު މަހާއި ބަަނގުރާ ވިއްކާ ތަންތަނުގައި މަސައްކަތް ކުރުން ހަރާމް ކަމަށް

13 ފެބުރުވަރީ 2024 - 13:03 2

އޫރު މަހާއި ބަނގުރަލުގެ މުއާމަލާތް ކުރާ ތަންތަނުގައި މަސައްކަތް ކުރުން އިސްލާމީ ޝަރީއަތުގައި ހުއްދަ ނޫން ކަމަށް ކަނޑައަޅައި މީގެ 10 އަހަރު ކުރިން ނެރެފައިވާ ފަތުވާއެއް އާންމުންގެ ސަމާލުކަމަށް ގެނައުމަށް އަނެއްކާ ވެސް ޝާއިއުކޮށްފި އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހުން ޖުލައި 15, 2013 ގައި ނެރެފައިވާ ފަތުވާގައިވާ ގޮތުން, ރާލާއި އޫރުމަސް އުފައްދާ, ވިއްކާ, މުއާމަލާތް ކުރާ އަދި ހިދުމަތް ދޭ ތަންތަނުގައި މުސްލިމަކު ވަޒީފާގެ ގޮތުގައި މަސައްކަތް ކުރުމަކީ ޒަރޫރީ ނުވަތަ މަޖުބޫރީ ހާލަތުގައި މެނުވީ ހުއްދަ ކަމެއް ނޫނެވެ.

"ހުރިހާ އިލްމުވެރިން އިއްތިފާގުވެ ވަޑައިގަންނަވާ ގޮތުގައި މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ ހަރާމް ކަމެއް. އެބޭކަލުން އިސްތިސްނާ ކުރައްވަނީ, ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި," އެ ފަތުވާގައި ވެއެވެ.

މިފަދަ ފަތުވާއެއް ނެރެފައިވާއިރު, ރާއްޖޭގެ އާބާދީގެ 10 ޕަސަންޓު މީހުން މަސައްކަތް ކުރަމުން ދަނީ ރިސޯޓުތަކުގަ އެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ އަދަދަކީ 52،482 އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 36،885 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދަކީ 15،597 އެވެ. މި އަދަދުތަކުން ހިސާބުކުރާ އިރު މިހާރު ވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތް 70 ޕަސެންޓަށް އަރަ އެވެ.

އެހެން ނަމަވެސް ޓޫރިޒަމްގެ ގަވާއިދުތައް އޮންނަ ގޮތުން ރިސޯޓުތަކުގެ 45 ޕަސެންޓު ވަޒީފާތައް ހާއްސަކުރަން ޖެހެނީ ދިވެހިންނަށެވެ.