އެމްއެންޑީއެފްއަށް އަސްކަރީ ޑްރޯންތަކެއް ހޯދަން ތުރުކީގެ ކުންފުންޏަކާއެކު 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރާ ބައިރަކުތާރު ޓީބީ2 އަސްކަރީ ޑްރޯނެއް: މި ޑްރޯންތަކުގައި ސަވައިލެންސާއި ހަމަލާ ދިނުމުގެ ގާބިލިއްޔަތު ހުރޭ -- ފޮޓޯ:އޭއެފްޕީ

ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރާ ބައިރަކުތާރު ޓީބީ2 އަސްކަރީ ޑްރޯނެއް: މި ޑްރޯންތަކުގައި ސަވައިލެންސާއި ހަމަލާ ދިނުމުގެ ގާބިލިއްޔަތު ހުރޭ -- ފޮޓޯ:އޭއެފްޕީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިފި އެވެ.

އެ މުއާމަލާތުގެ މައުލޫމާތު އެނގޭ ބައެއް މީހުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" ނޫހަށް ކިޔައި ދިން ގޮތުގައި ސަރުކާރުގެ އެންމެ މަތިން މިކަން ނިންމައި އެކަމަށް ބޭނުންވާ ފައިސާގެ ބައެއް މިހާރު ފިނޭންސް މިނިސްޓްރީން އެމްއެންޑީއެފް އަށް ވަނީ ދޫކޮށްފި އެވެ.

ތުރުކީގެ އަސްކަރިއްޔާ އަށް ވެސް ޑްރޯން ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ތުރުކީ ކުންފުންޏަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އަދި އެ އެއްބަސްވުމުގައި ވާ ގޮތުން މި މުއާމަލާތުގެ ހުރިހާ ފައިސާއެއް މި އަހަރުތެރޭގައި ހަލާސް ކުރަން ޖެހެ އެެވެ.

މިފަދަ ޑްރޯންތަކެއް ހޯދަން އުޅޭ ކަމުގެ އިޝާރާތެއް ޗައިނާގެ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދެއްވައިފަ އެވެ.

އެ ދުވަހު ރައީސް ރައީސް މުއިއްޒު އިންޑިއާއަށް ދޫކޮށްލެއްވި ބަހުގެ ހަމަލާތަކުގައި ވިދާޅުވީ ރާއްޖެއަކީ، ކަނޑުގެ ސަރަހައްދާއެކު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް ކަމަށާއި މި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.

"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސާވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މާފުކުރުމުގެ އުސޫލު ވެސް އިސްލާހުކޮށްފަ އެވެ. ބެލެވެނީ މިއީ ޑްރޯން ގަތުމުގެ އެއްބަސްވުމަށް ފަހިކުރުމުގެ ގޮތުން އުސޫލަށް ގެނައި އިސްލާހެއް ކަމަށެވެ.

މި މައުލޫމާތުތައް ކަށަވަރުކުރަން ސަރުކާރާއި ފިނޭންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގައި ސުވާލު ކުރި ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެމްއެންޑީއެފަށް ފުރަތަމަ ފަހަރަށް މިފަދަ އަސްކަރީ ޑްރޯންތަކެއް ހޯދާއިރު، މި މުއާމަލާތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައި ނެތެވެ.

މި މުއާމަލާތައިގެން ކުރިއަށް ދާން މި ނިންމީ އިންޑިއާގެ ސިފައިން ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގަ އެވެ. ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމާއި މަރާމާތުކުރަން ތިބޭ އިންޑިއާ ސިފައިން މި އަހަރުގެ މާޗު 15 ގެ ކުރިން ރާއްޖޭން ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

ޑްރޯންތައް ހޯދުމަށް ފަހު އަސްކަރިއްޔާގެ ވިސްނުމަކީ 24 ގަޑިއިރު، އެ ޑްރޯންތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމެވެ. ނަމަވެސް ހޯދަނީ ޖުމުލަ ކިތައް ޑްރޯން ކަމެއް ނޭނގެ އެވެ. ނަމަވެސް އެންމެ މަދުވެގެން ވެސް ތިން ޑްރޯން ހޯދާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި އެވެ.

ޑްރޯން އުފެއްދުމުގައި ތުރުކީ ފުންނާބު އުސް

ނޭޓޯގެ މެމްބަރު ގައުމެއް ކަމުގައިވާ ތުރުކީއަކީ ޑްރޯން އުފެއްދުމުގެ ސިނާއަތުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ. މި ސިނާއަތުގައި އެ ގައުމުގެ އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ގޮތުގައި ފާހަގަކުރެވެނީ ބައިކާރު އާއި ޓާކިޝް އެއިރޯސްޕޭސް އިންޑަސްޓްރީސް (ޓީއޭއައި) އެވެ. މި ދެ ކުންފުންޏަކީ ވެސް ތުރުކީ ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކެކެވެ.

އެގޮތުން ޓީއޭއައިއަކީ ތުރުކީ އަސްކަރިއްޔާގެ ފައުންޑޭޝަނަކާއި އެ ގައުުމުގެ އަސްކަރިއްޔާއަށް ބޭނުންވާ މުދާ ހޯދުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ އިދާރާއަކުން ހިއްސާވާ ކުންފުންޏެކެވެ. އަދި ބައިކާރުއަކީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ދަނބިދަރިފަޅު ހިއްސާވާ ކުންފުންޏެކެވެ. ތުރުކީ އަސްކަރިއްޔާގައި ބޭނުންކުރާ ގިނަ ޑްރޯންތައް ސަޕްލައި ކުރަނީ މި ދެ ކުންފުނިންނެވެ.

މި ކުންފުނިތަކުން އުފައްދާ ޑްރޯންތަކުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަށް ގެންނަން އުޅޭ ކަމަށް ބެލެވެނީ ގިނަ އިރުތަކެއް ވަންދެން އާދައިގެ އުސްމިނެއްގައި ދުއްވޭ ޑްރޯންތަކެކެވެ. މި ބާވަތުގެ ޑްރޯންތަކަށް ކިޔައި އުޅެނީ "މީޑިއަމް-އެލްޓިޓިއުޑް ލޯންގް-އެންޑިއުރަންސް" ޑްރޯން އެވެ. އެމްއެންޑީއެފްއަށް މި ޑްރޯންތަކުގެ ބޭނުން އެންމެ ބޮޑަށް ހިފޭނީ ރާއްޖޭ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި މީހުން ހޯދަން ހިންގާ އޮޕަރޭޝަންތަކުގަ އެވެ.

ބައިކާރު ބައިރަކްތާރު

ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކުގެ ތެރެއިން އަސްކަރިއްޔާތަކުގެ މެދުގައި އެންމެ މަގުބޫލު ޑްރޯނަކީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބައިވެރިވެ، ގާބިލިއްޔަތު ކަށަވަރުވެފައިވާ ޑްރޯންތަކެކެވެ. މި ބާވަތުގެ ޑްރޯންތަކަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އަސްކަރިއްޔާއިން މި ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާ އަސްކަރިއްޔާގެ ގާފިލާތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާތީ އެވެ.

ލިތުއޭނިއާގެ އެއާ ފޯސްގައި ބޭނުންކުރާ ބައިރަކުތާރު ޓީބީ2 ޑްރޯނެއް: މީގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު -- ފޮޓޯ:އޭއެފްޕީ
ލިތުއޭނިއާގެ އެއާ ފޯސްގައި ބޭނުންކުރާ ބައިރަކުތާރު ޓީބީ2 ޑްރޯނެއް: މީގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު -- ފޮޓޯ:އޭއެފްޕީ

ލިތުއޭނިއާގެ އެއާ ފޯސްގައި ބޭނުންކުރާ ބައިރަކުތާރު ޓީބީ2 ޑްރޯނެއް: މީގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު -- ފޮޓޯ:އޭއެފްޕީ

އަސްކަރިއްޔާ އާއި ޑިފެންސު މައުލޫމާތުތައް ހިއްސާކުރާ ވެބްސައިޓުތަކާއި ނޫސްތަކުން އެނގޭ ގޮތުގައި ތުރުކީން އުފައްދާ ޑްރޯންތަކުގެ އެންމެ މަތީގައި ގިންތިކުރަނީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. ތުރުކީގެ މި ޑްރޯނަށް ޑިމާންޑު ބޮޑެވެ. ސަބަބަކީ މި ޑްރޯނުގެ ކޮލިޓީއަށް އިތުބާރު ލިބިފައި އަގު ހެޔޮ ވުމެވެ. މީގެ ޑްރޯނެއްގެ އަގު އުޅޭނީ ފަސް މިލިއަން ޑޮލަރަށެވެ. ކޮންޓްރޯލް ސްޓޭޝަނެއްގެ އަގަކީ ވެސް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ.

މި ޑްރޯންތައް 31 ގައުމެއްގެ އަސްކަރިއްޔާއިން އަންނަނީ ބޭނުންކުރަމުންނެވެ.

ޓީއޭއައި އަކްސުންގޫރު

ތުރުކީ އަސްކަރިއްޔާއިން ސަވައިލެންސްއަަށާއި ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކުގައި އެންމެ އާންމުކޮށް މިހާރު ބޭނުންކުރަނީ ޓީއޭއައި އަކްސުންގޫރު ޑްރޯންތަކެވެ. މި ޑްރޯންތައް ފަރުމާކޮށްފައި ވަނީ ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރު ބަރުކުރެވޭ ގޮތަށެވެ. މިއީ 12 ގަޑިއިރަށް މެދުނުކެނޑި ދުއްވޭ އުޅަނދެކެވެ. މިއީ "މީޑިއަމް-އެލްޓިޓިއުޑް ލޯންގް-އެންޑިއުރަންސް" ގިންތީގެ ޑްރޯނެކެވެ.

ތުރުކީ އެއާ ފޯސްއިން ބޭނުންކުރާ ޓީއޭއައިގެ އަކްސުންގޫރު ޑްރޯނެއް: މި ޑްރޯން ގިނައިން ބޭނުންކުރަނީ ސަވައިލެންސަށް -- ފޮޓޯ: އޮވާޓު ޑިފެންސު
ތުރުކީ އެއާ ފޯސްއިން ބޭނުންކުރާ ޓީއޭއައިގެ އަކްސުންގޫރު ޑްރޯނެއް: މި ޑްރޯން ގިނައިން ބޭނުންކުރަނީ ސަވައިލެންސަށް -- ފޮޓޯ: އޮވާޓު ޑިފެންސު

ތުރުކީ އެއާ ފޯސްއިން ބޭނުންކުރާ ޓީއޭއައިގެ އަކްސުންގޫރު ޑްރޯނެއް: މި ޑްރޯން ގިނައިން ބޭނުންކުރަނީ ސަވައިލެންސަށް -- ފޮޓޯ: އޮވާޓު ޑިފެންސު

މި ޑްރޯންތަކުގެ ބޭނުންކުރަމުން އަންނަ ޔުނިޓުތައް ހަރަކާތްތެރިވަނީ ތުރުކީ އަސްކަރިއްޔާގެ ނޭވަލް އޮޕަރޭޝަންތަކުގައި އަދި ކިރިގިސްތާނު ބޯޑާ ގާޑުންގެ ބޯޑަރު ބެލެހެއްޓުމުގެ އޮޕަރޭޝަންތަކުގަ އެވެ. ކައިރި މުސްތަގުބަލެއްގައި އަލްޖީރިއާ އާއި އެންގޯލާއަށް ވެސް މި ޑްރޯންތައް ލިބޭނެ އެވެ. އިންޑޮނޭޝިއާއިން ވެސް ވަނީ މީގެ ޑްރޯންތައް ހިމެނޭހެން އަސްކަރީ ސާމާނު ގަންނަން ޓީއޭއައިއާ އެކީ 300 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް މިއިން ޑްރޯނެއް ވިއްކާ ސީދާ އަގެއް ސާފެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox