ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން ޝަރީފް ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ލީގަލް ޑިރެކްޓަރުކަމުގެ މަގާމުގައި ހުރި ޖައުޝަން އެ އިދާރާގެ ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަށް މި ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ހުސައިން ޖަވާޒު މަގާމުން އިއްޔެ އިސްތިއުފާ ދިނުމުންނެވެ.
ޖަވާޒުގެ ބަދަލުގައި، ކުރީގެ ކުޅުންތެރިޔާ، އިބްރާހިމް ޝަރީފް (ގަރޭ)ގެ ދަރިފުޅު، ޖައުޝަން، ޖެނެރަލް ސެކެރެޓަރީ ކަމަށް އައްޔަނުކުރަން ނިންމީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ވަނީ މި މަގާމަށް ޖައުޝަން ހަމަޖެއްސުމަށް އެފްއޭއެމްގެ އެކްސްކޯގެ ރުހުން ލިބިފައިވާކަމަށް ބުނެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ އާ ޖެނެރަލް ސެކެރެޓަރީ ޖައުޝަން އަކީ ކުޅިވަރުގެ ގަނޫނީ ގޮތުން މާސްޓާސް ޑިގްރީ ހާސިލްކޮށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ލީގަލް މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
އޭނާ އަކީ އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)ގެ ލީގަލް ކޮމިޓީގެވެސް މެންބަރެކެވެ.
ޖައުޝަން، އެފްއޭއެމްއާ ހަވާލުވާން މި ޖެހުނީ އެ އިދާރާ އުނދަގޫ ހާލަތެއްގައި އޮއްވަ އެވެ. އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދިމާވެ، މުބާރާތްތައް ހިންގުމަށްވެސް އެފްއޭއެމްއަށް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ. މިގޮތުން މުވައްޒަފުންގެ މުސާރަ ނުދެވުމާއި، ކުލަބުތަކަށް ދޭންޖެހޭ ފައިސާ ނުދެވުމާއި، ގިނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ގިނަ ދަަރަނިތަކެއް ދައްކަން ވަނީ ޖެހިފަ އެވެ.
އެފްއޭއެމްއާ ދެކޮޅަށް ކޮރަޕްޝަނާއި ފައިސާގެ ހިޔާނާތުގެ ތުހުމަތުތަކެއްވެސް ކުރެވި އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. މި މައްސަލައިގައި ފުލުހުންވަނީ އެފްއޭއެމްގެ ތެރެއަށްވަދެ މައްސަލައާ ގުޅުންހުރި ހެކި ހޯދާފަ އެވެ.











