ދިވެހި ޕްރިމިއާ ލީގު 2023: ގްރީން އަތުން ސަސް އަށް ފަސޭހަ މޮޅެއް

May 9, 2023, 6:28 PM
ދިވެހި ޕްރިމިއާ ލީގު 2023: ގްރީން އަތުން ސަސް އަށް ފަސޭހަ މޮޅެއް

ކުލަބު ގްރީން ސްޓްރީޓްސް 5-1 އިން ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މި ސީޒަނުގެ ލީގުގެ ކުޅުން ގްރީނުން ފެށީ ޕްރީ ސީޒަންގައި މާ ބޮޑު ތައްޔާރީތަކެއް ނެތި އެވެ. އެޓީމުން ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައިވެސް ވާދަކޮށްފައި ނުވެ އެވެ. ސަސް އަށް ބަލާއިރު އެޓީމުން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. މި ދެ ބޯޅަ ކީޕަރު އަހުމަދު ރަމީޒު ވަނީ ދިފާއުކޮށްފަ އެވެ.

Advertisement

މެޗުގެ ފުރަތަމަ ގޯލު ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ ގްރީންގެ ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. މުހައްމަދު ޖައިލަމް (އޮގީ) ތިރި ތިރިން ނަގައިދިން ހުރަސް ހުސްކޮށް ހުރެ އަންކޮ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަންކޮ އަށް އެބޯޅަ ލިބުނުއިރު އޭނާ ހުރީ ގޯލު ރޮނގާ ދެ ފޫޓެއްހާ ކައިރީގަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ސަސް އަށް ޖަހައިދިނީ މުހައްމަދު ނިޒާމް (ޕީކޭ) އެވެ. މިއީ އޭރިއާ ބޭރުން މުހައްމަދު ޝަހާއު (ބޭލް) ނަގައިދިން ހުރަހަކުން ހުސްކޮށް އަރާ ޕީކޭ ބޮލުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސަސް އިން ރަނގަޅު ހަމާލާތަކެއް އުފެއްދި އެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖަހައި އެޓީމުން ލީޑު ފުޅާކުރުމެވެ. އެގޮތުން, މެޗުގެ 31 ވަނަ މިނެޓުގައި ސަސްގެ ހުޝާމް ދިން ބޯޅައެއް ކޯންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ކަނަށް އެބޯޅަ ވައްދާލައިގެން އަހުމަދު އައިހަމް ވަނީ ސަސްގެ ދެވަނަ ގޯލު ޖަހާފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ސަސްގެ ތިންވަނަ ގޯލު ޖަހައިދިނީ ޕިލާ އެވެ. އޭރިއާ ބޭރުން އަހުމަދު ހަމީދު ދިން ޕާސް ކޮންޓްރޯލް ކޮށްލުމަށްފަހު ކީޕަރު ރަމީޒަށް ފުރުސަތު ނުދީ ޕިލާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ގްރީނުން ރަނގަޅު ހަމާލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުގައި ހުރެފައި އަންކޮ ފޮވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ އަބްދުﷲ ޒިމާމް އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސަސް އިން އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. ގްރީންގެ ހާފު ތެރެއިން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ދުރު ކަނުގައި ހުސްކޮށް ހުރެ ބޮލުން ގޯލަށް ވައްދާލީ ޕީކޭ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ސަސް އިން ފަސް ވަނަ ގޯލު ޖެހުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން ޑިފެންސަށް ކުޅުނު އަހުމަދު އައިހަމް (އައިހު) ބޯޅައާއެކު އޭރިއާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ނައްޓާފައި ކީޕަރު ބީޓު ކުރަން މަސައްކަތްކޮށްފައި ގޯލަށް ޖަހަން އުޅުނު ބޯޅަ ގެއްލުނީ އޭނާ ލަސް ކުރުމުންނެވެ.

މެޗުގެ ފަހު ވިއްސަކަށް މިނެޓަށް ބަލާއިރު ގްރީނުން ކުރިއަށް ޖެހިލައިންގެ ކުޅެ ހަމާލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. އެގޮތުން އޭރިއާ ބޭރުން އަންކޮ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތެއްގައި އޮގީ ފޮނުވާލި ހަމަލާއެއް ކީޕަރު ޒިމާމު ދިފާއުކުރި އެވެ.

ސަސްގެ ފަސް ވަނަ ގޯލު އެޓީމުން ޖެހީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. ގްރީންގެ ހާފު މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމުން އައިހު ފޮނުވާލި ބޯޅަ ކީޕަރު ރަމީޒު އަތުގައި ޖެހިފައި ނިކުތް ވަގުތު ބޮލުން އެބޯޅަ ގޯލަށް ވައްދާލީ އަހުނަފު ރަޝީދު (އަހުއްކޮ) އެވެ.

ގްރީނުން މެޗުގައި ޖެހި ހަމައެކަނި ގޯލަކީ މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަބްދުﷲ އަނޫޝް ޖެހި ގޯލެކެވެ. ސަސްގެ ޑިފެންޑަރުންގެ ފަހަތަށް ތިން ބޯޅައަކަށް އަރައި އަނޫޝް އެ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ޒިމާމް ކައިރިން ނައްޓާފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ސަސް ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. ގްރީންގެ ދެވަނަ މެޗުގައި ނިކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox