Advertisement

ފީފާގެ ނިންމުމާ އެކު ޕަރަޓީޗީ އަށް ޓޮޓެންހަމްގެ ވަޒީފާގައި ނުހުރެވޭނެ

30 މާރިޗު 2023 - 06:02 0


ފީފާގެ ނިންމުމާ އެކު ޕަރަޓީޗީ އަށް ޓޮޓެންހަމްގެ ވަޒީފާގައި ނުހުރެވޭނެ

30 މާރިޗު 2023 - 06:02 0

ލަންޑަން (މާޗް 30) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން، ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ފަބިއޯ ޕަރަޓީޗީ ހިމެނޭ ގޮތަށް އެ ކްލަބަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފީފާ އިން ވެސް ނިންމުމާ އެކު، ޕަރަޓީޗީ މިހާރު އަދާކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ނުހުރެވޭނެ ކަމަށް ކަނޑަޅައިފި އެވެ.

ޔުވެންޓަސްގެ ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ މައްސަލަތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޖެނުއަރީ މަހު ޔުވެންޓަސްގެ ކުރީގެ އެޑްމިނިސްޓްރޭޓަރުންނާއި އެ ކްލަބަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

އެ ގޮތުން، ފިޔަވަޅު އެޅި އެޑްމިނިސްޓްރޭޓަރުންގެ ތެރޭގައި ހިމެނޭ ޕަރަޓީީޗީ އަށް ދިނީ 30 މަސް ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ދިން ސަސްޕެންޝަނެކެވެ.

އެ ސަސްޕެންޝަން ޔުވެންޓަސް އާއި އެ ކްލަބްގެ ކުރީގެ އެހެން އޮފިޝަލުންނެކޭ އެއްގޮތަށް ޕަރަޓީޗީ ވެސް އޮތީ އެޕީލްކޮށްފަ އެވެ.

އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޖެނުއަރީ މަހު ދިން އެ ސަސްޕެންޝަން އޮތީ ހަމައެކަނި އިޓަލީ ފުޓްބޯޅައިގައި ކަމަށްވާތީ، ޓޮޓެންހަމްގައި، ޕަރަޓީޗީ، ވަޒީފާ އަދާކުރަން އޭރަކު ހުރަހެއް ނެތެވެ. އެކަމަކު، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ އެދުމުގެ މަތިން ފީފާ އިން ނިންމީ އެ ސަސްޕެންޝަންތައް ފީފާގެ މެންޑޭޓް ހިނގާ ހުރިހާ ގައުމެއްގައި އަމަލުކުރުމަށެވެ.

ފީފާގެ މި ނިންމުމާ އެކު، ޕަރަޓީޗީ އަށް ޓޮޓެންހަމްގައި މަގާމުގެ ޒިންމާ އަދާކުރަން ނުހުރެވޭނެ އެވެ.

ޕަރަޓީޗީ އަންނަނީ 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓޮޓެންހަމްގައި މަސައްކަތް ކުރަމުންނެވެ. އެކަމަކު، އެ ކްލަބުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށް، އާ ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޕަރަޓީޗީ އަށް ރަސްމީ ހައިސިއްޔަތުން އެއްވެސް ކަމެއްގައި ބައިވެރިއެއްނުވެވޭނެ އެވެ.