Advertisement

197 ގައުމުގެ ވޯޓާ އެކު ލަންކާގެ ސަސްޕެންޝަން ފީފާއިން ދަމަހައްޓައިފި

17 މާރިޗު 2023 - 11:10 1

2021 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސްރީ ލަންކާގެ ސަޕޯޓަރުން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


197 ގައުމުގެ ވޯޓާ އެކު ލަންކާގެ ސަސްޕެންޝަން ފީފާއިން ދަމަހައްޓައިފި

17 މާރިޗު 2023 - 11:10 1

ކިގާލީ، ރުވާންޑާ (މާޗް 17) - ރުވާންޑާގައި އިއްޔެ ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްގައި ނެގި ވޯޓުން، 197 ގައުމުގެ ތާއީދާ އެކު ފީފާ އިން ސްރީ ލަންކާ އަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފި އެވެ.

މި އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރީ އެ ގައުމުގެ ފުޓްބޯޅަ އަށް ލަންކާ ސަރުކާރުގެ ނުފޫޒު ފޯރާފައިވާތީ އެވެ.

އިއްޔެ، ރުވާންޑާގައި ބޭއްވި ފީފާގެ ކޮންގްރެސްގައި ނެގި ވޯޓުން 197 ގައުމުން ނިންމީ ލަންކާގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 198 ގައުމުން ވޯޓުގައި ބައިވެރިވިއިރު، އެއް ގައުމުން ވަނީ ސަސްޕެންޝަން ދަމަހައްޓަން ބޭނުންނުވާ ކަމަށް ވޯޓު ދީފަ އެެވެ.

ފީފާ ކޮންގްރެސްގެ ވޯޓުން ވެސް ލަންކާގެ ސަސްޕެންޝަން ބާއްވަން ނިންމިއިރު، އެކަމުން ސަލާމަތްވާން ފީފާ އިން އަންގާފައިވާ ގޮތަށް ކަންތައްތައް ފުރިހަމަ ކުރުމާ އެކު، ސަސްޕެންޝަން އުވާލުމުގެ ބާރު ފީފާ އަށް އެބައޮތެވެ.

ލަންކާ، ސަސްޕެންޝަނުގައި އޮންނަތާ ދެ މަހެއްހާ ދުވަސްވާން ގާތްވެފައިވާއިރު، އަދި އެކަމުން އަރައިގަންނަން އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.

ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރަން ޖެހުނީ ކީއްވެ؟

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްރީ ލަންކާގެ ޔޫތު މިނިސްޓްރީން ވަނީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބާއި އެ ގައުމުގެ ފުޓްބޯޅައިގެ ޕްލޭން ކުރިއަށް ދާން ޖެހޭނެ ގޮތުގެ މެންޑޭޓެއް އެކުލަވާލަން ޖެހޭނީ ސަރުކާރުގެ ބައިވެރިވުން އޮންނަގޮތަށް ކަމަށް ބުނެފަ އެވެ. އަދި އާ އިންތިހާބު ބާއްވާނީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ އަސާސީ ގަވާއިގައިވާ ގޮތަށް ކަމަށާއި، ފަހުން، އޭއެފްސީ އާއި ފީފާގެ ލަފާގެ މަތިން އިސްލާހުކުރި އަސާސީ ގަވާއިދަށް އަމަލުނުކުރަން ސްރީ ލަންކާގެ ސްޕޯޓްސް މިިނިސްޓްރީން ލަފާދިނެވެ.

މި މައްސަލައިގައި ފީފާ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު، 22 ވަނަ ދުވަހު ސްރީ ލަންކާ އިންޒާރު ދީފަ އެވެ. އެ ގޮތުން، ފީފާ އިން ވަނީ ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގުމުގެ ކަންކަމާއި އިންތިހާބާ ގުޅޭ ގޮތުން ހުރި އަސާސީ ގަވާއިދާ ފުށުއަރާ ކަންތައްތަކަށް ހައްލެއް ނުގެނެސް، އާ އިންތިހާބެއް ބާއްވައި، ކަންތައްތައް ކުރަން އުޅެފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރާ އެކު "ރެޑް ނޯޓިސް" ދީފަ އެވެ.

ފީފާގެ އެންގުމަށް ބެލުމެއް ނެތި، ސްރީ ލަންކާގެ ސަރުކާރުގެ ބައިވެރިވުމާ އެކު، ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓޯރިއަމްގައި ޖެނުއަރީ މަހު 14 ވަނަ ދުވަހު އިންތިހާބު ބޭއްވި އެވެ. ކުރިއަށްދިޔަ މި އިންތިހާބު، ކޮލަމްބޯގެ ޔުނިވާސިޓީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނޫސްވެރިއެއްގެ ގޮތުގަޔާއި މަޖިލިސް މެމްބަރެއްގެ ގޮތުގައި ފެނުނު ޖޭ ސްރީ ރަންގާ ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިންތިހާބުގައި ރަންގާއާ ވާދަކުރި، ޖަގަތު ރޮހާނާ އަށް ލިބުނީ 24 ވޯޓެވެ.

މި އިންތިހާބުގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ޖޭސްވާރު އުމަރަށް ވާދަނުކުރެވޭ ގޮތް ހެދީ ސްރީ ލަންކާ ސަރުކާރުގެ ނުފޫޒުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި، ރަންގާ އަކީ ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު، ރޯޝަން ރަނަސިންގްގެ ގާތް ފަރާތެކެވެ.

އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބި ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް، ޖޭސްވާރު ވަނީ ޖެނުއަރީ 18 ވަނަ ދުވަހު ލަންކާގެ ކޯޓް އޮފް އެޕީލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ޖޭސްވާރު ވަނީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގުން، ރަންގާގެ ލީޑަޝިޕާ ހަވާލުކުރަން ޖެހޭނީ އެޕީލް މައްސަލަ އަށް ގޮތެއް ކަނޑައެޅުމަށް ފަހު ކަމަށް ބުނެފަ އެވެ.

އެކަމަކު، ޖޭސްވާރު ހުށަހެޅި މައްސަލަ އަށް ބެލުމެއް ނެތި، އިންތިހާބުވި ހިންގާ ބޯޑު ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޖޭސްވާރު ހުށަހެޅި މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.

ކޯޅުން ގަނޑެއްގެ ތެރޭގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން މައްސަލަ ދަނިކޮށް، ފީފާއިން ދީފައި އޮތް، ރެޑް ނޯޓިސްގެ އެއް މަހުގެ މުއްދަތު ހަމަވެ، ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރީ އެވެ.

ސަސްޕެންޝަނުން ސަލާމަތްވާން ސްރީ ލަންކާ އަށް އޮތީ ކޮން މަގެއް؟

ފީފާގެ ސެކްރެޓަރީ ޖެނެރަލް، ފާތިމާ ސަމޫރާ ސޮއިކުރައްވައި، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ސަސްޕެންޝަނުން ސަލާމަތްވާން ތިން ކަމެއް ފުރިހަމަވާން ޖެހޭނެ އެވެ.

ފުރަތަމަ ކަމަކަށް އޮތީ ސްރީ ލަންކާގެ ކުޅިވަރު ގާނޫނާ ވެސް ފުށުއެރުމެއް ނެތް ގޮތަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިސްލާހުކުރެވި، ފާސްކުރެވުނު، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން އެއްބަސްވާ ކަމަށް ސްރީ ލަންކާގެ ސަރުކާރު (ޔޫތު މިނިސްޓްރީ) ލިއުމެއް ފޮނުވުމެވެ.

ދެ ވަނަ ކަމަކަށް، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ކަންކަން ހިންގުމާ އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޝަން ފަރާތްތަކާ ރަސްމީކޮށް ހަވާލުކޮށް، ފަހުގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބެއް ބޭއްވޭނެ ގޮތެއް ފީފާއާ އެކު މަޝްވަރާ ކޮށްގެން ނިންމުމެވެ. އަދި ޖެނުއަރީ 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފެޑެރޭޝަނުގެ އިންތިހާބު އޭއެފްސީ އާއި ފީފާ އިން ބަލައެއްނުގަންނާތީ އާ އިންތިހާބަކާ ހަމައަށް ފަހުގެ އަސާސީ ގަވާއިދުގެ ތެރެއިން ދިއުމެވެ. އަދި ތިން ވަނަ ކަމަކަށް، ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވާއިރު، އާ ހިންގާ ކޮމިޓީ އެއް އިންތިހާބުވާން ޖެހޭނީ ހަތަރު އަހަރުގެ ދައުރަކަށް ކަމަށް ކަނޑައެޅުމަށެވެ.

ސްރީ ލަންކާގެ ފުޓްބޯޅަ ކުޅުންތެރިންނާއި އެ ގައުމުގެ ކުޅިވަރު މީޑިއާތަކުން އަންނަނީ ސަސްޕެންޝަނުން ސަލާމަތްވާން ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރަން އެ ގައުމުގެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.