ދާދި ފަހުން ނިމުނު ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ އަންހެން ފައިނަލު މެޗުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުުން ދެއްކީ އާދަޔާ ހިލާފު ހިތްވަރަކެވެ. މީގެ ކުރިން އަންހެން ވޮލީ އަށް ލިބިފައި ނުވާވަރުގެ ބޮޑު ޖޯޝެެއް ސަޕޯޓަރުން ދެއްކި އެވެ. ފުރަތަމަ ސެޓުގައި ސިންގަޕޫރުން ފޮނުވާލި ބާރު ހަމަލާތައް ޑިފެންސް ނުކުރެވި އެ ސެޓު ގެއްލުމުން ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ޓީމުގެ ޑިފެންސަށް ގެނައި އެއް ބަދަލަކީ ދެ ވަނަ ލިބަރޯ ފައިހާ މުހައްމަދު އަށް ދެ ވަނަ ސެޓުގައި ފުރުސަތު ދިނުމެވެ.
ސެމީ ފައިނަލް މެޗުގައި ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް ފައިނަލުގައި ފައިހާ ވަނީ އޭނާ އަށް ލިބުނު ފުރުސަތުގައި ތަފާތު ދައްކައިފަ އެވެ. ދެ ވަނަ ސެޓު ރާއްޖެ އަށް ގެއްލުނީ ކުޑަ ފަރަގަކުންނެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައިވެސް ފައިހާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅުނު ތަނެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފައިނަލަކީ ފައިހާ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފަސްވަނަ މުބާރާތެވެ. ފ.މަގޫދޫގައި ކުޅުނު މުބާރާތެއްގެ ތެރެއިން ފެނިގެން ވޮލީބޯޅަ ކޯޗު ސޮފްވާން އަހުމަދު ދިން ފުރުސަތެއްގައި 2018 ގައި ފުރަތަމަ ފައިހާ އިންޑޯ ހޯލަށް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމީ ޓީމާ ހަމައަށް ދެވޭނެ ކަމުގެ އިތުބާރު އޮވެގެން ނޫނެވެ. ވަކިން ހާއްސަކޮށް ލިބަރޯއެއްގެ ގޮތުގައި މި ކުޅިވަރުގައި ކުރިއަށްދިޔުމުގެ ވިސްނުމެއް އޭރު އޭނާގެ އެއްވެސް ވަރަކަށް ނެތެވެ.
"ފުރަތަމަ ސޮފްވާން ކޯޗު މާލޭގަ އޮތް މުބާރާތަކަށް ގެނައީ. އެއީ 2018 ގައި. ޖުނިއާ ޗެމްޕިއަންޝިޕާއި، ޔޫތު ޗެމްޕިއަންޝިޕަށް ފައި އައީ މާލެ. ދެ މުބާރާތުގައި ވެސް ޗެމްޕިއަންކަން ލިބުނު. އޭރު ކުޅުނީ އެޓޭކަރަކަށް. އޭގެ ފަހުން ޕޮލިސް ކުލަބަށްނަދީމް ކޯޗު ޗާންސް ދިން، އެކަމަކު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސިފައިން ޓީމަށް ކުޅުނީ. އެ ޓިމަށްވެސް ކުޅުނީ އެޓޭކަރަކަށް، ލިބަރޯ އަކަށް ފުރަތަމަ ކުޅުނީ މިދިޔަ ޖެނުއަރީ މަހު އޮތް މުބާރާތުގައި ސޮފްވާން ކޯޗުގެ ޓީމަށް" ސީނިއާ ލެވެލްގައި ކުޅުނު މުބާރާތްތައް ފާހަގަކުރަމުން ފައިހާ، "އަދަދު" އަށް ކިޔައިދިނެވެ.

ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ކުޅެލަން ލިބުނު ފުރަތަމަ މުބާރާތާ އެކު ފައިހާ ހުރީ ކެރިއަރާ މެދު ބޮޑު އުންމީދެއްގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސްކޫލް ދައުރުން ފެށިގެން ފައިހާގެ ވިސްނުން ހުރީ އެޓޭކަރަކަށް ކުޅޭށެވެ. އިސްކޮޅުން 5 ފޫޓު 1 އިންޗި ހުއްޓަސް އޭނާ ބޭނުންވީ އެޓޭކަރަކަށް ކުޅޭށެވެ. ރަށު ފެންވަރުގައި ކުރިއަށްދިޔަ ހުރިހާ މުބާރާތެއްގައި މިދިޔަ އަހަރާ ހަމައަށް އޭނާ ކުޅުނީ އެ މަގާމަށެވެ. މިއީ، ދ.ކުޑަހުވަދޫގައި އޮތް ސްކޫލް މުބާރާތަކުން ވޮލީގެ ތެރެއަށް ފުރަތަމަ ނުކުތް ފައިހާގެ ވާހަކައިގެ މުހިންމު ބައިތަކެވެ.
އެ ގޮތުން، 2022 ގެ އެސޯސިއޭޝަން ކަޕްގައި ސިފައިންގެ ކުލަބަށް އެޓޭކަރަކަށް ކުޅުމަށް ފަހު މިދިޔަ އަހަރު ގައުމީ ބޮޑު ސްކޮޑެއް އެކުލަވާލައި ތަމްރީންތައް ހަދަން ފެށިއިރު ފައިހާ އައީ ލިބަރޯ ޓްރެއިނިން ހަދަމުންނެވެ. ލިބަރޯ އަކަށް އަލަށް ކުޅެން ފެށި ނަމަވެސް އޭނާގެ ހުނަރުވެރިކަމާ ސްޕީޑަށް ބަލާއިރު އޭރުވެސް ފެނުނީ މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"އަސްލު ބޭނުންވީ އެޓޭކަރަކަށް ހަމަ ކުޅެން. އެކަމަކު، ސޮފްވާން ކޯޗު ބުނީ ލިބަރޯ އަކަށް ފައި މާ ފިޓުވާނެ އޭ. ދެން ކޯޗު ބުނީމަ ލިބަރޯ ޓްރެއިނިން ހެދީ. ބައެއް މީހުން ބުނި އެޓޭކަރަށް ކުޅޭށޭ އޭރުވެސް. އެކަމަކު، ލިބަރޯ އަކަށް އެއްކޮށް ބަދަލުވާން ނިންމައިން އޭރު ހުރީ" އެޓޭކަރެއްގެ ވިސްނުން ދޫކޮށްލައި ލިބަރޯ އަކަށް ކުޅެން ފެށި ސަބަބު އޭނާ ފާހަގަކުރި އެވެ.
ގައުމީ ޓީމާ ހަމައަށް ދެވުމުގެ ކުރިން ކެރިއަރުގައި އެންމެ ދެރަވި ދުވަހުގެ ގޮތުގައި އޭނާ ފާހަގަކުރީ މިދިޔަ ނޮވެމްބަރު މަހު ސައުދީ އަރަބިއްޔާ އަށް ގައުމީ ވޮލީ ޓީމު ކުރި ތަމްރީން ދަތުރަށް ނެގި ޓީމަށް ނުހޮވުމެވެ. ރަނގަޅަށް ކުޅެމުން ދަނިކޮށް އޭނާ އަށް އެ ފުރުސަތު ގެއްލުމުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. ރަށު އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން ޗުއްޓީތަކުގައި އައިސް މުބާރާތް ކުޅެމުން، ގައުމީ ސްކޮޑުގެ ތަމްރީންތަކުގައި ބައިވެރިވަމުން އައި ކުޅުންތެރިޔާ ހުރީ އިންޑޯ ވޯލީ ދޫކޮށްލަންވެސް ވިސްނައިގެންނެވެ.
ނަމަވެސް ކުލަބު ވޮލީބޯލްގެ ކޯޗު ސޮފްވާންގެ އެދުމުގެ މަތިން އަނެއްކާވެސް އޭނާ ކުޅުން ހުއްޓާނުލައި ކުރިއަށްދިޔަ އެވެ. މި އަަހަރުގެ ކުރީކޮޅު އޮތް ވޮލީބޯޅަ ގައުމީ މުބާރާތުގައި ކުޅެ ތަފާތު ދެއްކި އެވެ.
"އަލަށް މުބާރާތެއްގައި ލިބަރޯ އަށް ކުޅުނީ މިދިޔަ ގައުމީގައި. ވަރަށް ރަނގަޅަށް ކުޅެވުނު. އެހާ އުނދަގުލެއް ނުވި އަސްލު. ދެން ލިބަރޯ ޓްރެއިނިން އަކީ މުޅިން ތަފާތު ކަމެއް. އެހެންވީމަ ބައެއް ކަންކަން ދަސްކުރަން ޖެހުނު މުޅިން އަލަށް. ޕޮސިޝަނިން އާ ހުރިހާ އެއްޗެއްވެސް ވަރަށް ތަފާތުވާނެތާ" ފުރަތަމަ މުބާރާތުގެ ތަޖުރިބާ ހިއްސާކުރަމުން ފައިހާ، 23 ބުންޏެވެ.

ފައިނަލް މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅެން ލިބުމާ އެކު ރަނގަޅު ފޯމެއްގައި ކުޅެލައި ފައިހާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ މުބާރާތުގެ ދެއްކި ކުޅުމާ އެކު ވެސް ގައުމީ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް އޭނާ އުއްމީދު ނުކުރެ އެވެ. ނަމަވެސް ގައުމީ ޓީމަށް ނަގަން އޮތް ލިބަރޯ އިންނަށް އެކި ސަބަބުތަކާ ހުރެ ޓީމުގައި ބައިވެރިވެވޭ ގޮތް ނުވެވުމުން ގައުމީ ޓީމް ތައިލެންޑު ކޭމްޕްގައި ބައިވެރިވާން އޭނާ އަށް ފުރުސަތު ލިބުނެވެ.
"ރުދޭ އަށް އަމިއްލަ ސަބަބަކާ ހުރެ ނުކުޅެވުނު، ދެން ނުއްޕު ވެސް އާއިލާ ކަމެއްގައި ބައިވެރިނުވެވުނީ. ދެން ކޯޗުން ނިންމީ ސިލްމާއާ އެކު ފައިހާ ޓީމަށް ނަގަން" ތައިލެންޑު ކޭމްޕުން ފައިހާއަށް ފުރުސަތު ލިބުނު ގޮތާ ގުޅޭގޮތުން ކޭމްޕްގައި ބައިވެރިވި އަންހެން ޓީމްގެ ކޯޗިން ސްޓާފުންގެ ތެރެގައި ހިމެނޭ ސޮފްވާން ބުންޏެވެ.
ފައިހާ ވަނީ "ނަސީބުން" ލިބުނު ފުރުސަތުގެ ބޭނުން ހިފައި ރަނގަޅު ކުޅުމެއް ކޭމްޕްގައި ދައްކައިފަ އެވެ. އަދި މުބާރާތުގައި ވެސް އޭނާގެ ކުޅުން ފެނުނީ ވަރަށް ރަނގަޅަށެވެ. ފުރަތަމަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ފައިނަލުގައި ވެސް ދިވެހި ޓީމްގެ ޑިފެންސްގައި މުހިންމު ބޯޅަތަކެއް އޭނާ ސަލާމަތްކޮށްދިނެވެ.
ފައިހާ ގަަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ވަގުތަކީ ފުރިފައި އޮތް އިންޑޯ ހޯލުގައި ފައިނަލު މެޗުގައި ކުޅެން ފުރުސަތު ލިބުމެވެ.
"ފައިނަލުގައި ކުޅެން ލިބުން ވަރަށް ސްޕެޝަލް، އެހާ ސަޕޯޓަރުން ގިނަވެފައި އަނެއްކާ ރާއްޖެ އޭރު ބަލިވެފައި އޮތީ. ވަރަށް ޕްރެޝަރުގައި ހުރީ. އެކަމަކު ރަނގަޅު ބޯޅަތަކެއް ނެގެން ފެށީމަ އެއްކޮށް ކިކު އައިއްސި. ވަރަށް ކޮންފިޑެންސްގައި ހުރީ. ވަރަށް ބޮޑަށް އުފާވި އަސްލު އެގަޑިގަ ސިލް(ލިބަރޯ) ދިން ހިތްވަރު. ސިލް ކައިރީގައި ކޯޗު އަރަން ބުނީމަ ސިލް ބުނި ފައި ހުރީ ފޯމުގަ އޭ، ފައި އަރުވާށޭ. އެއީ ވަރަށް އުފާވި ކަމެއް އަސްލު. ވަރަށް ހެލްޕްފުލް ހަމަ ޓީމްގަ އެންމެން ވެސް." ފައިނަލު މެޗުގެ ތަޖުރިބާ ހިއްސާކުރަމުން ފައިހާ ބުންޏެވެ.
"ވަރަށް ދެރަވި ފައިނަލުގައި ބަލިވީމާ. އެހާ މޮޅަށް ޓީމު ކުޅެފައި. ދެން ފަހު ސެޓު 11-13ގައި އޮއްވާ ފައި އަތުން ސަވިސް ރިސީވު ބޭރަށް ދިޔައީ. ވަރަށް ދެރަވި އެގަޑީގަ. އަދިވެސް އެ ތަންކޮޅު މައިންޑަށް އާދޭ. އެ ބޯޅަ ރަނގަޅަށް ނެގުނު ނަމައޭ ހިތަށް އަރާ. އެކަމަކު އެއީވެސް ހަމަ ފިލާވަޅެކޭ ބުނާނީ."
ގައުމީ ޓީމްގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަންހެން ޓީމާ އެކު ރަން މެޑަލް ހޯދުމަކީ ފައިހާގެ ވެސް އަމާޒެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ގައުމީ ޓީމްގައި އޮތް އެއްބައިވަންތަކަމަކީ އެ ޓީމަށް ގިނަ ކާމިޔާބީތައް ހޯދަން ލިބޭ ބޮޑު ބާރެކެވެ.

ފައިނަލް މެޗުގައި ފައިހާ އަށް ކޮންފިޑެންސް ލިބުނު އެއް ސަބަބަކީ ޓީމުގެ އެއް ވަނަ ލިބަރޯ ސިލްމާެގެ އެހީތެރިކަން ވެސް ލިބުން ކަމަށް ފައިހާ ވަނީ ފާހަގަކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ލިބަރޯއެއްގެ ގޮތުގައި ކުރިއަށްދާން ބަލާއިރު ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭކަން ފައިހާ އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ. މިގޮތުން ޕޮސިޝަނިންއާއި ރޯލިން، އަދި ސްލައިޑިން ސްކިލްތައް އަދިވެސް އޭނާ އަށް އެންމެ ރަނގަޅަށް "މާސްޓާ" ނުކުރެވެ އެވެ. ފައިހާގެ އުއްމީދަކީ އެ ކަންކަން ރަނގަޅުކޮށް ކުރިއަށް އޮތް ތާނގައި މި އަށް ވުރެ ފުރިހަމަ ކުޅުންތެރިއެއްގެ ގޮތުގައި ނިކުތުމެވެ.
އެކި ކުލަބުތަކާ އެކު އެކި ކޯޗުންގެ އިރުޝާދުގެ ދަށުން ކުރެވުނު ތަޖުރިބާތަކަކަކީ އޭނާ ގަބޫލުކުރާ ގޮތުގައި މި ދާއިރާގައި ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެކަމަކު، އޭނާގެ ފުރަތަމަ ކޯޗު ޔޫސުފް މޫސާ (ހިލަބެ)ގެ ފަރާތުން އަލަށް ކޯޓަށް އެރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެމުން އަންނަ އިރުޝާދު ފައިހާ ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.
"ހިލަބެ ކޯޗު އަސްލު އެންމެ ބޮޑަށް ފާހަގަކޮށްލާނީ، އެއީ ފައިގެ އަސްލު ކޯޗު. ދެން އޭގެ ފަހުން ސޮފްވާން ކޯޗު އެއީ ފައިއަށް މި ލެވެލަށް އަންނަން ފުރުސަތު ހޯދައިދިން ކޯޗު. ލިބަރޯ އަކަށް ކުޅެން ބާރު އަޅައި ހުއްޓާނުލާ ކުރިއަށްދަން ވަރަށް ހިތްވަރުދިން ސޮފްވާން ކޯޗު. ދެން ނަދީމް ކޯޗު ފާހަގަކުރަން، ރަށަށް އައިސް ވަރަށް ގިނަ އެއްޗެހި ކިޔައިދިން ކޯޗެއް އެއީ. ސިފައިން ޓީމަށް ކުޅުނުއިރު މުންތޭ ކޯޗު ވަރަށް ހެލްޕްވި. ދެން ގައުމީ ޓީމުގެ ހުރިހާ ކޯޗުން، ނިޒާރު ކޯޗުވެސް ވަރަށް ގިނަ އެއްޗެހި ކިޔައިދިން ކުރިއަށްދާން. ވަރަށް ހިތްވަރު ލިބޭ ހުރިހާ ކޯޗުންގެ ފަރާތުންވެސް. މިހާތަނަށް އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިންވެސް ވަރަށް ހެލްޕި މިހާ ހިސާބަށް އަންނަން." ފައިހާ ބުންޏެވެ.
ގިނަ ގޮންޖެހުންތަކާ އެކު ކެރިއަރުގެ މިހާ ހިސާބަށް އާދެވުމުގައި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް އޭނާ ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. ހާއްސަކޮށް އޭނާގެ މަންމަގެ ކޮންމެ މުބާރާތެއްގެ، ކޮންމެ މެޗެއްގައި ވެސް ރަނގަޅަށް ކުޅުމަށް ދޭ ހިތްވަރު އޭނާ ޝުކުރެވެރިކަމާ އެކު ފާހަގަކުރެ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައި ފައިހާ އެ ދެއްކި ހިތްވަރަކީ ވޮލީބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންނަ ށްވެސް ގިނަ ފިލާވަޅުތައް ނެގޭނެ ކަމެކެވެ. އޭނާގެ އުއްމީދަކީ މި ވޮލީބޯޅައިގައި ކުރިއަށްދިޔުމުގެ ހުވަފެން ދެކެމުން އަންނަ ގިނަ ކުދިންތަކެއް މި ދާއިރާއަށް ނިކުތުމެވެ. ގޮންޖެހުންތައް ގިނަވި ނަމަވެސް ވަރުގަދަ އަޒުމެއްގައި ނިކުމެ ކާމިޔާބާ ހަމައަށް ދެވޭނެކަން ފައިހާ ދައްކައިދީފި އެވެ.












