Advertisement

މުޅި ރާއްޖެއަށް ބޭނުންވާ އާރްޓީއެލް ފެރީ ލޯންޗުތައް ބަންނަން ހަވާލުކުރަނީ

10 ސެޕްޓެންބަރު 2022 - 12:51 0

އާރްޓީއެލް ފެރީ ލޯންޗުތައް: މުޅި ރާއްޖެއަށް ބޭނުންވާ ފެރީތައް ބަނުމަށް ހަވާލުކުރުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


މުޅި ރާއްޖެއަށް ބޭނުންވާ އާރްޓީއެލް ފެރީ ލޯންޗުތައް ބަންނަން ހަވާލުކުރަނީ

10 ސެޕްޓެންބަރު 2022 - 12:51 0

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ބޭނުންވާ އުޅަނދުތައް ބަނުމަށް ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ފޭސް އެކެއްގެ މަސައްކަތްތައް ނިިންމި ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ދަތުރުތައް މިހާރު ވަނީ ފަށައިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު މި ނޫހަށް ވިދާޅުވީ އިތުރު ޒޯންތަކުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އިތުރު 65 ލޯންޗު ބަނުމަށް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ މަސައްކަތް މިހާރު ކުރެވެމުން ދަނީ، ވަރަށް އަވަސް މުސްތަގުބަލެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ، އެއިރުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

އެހެންނަމަވެސް މި މަސައްކަތް ނިމި، ހިދުމަތް ފެށޭނެ ތާރީހެއް އާޒިމް ވިދާޅެއް ނުވެ އެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކުގައި މިހާރު ބޭނުންކުރަނީ ގަލްފް ކްރާފްޓް މޯލްޑިވްސް އިން ބަންނަ 50 މީހުންގެ ޖާގައިގެ ފެރީ އެވެ. އެ ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ދަތުރުފަތުރުގެ ހިދުމަތް ދޭން އެމްޓީސީސީން ބޭނުންކުރާ އުޅަނދުތަކަށް ވުރެ ތިން ގުނަ ބާރަށް މި ފެރީތައް ދަތުރުކުރާނެ އެވެ. އެއީ، ގަޑިއިރަކު 30 ނޮޓު ބާރުމިނުގައި ދުވާ ހަލުވި ފެރީތަކެކެވެ.

އާރްޓީއެލްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަނެއް ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ. މި ލިންކް ހިންގާނީ ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި އެމްޓީސީސީންނެވެ.

އެ ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހުރިހާ އަތޮޅެއް އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން ގުޅާލާނެ އެވެ.