16 ޖުލައި 2022 - 07:46 0
ސާއިފް ޝިޔާދު
16 ޖުލައި 2022 - 07:46 0
ނިމިދިޔަ ހަފްތާގައި އެންމެ ބޮޑު ހަބަރެއްގެ ގޮތުގައި އޮތީ އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަވަށްޓެރި ސްރީލަންކާގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ގޮތަބަޔަ ރާޖަޕަކްސާ އެގައުމުން ފިއްލަވައި ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް އެހެން ގައުމަކަށް ވަޑައިގެންނެވުމަށް ފުރުސަތު ފަހިކޮށްދިނުމުން ރާއްޖެއާ ދެކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ދަންވަރު 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ. އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.
ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ގޮތަބަޔާ ހުންނެވިއިރު އެކަމާ ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކުރުމަށްފަހު ކޯޓަށް ގެންދިޔުމުން ދޫކޮށްލި އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެތިވުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި 32 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި ގޮތަބަޔާ ވަޑައިގަތީ ސިންގަޕޫރަށެވެ. ރައީސް ގޮތަބަޔާ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކިއުރިޓީ ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ.
ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮތަބަޔާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެމަނިކުފާނު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުން އަދާ ކުރި ދައުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ވެސް ކުރެއްވި އެވެ.
އެކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ސްރީ ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި އެ ގައުމުގެ އޭރުގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެ އެތެރެވުމަށް ކްލިއަރެންސް ދިނީ ލަންކާ ސަރުކާރުން އެކަމަށް ރަސްމީކޮށް އެދުމުން ކަމަށެވެ.
ބޮޑު އީދުގެ ކުޅިވަރުތައް މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްތަކަށް ކުޅިވަރުތަކުގައި ބައިވެރިވުމަށް ޒިޔާރާތްކުރިއިރު މިއީ ކޮވިޑާއެކު އެ ކުޅިވަރުތަކަށް މަޑުޖެހުމެއް އައުމަށްފަހު އަނެއްކާވެސް ރަސްމީ ސިފައެއްގައި އީދު ފޯރި ނެގުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.
އެމްއޭސީއެލްއިން އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ނިމި ހިދުމަތްތައް ފަށާފައި ވަނީ ނިމިދިޔަ ހަފްތާގަ އެވެ. މި ޓާމިނަލަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނަލް ޓާމިނަލެވެ. އެއާއެކު އެވްރެޖްކޮށް، 4500 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް މިތަން ބޭނުންކުރާނެ އެވެ.
މީހުންނަށް ނޭނގޭ ގޮތަށް "ވަގަށް" ސިޔާސީ ޕާޓީއަކަށް ވައްދާފައިވާ ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައެޅިކަން އިއުލާން ކުރި ފަހުން، އެފަދަ ޝަކުވާތައް ލިބޭ ވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.
ހިއްކޭނެ ތަންތަނާއި ނުހިއްކޭނެ ތަންތަން، އަދި ސިނާއީ އެހެނިހެން މަސައްކަތްތައް ކުރެވޭނެ ތަންތަނާއި ނުކުރެވޭ ތަންތަން ކަނޑައަޅައި "ސްޕޭޝަލް ޕްލޭނެއް" ދުރާލައި ހަދާފައި އޮތުމަކީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
މިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 2.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރިކަން ރިޕޯޓުކުރީ މިދިޔަ ހަފްތާގަ އެވެ. މިއީ ވޭތުވެދިޔަ 2021 ގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، މި އަހަރުގެ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ 74.1 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.
"ކުއާޓަލީ ނޭޝަނަލް އެކައުންޓްސް - ކުއާޓާ 1"
މިއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހުރި މިންވަރާއި އެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް އަސަރުކުރާ ދާއިރާތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ހިމަނައިގެން މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ އިން ނެރެފައިވާ ރިޕޯޓެކެވެ.
Comment