ކުޅިވަރު ގާނޫނުގެ އިސްލާހުގެ ބިލް މަޖިލީހުން ކޮށްލީ ބޭރު؛ ހަސަންގެ ބޮޑު ކަންބޮޑުވުމެއް

މިދިޔަ މަހު ކުރިއަށްދިޔަ ބައިނަލްއަގުވާމީ ޖޫނިއާ ޓީޓީ މުބާރާތުގެ މެޗެއް ބެއްލެވުމަށް މެމްބަރު ހަސަން ލަތީފް (ކ) ޔޫތު ސެންޓަރު އިންޑޯ ހޯލުގައި: ކުޅިވަރާ ބެހޭ ގާނޫނަށް ހަސަން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލެވުމުން އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ މަހު ކުރިއަށްދިޔަ ބައިނަލްއަގުވާމީ ޖޫނިއާ ޓީޓީ މުބާރާތުގެ މެޗެއް ބެއްލެވުމަށް މެމްބަރު ހަސަން ލަތީފް (ކ) ޔޫތު ސެންޓަރު އިންޑޯ ހޯލުގައި: ކުޅިވަރާ ބެހޭ ގާނޫނަށް ހަސަން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލެވުމުން އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކަ އެކެވެ. އެ ކަމަށް އިޝާރާތް ކުރައްވައި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

މެމްބަރު ހަަސަން، ހުށަހެޅުއްވި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ރިޔާސަތަށް އިއްޔެ ފޮނުވީ، ބިލް ފާސްކުރަން ނުފެންނަ ކަމަށް، އިޖުތިމާއީ ކޮމިޓީގެ އިއްތިފާގުން ނިންމުމަށް ފަހު އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި ބިލް ފާސްކުރުމަށް ވޯޓަށް އަހައިފަ އެވެ. ވޯޓަށް އެހި އެ ވަގުތު ޖަލްސާގައި ތިއްބެވި 60 މެމްބަރުންގެ ތެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ 18 މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.

Advertisement

ގަވާއިދުގައިވާ ގޮތުގެ މަތިން ބިލް އަލުން ކޮމިޓީ އަށް ފޮނުވަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ބިލް ކޮމިޓީ އަށް ފޮނުވުމަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ. އެކަމާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދިންއިރު، އަލުން ކޮމިޓީ އަށް ފޮނުވަން ބޭނުންވާ އަދަދު ކަމަށްވާ 27 ވޯޓު ހަމަނުވުމުން، މަޖިލީހުން މި އިސްލާހުގެ ބިލް ބޭރުކޮށްލީ އެވެ.

ހަސަން ހުށަހެޅުއްޅި ކުޅިވަރު ގާނޫނުގެ އިސްލާހުގެ މުހިންމު ބައެއް ކަންކަން

ހަސަން ހުށަހެޅުއްވި އިސްލާހުގައި އެންމެ ގިނަ ބަޔެއްގެ ކަޅި އަމާޒުވީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުގެ ބެލުމުގެ ދަށުން ކަމަށް ހިމަނުންވާފައިވުމެވެ.

އެކަމާ ދެކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވަނީ ވަގުުތުން ތެދުވެފަ އެވެ. މިނިސްޓަރާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުގެ ގަވާއިދަށް ރިއާޔަތްކޮށް ބުނީ މި އިސްލާހު މި އޮތްގޮތަށް ފާސްވެ، އިލެކްޝަން ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ބާއްވައިފިނަމަ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެސޯސިއޭޝަނަށް ފޯރިކަމަށް ބުނެ، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ.

ހަސަން އޭރު ވެސް ވިދާޅުވަމުން އައި އެއް ވާހަކަ އަކީ މިއީ 2015 ވަަނަ އަހަރު ވުޖޫދުވި ކުޅިވަރު ގާނޫނު އައި ފަހުން ހުށަހެޅޭ ފުރަތަމަ އިސްލާހު ކަމަށްވާއިރު، މީގެ މަޝްވަރާ ކުރެވިގެން ރަނގަޅު ގޮތްތަކެއް ހޯދިދާނެ ކަމަށެވެ. އެހެންވެ، ކޮމިޓީ އަށް ދިރާސާކުރަން މި ބިލް ގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނަށް ހަސަން ހުށަހެޅުއްވި އިސްލާހުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހުރިކަން ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކުޅިވަރު ގާނޫނު ތެރެއިން ވުޖޫދުވެ، ކުޅިވަރު ގާނޫނުގައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވި އޮތް، ސްޕޯޓްސް ކޯޕަރޭޝަނަށް ދައުރު ފުޅާވުމެވެ. ސްޕޯޓްސް ކޯޕަރޭޝަން އެ ކުންފުންޏެއްގެ ސިފައިގައި ހިނގައި، ބާރުތަކެއް ލިބޭ އިތުރު ގޮތްތަކެއް ކުޅިވަރު ގާނޫނުގެ ތެރެއިން ސާފުކޮށް ފެންނަން އޮތުމުގެ ފުރުސަތު މި އިސްލާހުން ލިބުމެވެ.

އިސްލާހު ހުށަހެޅުއްވި ސަބަބުގެ ތެރޭގައި ހަސަން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ކުޅިވަރާ ބެހޭ މުއައްސަސާތަކުގައި ހުރި ފުށޫއެރުންތައް ނައްތާލުމާއި އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއަށްދިއުމުގެ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި އެ ފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ހެދުމެވެ.

މީގެ އިތުރުން ވެސް ކުޅިވަރުގެ އެކިއެކި ގިނަ ކަންތައްތަކަށް މި އިސްލާހުގައި އަލި އަޅުވާލާފައިވާއިރު، ހަސަން ވިދާޅުވީ މިއީ ގިނަ ފަރާތްތަކުގެ ލަފާގެ މަތިން ދިވެހި ކުޅިވަރުގެ ހައްގުގައި ކުރި މަސައްކަތެއް ކަމަށެވެ.

އިޖުތިމާއީ ކޮމިޓީގެ ނިންމުން

ކުޅިވަރާބެހޭ ގާނޫނަށް ހަސަން ހުށަހެޅުއްވި އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރުމަށް ފަހު، ފާސްނުކުރަން އިޖުތިމާއީ ކޮމީޓީން ނިންމީ ގިނަ ގޮތްގޮތަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ކޮމިޓީގެ މުގައްރިރު އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު، އިއްޔެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ.

އެ ގޮތުން ކޮމިޓީން ދިރާސާ ކުރެވުނުއިރު، އޭގެ ތެރެއިން ދިޔަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވުނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ކަންކަން ކުރިއަށްގެންދަން ޖެހޭނީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގެ މަތިން ކަމަށް ޝިފާއު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު، އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު ވާހަކަދައްކަވަނީ.

ޝިފާއު ވިދާޅުވީ، ހަސަންގެ އިސްލާހުގައިވާ ގޮތަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ނިންމައިފިނަމަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ކޮމިޓީ އަށް ފާހަގަކުރެވުނު ކަމަށް ޝިފާއު ވިދާޅުވި އެވެ.

އެ ގޮތުން ހަސަން ހުށަހެޅުއްވި މި އިސްލާހުގައި ހުރި ބައެއް ކަންކަން ފުށުއަރާ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުގެ މިސާލުތަކެއް ކޮމިޓީ ރިޕޯޓްގައި ވަނީ ބަޔާންކޮށްފަ އެވެ.

ޝިފާއު ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓަރާއި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި ބާސްކެޓްބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން ފީބާ އަދި ފެތުމުގެ ބައިނަލްއަގުވާމީ ޖަމިއްޔާ، ފީނާގެ ގަވާއިދުތަކާ މި އިސްލާހުގައި ހުރި ކަންތައްތަކާ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

މި ހުރިހާ ކަމަކަށް ބަލައި، ކޮމިޓީ އަށް މި ބިލް ފާސްކުރަން ނުފެންނަ ކަމަށް ނިންމީ 23 މެއި 2022 ވަނަ ދުވަހު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މެމްބަރު ހަސަން އާއި އިތުރު މެމްބަރުންގެ ކަންބޮޑުވުންތަކެއް

އިއްޔެގެ ޖަލްސާގައި ހަސަން ވިދާޅުވީ ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އަމިއްލަ މަސްލަހަތު އޮތް ކަމެއްގެ ގޮތުގައި ކަމެއް ކުރެއްވުމުގެ ބަދަލުގައި، މިއީ އެމްޑީޕީގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމަނާފައިވާ ކަމެއް ކަމަށްވާތީ ކަމަށެވެ.

ހަސަން ވިދާޅުވީ އިޖުތިމާއީ ކޮމިޓީން ބިލް ފާސްނުކުރަން ނިންމި ނިންމުމަށް ތާއީދުނުކުރައްވާ ކަމަށެވެ. އެ ގޮތުން ކޮމިޓީން މައްސަލަ ދިރާސާ ކުރިއިރު، އުސޫލީ މައްސަަލައެއް ހަސަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ހަސަން މި ގޮތަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީން ބިލެއް ދިރާސާކުރާއިރު، އެ ބިލެއް ހުށަހެޅުއްވި ފަރާތެއް ކޮމިޓީ އަށް ހާޒިރުކުރާއިރު، އިޖުތިމާއީ ކޮމިޓީން މި ކުޅިވަރާ ގުޅޭ އިސްލާހުގެ ބިލް ދިރާސާ ކުރިއިރު އޭނާ ހާޒިރުކޮށްފައިނުވާތީ އެވެ.

ކޮމިޓީން މައްސަަލަ ދިރާސާކޮށް ހުށަހެޅުއްވި ރިޕޯޓްގައި ސްޕޯޓްސް ކޯޕަރޭޝަނަށް ބާރު ލިބޭ ގޮތަށް އޮތް ބަޔާއި ދައުލަތަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ މެނޭޖްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން އުފުލަން ޖެހޭ ބުރަތަކަށް އޮތް ލުޔާ ގުޅޭ ބަޔަށް އަލި އަޅުވާލާފައިނުވާތީ ހަސަން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ހަސަން ވިދާޅުވީ ކުޅިވަރު ގާނޫނަށް އިސްލާހު ކުރައްވަން އޭނާ ހުށަހެޅުއްވި ބިލް ދިރާސާކުރަން ތިއްބެވި މެމްބަރުންނަށް މިކަންތައްތައް ކުރިއަށްދާ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބިފައިނެތި ދިރާސާ ރިޕޯޓެއް ހުށަހެޅުމުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

"މިއީ ނުބައި މައުލޫމާތެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް އަޅުގަނޑު ހިތާމައާ އެކު ދަންނަވާލަން ޖެހޭ،" ހަސަން ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓްގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އިލެކްޝަން ކޮމިޝަންގެ ބެލުމުގެ ދަށުން ގެންގޮސްފިނަމަ، އެއީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ހިނގާ ކަމެއް ކަމަށްވާތީ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ހިމަނުންވާފައިވާ ބަޔަށް އަލި އަޅުވާލައި، ހަސަން ވިދާޅުވީ އެއީ އެކަން ކުރިއަށްދާނެ ގޮތެއް ނޫން ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން އުސޫލެއް ކަނޑައަޅައިގެން (ކުޅިވަރު އެސޯސިއޭޝަނެއްގެ) އިންތިހާބު ބާއްވަން ކަނޑައަޅާފައެއް ނޯންނާނެ. އެއީ ހަގީގަތާ ހިލާފަށް، ބިލްގައި އޮތް ކަމަށް ވިދާޅުވާ ބިލްގައި ނެތް ވާހަކައެއް،" ހަސަން ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނުން އިންތިހާބެއް ބޭއްވީމަ އެއީ ނުފޫޒު ފޯރުވުން ކަމަށް ދެކެންޏާ އެއީ ވަރަށް ބޮޑު މައްސަަލައެއް. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ މި މަޖިލީހުގެ އިންތިހާބު ވެސް ބާއްވަނީ އިލެކްޝަން ކޮމިޝަނުން. އެއީ ނުފޫޒު ފޯރުވުން ކަމަށް ގާނޫނު މާނަކުރެވޭ ކަމަށްވަންޏާ އިލެކްޝަން ކޮމިޝަނުން އިންތިހާބެއް ނުބޭއްވޭނެ ނުފޫޒު ނުފޯރުވޭ ގޮތަށް. އެއީ ވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫން،"

2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި އިވެންޓެއްގެ ތެރެއިން މެމްބަރު ހަސަން.

ހަސަން ވިދާޅުވީ ކޮމިޓީން މި ބިލް ފާސްނުކުރަން ނިންމީ މިކަން ކުރަން ބޭނުންނުވެގެން ކަމަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކުން ފޮނުވާ ލިޔުމެއް ބަލައިގެން މަޖިލީހުގެ ކޮމިޓީ އަކުން ގޮތް ނިންމާ ކަމަށްވަންޏާ އެއީ ދެރަ ކަމެއް ކަމަށް ހަަސަން ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި މި ބިލް މަޖިިލީހަށް ބަލައިނުގަންނަން އެންމެ ފުރަތަމަ ވެސް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގައި ވާހަކަ ދެކެވުނު ކަމަށް ހަސަން ވިދާޅުވި އެވެ. އެކަމަކު، އޭގެ ތެރޭގައި ތިބި ބައެއް މެމްބަރުން ތަންކޮޅެއް ރަނގަޅަށް ވިސްނަވައި، ނިންމީ މި އިސްލާހުގެ ބިލް ކޮމިޓީ އަށް ދިރާސާ ކުރަން ފޮނުވުމަށް ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު މި ބިލް ހުށަހެޅިއިރު ވެސް، މި ދައްކަނީ 2020 ވަނަ އަހަރުގެ ވާހަކަ. އޭރު ވެސް ސަރުކާރުން ބުނަމުންދިޔައީ، ސަރުކާރުންނޭ މި ދަންނަވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވާހަކައެއް ނޫން. ކުޅިވަރާ ބެހޭ މިނިސްޓްރީން އޭރު ވެސް ބުނަމުންދިޔައީ ކުޅިވަރާ ބެހޭ ބިލަށް ގެންނަ އިސްލާހުތަކެއް ޑްރާފްޓްކުރަމުން ގެންދާ ކަމުގެ ވާހަކަ. އިއްޒަތްތެރި ރައީސް ދެ އަހަރުވެގެން ދިޔައިރު އަދިވެސް ބަންޑާރަ ނައިބުގެ އޮފީހަށް އެ ވިދާޅުވާ ބިލެއް ގޮސްފައެއް ނެތް،" ހަސަން ވިދާޅުވި އެވެ.

"އެހެންވީމަ، އެކަން ނުވަނީތޯ، ގަސްދުގައި ނުކުރަނީތޯ، އެއީ ބައެއް ބޭފުޅުން ހިތްޕުޅުގައި އޮތް ސުވާލެއް ކަމަށް ވިޔަސް އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު. އެ ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ނުގެނައިމާ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އެ ނަންގަވާ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އިންތިހާ އަށް ބޮޑަށް އެ އޮންނަނީ ހުޅުވިފައި. އެހެންވެ އިސްލާހުތައް ނުގެނެވި އެ އޮތީ،"

ހަސަން ވިދާޅުވީ އޭނާ ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅީ ކުޅިވަރުގެ އެކި ކަންކަމުގައި އިސްކޮށް ޝާމިލުވާ ފަރާތްތަކާ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. މިއީ "އެކަނިމާ އެކަނި ލިޔެލާފައިވާ އެއްޗެއް" އޭނާ އަމިއްލަ އަށް ބޭނުންވާ ކަމެއް ހާސިލްކުރަން ޒާތީ ވިސްނުމެއްގައި ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

"ދެން އޮތީ އެންމެ ބޮޑު ވާހަކަ. ދެން، މި ރިޕޯޓް އެމްޑީޕީގެ ތިން މެމްބަރަކު ކޮމިޓީގައި ތިއްބަވައިގެން މިހެން މި ރިޕޯޓް ބޭރުކުރަން ފާސްކޮށްފައި މި ތަނަށް ފޮނުވީމަ، އެއް ދުވަހު ހެދުނު ޕާލިއަމެންޓަރީ ގްރޫޕުން ނިންމާލަފާނެ، މި ރިޕޯޓަށް ތާއީދުކޮށްފައި މި ބިލް ބޭރުކޮށްލަން. އެ އަށް އަޅުގަނޑު ވޯޓު ދޭންވީތޯއޭ. ނޫން އަޅުގަނޑެއް ނުދޭނަން މި ބިލްބޭރު ކޮށްލާކަށް ވޯޓެއް،" ހަސަން ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް: މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ކުޅިވަރު ގާނޫނަށް އިސްލާހު އަންނަން ޖެހޭ ކަަމަށް ވިދާޅުވެފައި.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިއްޔެގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވީ ކުޅިވަރު ގާނޫނަށް މި ފަދަ ބޮޑެތި ބަދަލު ގެނެސް ކުޅިވަރު ހިންގުން ހަރުދަނާ ކުރަން ގެނެވޭ މިފަދަ އިސްލާހުތަކުގެ މުހިންމުކަން އޭނާ އަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ކުޅިވަރު ގާނޫނަށް ވަރަށް ގިނަ ގޮތްގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ ފަދަ މި ފަދަ ރަނގަޅު އިސްލާހެއް މަޖިލީހުން މި ގޮތަށް ބޭރުކޮށްލަން ނިންމުމަކީ "ކުޅިވަރު ކުޅެން ތިބި މީހުންގެ އުންމީދުތަކަށް ފަސް އެޅުން" ކަހަލަ ކަމެއް ކަމަށެވެ. މި ފަދަ ކަންކަން މަޖިލީހުން ކޮށްގެން ނުވާނެ ކަމަށާއި ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކުރަން ކުޅިވަރުގެ ކަންކަން ރަނގަޅަށް ދަންނަ "އެކްސްޕާޓުން"ގެ އެހީ ހޯދަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އިޖުތިމާއީ ކޮމިޓީގައި ހިމެނޭ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ވެސް މީގެ ކުރިން އިންނެވި ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ކޮމިޓީ މަރުހަލާގައި މި ކުޅިވަރު އިސްލާހުގެ ބިލަށް އެކަށީގެންވާ ގޮތަށް މާ ބައިވަރު ރަނގަޅު ދިރާސާއެއް ނުކުރެވޭ ކަމަށެވެ. އަދި ބިލް ފާސްނުކުރަން ނިންމީ ޔޫތު މިނިސްޓްރީން އައި "ފޯން ކޯލް" އަކަށް ބެލުމަށް ފަހު ކަމަށް ހުސެއިން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox