Advertisement

2017 ގައި ބޮމެއް ގޮއްވާލަން ރޭވީ ކުނޫޒު ޖަލްސާއަކަށް އަމާޒުކޮށް: ދައުލަތް

8 ޖޫން 2022 - 16:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


2017 ގައި ބޮމެއް ގޮއްވާލަން ރޭވީ ކުނޫޒު ޖަލްސާއަކަށް އަމާޒުކޮށް: ދައުލަތް

8 ޖޫން 2022 - 16:14 0

އޭޕްރީލް 2017 ގައި މާލޭގައި މީހުން އާންމުކޮށް އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގައި ބޮމެއް ގޮއްވާލަން ރޭވީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ކަން ދައުލަތުން މިއަދު ބުނެފި އެވެ.

މި މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ރާވަން އުޅުނު ކަމުގެ ދައުވާ އުފުލީ ގދ. މަޑަވެލި ގަމަރީ އިއުތިސާމް މުހައްމަދު ސައީދާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްއާއި، ހއ. ހޯރަފުށި ވިދުވަރުގެ ނާސިއު މުހައްމަދުއާއި، ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފެވެ.

މީގެ ތެރެއިން ތަސްލީމާއި އިއުތިސާމް ދޫކޮށްލާފައި ހުއްޓައި ފަހުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ. އެ ފަހުން ހާއްސަ ގާނޫނުގެ ދަށުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ހަތަރު މީހުންނަށް ވެސް ދައުލަތުން އުފުލާފައިވާ ދައުވާ ވަކިވަކިން އިއްވުމެވެ. އެކަމަކު ނާސިހްގެ ދިފާއީ ވަކީލް މިއަދު ހާޒިރު ނުވާތީ އޭނާގެ ބައި ފިޔަވައި ދެން ތިބި މީހުނަށް ކުރާ ދައުވާ ދައުލަތުން އިއްވި އެވެ.

އެ ދައުވާތައް އިއްވަމުން ދައުލަތުގެ ވަކީލު މުހައްމަދު އާސިރް ވިދާޅުވީ ފުލުހުންނަށް އޭރު ލިބުުނު އިންޓެލް މައުލޫމާތަކީ މ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އޮފީހުގައި އައިޑީއީއެއް ތައްޔާރުކުރަން ރޭވީ އޭރު ކުނޫޒުގައި ޖަލްސާއެއް ބާއްވާ ވަގުތަކަށް އެ ބޮން ގޮއްވާލަން ކަމަށެވެ. ފުލުހުން އެ ތަން ބަލައިފާސްކުރިއިރު ބޮން ތައްޔާރު ކުރަން ބޭނުންވާ ތަކެތި ފެނިފައިވެ އެވެ.

ދައުލަތުން ދައުވާ އިއްވުމުން ތަސްލީމާއި އިއުތިސާމްއާއި ޝިމާން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އިއުތިސާމް އިތުރަށް ބުނީ 2017 ގައި މި ތުހުމަތު ކުރިއިރު ވެސް މި ކަމަށް އިންކާރު ކުރި ކަމަށާއި، އޭގެ އަހަރުތަކެއް ފަހުން މިހާރު ފެންނަނީ އެ ކަމުގައި "ސިޔާސީ ކުލަ ޖައްސަން" އުޅޭ މަންޒަރު ކަމަށެވެ.

މ. ކުނޫޒުގައި އޭރު ސިލްސިލާކޮށް އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ބާއްވަމުން ދިޔަ އެވެ. އޭރު އޮތް ސަރުކާރާ ދެކޮޅަށް އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އިއްތިހާދެއް އުފައްދައި ސިޔާސީ ގިނަ ހަރާކްތަތަކެއް ގެންދިޔައީ ބާއްވަމުންނެވެ.

ދައުވާ ސާބިތު ކުރަން ދައުލަތުގެ ގިނަ ހެކިތަކެއް

ދައުވާ އިއްވުމަށް ފަހު ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހަޅާ ހެކިތައް ހާމަ ކުރަން ޝަރީއަތުން އެންގި އެވެ. ހެކިތަކުގެ ތެރޭގައި ބައެއް ސިއްރު ހެކިވެރިންނާއި ސިއްރު ކުރަން ދައުލަތުން އެދިފައިވާ އިންޓެލިޖެންސް ރިޕޯޓެއް ހިމެނެ އެވެ. އެކަމަކު ޝަރީއަތުން ކުރިން ނިންމާފައިވަނީ ރިޕޯޓް ހާމަ ކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ރިޕޯޓް ދިފާއަށް ދޭން ވެގެން ދިރާސާ ކުރަމުން ދަނިކޮށް، އެ ރިޕޯޓްގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ މައުލޫމާތު ހުރިކަން ފާހަގަވި ކަމަށް ބުނެފަ އެވެ. އެހެންވެ ޝަރީއަތުގެ ނިންމުން ރިވިއު ކުރަން އެދުނެވެ.

އެކަމާ މެދު ގޮތެއް ނިންމާނީ އެހެން އަޑުއެހުމެއްގައި ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. އަދި ސިއްރު ނުކުރާ ހެކިތަކާއި ހެކިތައް ހުށަހެޅި ސަބަބުތައް ޝަރީއަތުގައި ހާމަކުރަން ވެސް އެންގެވި އެވެ.

ދައުލަތުގެ ހެކިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަހުގީގުގައި ހިމެނޭ އޮފިސަރުންގެ ހެކިބަހެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންނާއި، ފޮރެންސިކް އެކި ރިޕޯޓްތައް ތައްޔާރު ކުރި އޮފިސަރުން ވެސް ހިމެނެ އެވެ.

ފުލުހުން އޭރު ބަލައިފާސްކުރި ބޮން ގޮއްވާ ވަރުގެ ކެމިކަލްއެއް ކައްކަން ބޭނުން ކުރާ ސާމާނާއި، ރޭޒާ ފުއްތައް ހުރި ފުޅިއަކާއި އަދިވެސް އިތުރު އެއްޗެހި ފެނިފައިވާކަން ދައުލަތުން ބުންޏެވެ. ބޮން ހަދަން ބޭނުން ކުރާ ވަޔަރުތަކާއި ޕްރެޝަރު ކުކަރާއި ފޯނުތަކެއް ވެސް ފެނިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރަށް ދައުވާ ރައްދުވާ ފަރާތްތަކުގެ މެދުގައި ދެއްކިފައިވާ ވާހަކަތަކުގެ އަޑު ހިމެނޭ އޯޑިއޯއަކާއި އެ އަޑު އަހާފައިވާ ސިއްރު ހެކިން ވެސް ދައުލަތުން ހުށަހަޅާފައިވެ އެވެ.

އޭރުު ސީރިއާގައި އޮތް ހަނގުރާމައަށް ދެވޭނެ މަގު ސަރުކާރުން ބަންދު ކުރާތީ، އެކަމާ ނުރުހި ވާހަކަ ދެއްކިކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިޔާސީ ޕާޓީތައް ހިންގާތީ ނުރުހިގެން، ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފައްދަން ޖެހޭ ކަމަށް ބުނެ ވެސް ވާހަކަތައް ވެސް ދައުލަތުން ދައްކާފައިވެ އެވެ.

މައްސަލަ އަލުން ބަލަން ފެށުން، ދިފާއުގެ ބައެއް ނުކުތާތައް

މި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ގެންދިޔައީ ސިއްރުންނެވެ. އެއީ އެ މައްސަލާގައި ގައުމީ ސަލާމަތުގެ ބައެއް ސިއްރުތައް ހިމެނޭތީ ކަމަށް ދައުލަތުން ބުނެގެެނެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަދަލުވެ، މައްސަލައާ ދެން ހަވާލުވި ގާޒީ އަލީ ނަދީމް ނިންމެވީ މައްސަލަ އަލުން ފަށައިގެން ގެންދިއުމަށެވެ.

ކުރިން މި މައްސަލަ ގެންދިޔައިރު ދައުލަތުން އިއްވި ދައުވާއާއި ފަހުން މައްސަލަ އަލުން ފަށަން ގާޒީ ނިންމަވައި އެ ނިންމެވުމުގެ ދަށުން މިއަދު އިއްވި ދައުވާއާ ތަފާތުތަކެއް ހުރި ކަން ތަސްލީމާއި އިއުތިސާމްގެ ވަކީލު އަހްމަދު ޔާމީން ފާހަގަ ކުރެއްވި އެވެ.

އެ ގޮތުން ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ހުށަހަޅާ ސަބަބާއި އެ ހެކިތަކުން ސާބިތު ކުރަން އުޅޭ ކަންކަން ބަދަލުވެފައިވާ ކަން ދިފާއުން ފާހަގަ ކުރި އެވެ. ދިފާއީ ވަކީލް ވިދާޅުވީ ހެކިތައް އިތުރުވެ އުނިވެދާނެ ކަމަށާއި އެކަމަކު ހެއްކެއް ހުށަހަޅާ މުޅި ސަބަބު ބަދަލުވުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ މައްސަލައައިގެން ކުރިއަށް ގެންދިއުމަށެވެ. އެއީ މައްސަލަ އަލުން ބަލަން ފަށަން ގާޒީ ނިންމެވުމުން ދައުވާ އިތުރަށް ފުރިހަމަކުރަން ދައުލަތުން އެދުމުން އޭރު ވެސް ގޮތެއް ނިންމަވާފައިވާތީ އެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ކުރިއަށް ދިފާއީ ހެކި ހުށަހަޅަން އަދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ގާޒީ އެންގެވި އެވެ.