Advertisement

ޖަލު ހުކުމް ތަންފީޒުކުރަން އަސްހަދު ގެނެސްދޭން ޕޮލިސްގައި އެދިއްޖެ

2 ފެބުރުވަރީ 2022 - 19:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަސްހަދު އަލީ: އޭނާ ރާއްޖެ ގެނެސްދޭން ފުލުހުގައި ވަނީ އެދިފައި --


ޖަލު ހުކުމް ތަންފީޒުކުރަން އަސްހަދު ގެނެސްދޭން ޕޮލިސްގައި އެދިއްޖެ

2 ފެބުރުވަރީ 2022 - 19:15 0

ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައަޅާފައިވާ ކަމަށް ކަނޑައަޅައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އަށް އިއްވި ޖަލު ހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެނެސްދޭން ކަރެކްޝަނަލް ސާވިސްއިން ފުލުސް އޮފީހުގައި މިއަދު އެދިއްޖެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރަނީ އެ އޮފީހުގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި އޮއްވާ އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ކޯޓުން ފުރުސަތު ދިނީ، ޝަރީއަތް ފެށުމުން ކޯޓަށް އަލީ ވަހީދު ހާޒިރުވާނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުންނެވެ.

ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ. އެހެންވެ, ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައި އަސްހަދު ހާޒިރުކޮށް އަލީ ވަހީދު އެ ކޯޓަށް ހާޒިރުކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދިނެވެ. އެ މުހުލަތުގައި ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.

އެހެންވެ, މިއަދު ކުރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލުކޮށް އަސްހަދަށް ހާޒިރުވާން އެންގި އެވެ. ނަމަވެސް, އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި, އަދި ޖާމިނުވި އެއްބަސްވުމާ އެއްގޮތަށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިނުވާތީ އެކަމުގެ އަދަބެއްގެ ގޮތުން އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ގާޒީ ހަސަން ސައީދު އިއްވެވި އެވެ.

އެ ހުކުމް އިއްވުމަށްފަހު, އެ ތަންފީޒުކުރުމަށް ކުރިމިނަލް ކޯޓުން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކުރި އެވެ. އަސްހަދުގެ ޣައިރު ހާޒިރުގައި އެ ހުކުމް އިއްވިއިރު އޭނާ ވަނީ ރާއްޖޭން ފުރައިގެން ވަޑައިގެންފަ އެވެ. މިވަގުތު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައި, އަލީ ވަހީދާއެކު ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށަށް އަލީ ވަހީދުގެ މައްޗަށް ވެސް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިހާތަނަށް ފުލުހުންނަށް އަލީ ވަހީދު ރާއްޖެ ގެނެވިފައިނުވާތީ އެ ހުކުމް އޮތީ ތަންފީޒު ނުވެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު "އަދަދު"އަށް ވިދާޅުވީ ޣައިރު ހާޒިރުގައި އަސްހަދަށް ކުރި ހުކުމާ ގުޅިގެން ހުކުމް ތަންފީޒުކުރަން އޭނާ ގެނެސްދޭން ފުލުސް އޮފީހުގައި އެދިފައިވާ ކަމަށެވެ. އަދި ފުލުހުން ކުރަން ޖެހޭ ކަންކަން ނިމުމުން އޭނާ ގެންނާނެ ކަމަށް ވެސް ޔުސްރީން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދުގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ދިޔަ އެވެ. އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އޭނާ ކުރިމިނަލް ކޯޓުގައި އެދުނީ ބޭސްފަރުވާ ކުރިއަށް ގެންދަން ޖެހޭތީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

އެ އިންތިޒާމް ކުރިމިނަލް ކޯޓުން ހަމަޖައްސައި, އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން ދެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް, އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.